އދ. މަންދޫން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 12 އަށް އަރައިފިއެވެ.

މަންދޫ ހެލްތް ސެންޓަރުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އިއްޔެ އާއި ހަމައަށް އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 12 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކުރިން ފައްސިވެފައިވާ މީހުންނާއި ގާތުން އެއްތާވި ނުވަ މީހަކާއި ފްލޫ ކްލިނިކަށް ދެއްކި އެކެއްގެ އިތުރުން ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކުގެ ތެރެއިން ދެ ސުންކެވެ.

މަންދޫން އެންމެ ފުރަތަމަ ބަޔަކު މީހުން ކޮވިޑަށް ފައްސިވެފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އޭރު އެރަށުން ކޮވިޑަށް ފައްސިވީ ރާއްޖޭން ބޭރުން އައި ބިދޭސީ ތިން ޓީޗަރުންގެ އިތުރުން ކުރިން ފައްސިވެފައިވާ މީހަކާއި ގާތުން އެއްތާވި ތިން މީހެކެވެ.

މަންދޫގެ އިތުރުން އދ. އަތޮޅުގެ ނުވަ ރަށަކުން މިހާރު ވަނީ ކޮވިޑް ފެނިފައެވެ. އެއީ ހަންޏާމީދޫ، އޮމަދޫ، ކުނބުރުދޫ، މަހިބަދޫ، ދަނގެތި، ދިގުރަށް، ފެންފުށި، ދިއްދޫ އަދި މާމިގިލިއެވެ. މި ރަށްތަކުން ޖުމްލަ 280 މީހަކަށް މިވަގުތު ވަނީ ކޮވިޑް ޖެހިފައެވެ.