ފ. މަގޫދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު، ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ ހަމީދުއެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 206,877,891.32 ރުފިޔާއެވެ.

އެމްޓީސީސީން ބުނީ މަގޫދޫގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓް އަޅާ ބިން ހިމެނޭ ގޮތަށް، މި މަޝްރޫޢުގެ ދަށުން 47.8 ހެކްޓަރުގެ ބިން ހިއްކިގެންދާނެ ކަމަށެވެ. އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 3339 މީޓަރުގެ ރިވެޓްމަންޓް ޖަހާ 90 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައި ވަނީ 650 ދުވަސް ތެރޭގައެވެ.

އެމްޓީސީސީ 1980 ވަނަ އަހަރު އުފެދުނީއްސުރެ، އެ ކުންފުންޏަކީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު ބައިވެރިއެކެވެ. ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާ ކުރުމުގައި އެމްޓީސީސީ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.