ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އިންތިހާބު އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ނިންމާ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު ކޮމަންޑޫގެ ގިނަ ގެތަކެއް ވަނީ ކަރަންޓީނު ކުރެވިފައެވެ.

މިއަދު "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމަންޑޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ ރަށުގެ 31 ގެ މިހާރުވެސް ކަރަންޓީނުގައި ހުރި ކަމަށެވެ. އަދި މިވަގުތު ކޮވިޑަށް ފައްސިވެފައިވާ 20 މީހުން އެބަތިބި ކަމަށް ވެސް އެރަށުގެ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދު އަވަހާރަވުމާއި ގުޅިގެން ގާނޫނުގައި އޮންނަ ގޮތަށް 60 ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ތައްޔާރުވެފައެވެ. އެގޮތުން އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ އިންތިހާބުގައި ޖުމުލަ ތިން ސިޔާސީ ޕާޓީއެއްގެ ފަރާތުން ތިން ކެނޑިޑޭޓަކު ވާދަ ކުރެއެވއ.

އެގޮތުން ސަރުކާރުގެ ފަރާތުން ވާދަކުރައްވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓު މުހައްމަދު ރާޝިދު (ރާޑޯ) އެވެ. އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރީގެ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މޫސާ ފަތުހީ ވާދަކުރައްވާއިރު އަލަށް އުފައްދާފައިވާ އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދްރީސް ވަނީ އިންތިހާބަށް ކުރިމަތިލައްވާފައެވެ.

އިންތިހާބަށް ހަފްތާއަކަށް ވެފައިވާއިރު ކޮމަންޑޫގައި ތިން ޕާޓީގެ ފަރާތުން ވެސް އަންނަނީ ކެމްޕޭން ހަރަކާތްތައް ކުރިޔަށް ގެންދަމުންނެވެ. މިގޮތުން ސިޔާސީ ހިނގާލުންތަކާއި ދޮރުން ދޮރަށް ޒިޔާރަތް ކުރުމުގެ ހަރަކާތްތައް ވެސް ކުރިޔަށް ގެންދާކަން ފާހަގަ ކޮށްލެވެއެވެ.

އިއްޔެ ވެސް އިދިކޮޅު ޕީޕީއެމުންނާއި އަދި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ވެސް ވަނީ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައެވެ. އެހެންނަމަވެސް އިއްޔެ އެމްޑީޕީން ކުރިޔަށް ގެންދިޔަ ހިނގާލުމުގައި ފައްސިވެފައިވާ ފަރާތަކާއި ގާތުން ބައްދަލުވެފައިވާ ފަރާތެއް ބައިވެރިވުމާއި ގުޅިގެން ސިއްހީ މަރުކަޒުގެ އެންގުމަށް ހިނގާލުން ވަނީ ހުއްޓާލާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހުމަދު

    ރައްޔިތުން ހަނާވިއަސް ވެރިން ބޭނުންވާނީ ވޯޓް

    15
  2. ކާފަ

    ދެން ކިހެނެކޯ ވޯޓްލަނީ

    13
    • ލޮލް

      ކޮންމެވެސް ސޯސަލްމީޑީއާއެއްގައި ޕޯލެއް ހުޅުވައިގެން. އެހެންނޫނީ ޖެހޭނީ އީސީ ވެބްސައިޓުގައި ޕޯލެއް ހުޅުވަން.

  3. ޢަބުދުﷲ ބޭ

    ދެން މިހާރު ދިރާސާތަކުން ދައްކާ ގޮތުންނޭ ބުނެ ވޯޓް ނުނަގާ އެމްޑީޕީ ކާމިޔާބުކުރިކަމައް ހަދާފަ ނިންމަފާނެ ސާހިދު މެން ބަހުލޫލު މެން ނިކަން މޮޅުވާނެ ދިރާސާ އައް.