އަނެއްކާވެސް ރާއްޖޭގެ ވެރިކަމަށް އެމްޑީޕީގެ ވެރިކަމެއް އަތުވެއްޖެނަމަ، އިސްލާމީ އުސޫލުތަކަށް ހުރަސް އެޅިގެންދާނޭކަމަށ، ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި ވާދަކުރައްވަވާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ރަނިންގ މޭޓް، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައިވަނީ މިރޭ ރާއްޖެ ޓީވީ އިން ގެނެސްދިން ފަލަސުރުޚީ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ޕްރޮގުރާމުގައި ޑރ. ޝަހީމް ވިދާޅުވެފައިވަނީ، ދެންވެސް އެމްޑީޕީގެ ވެރިކަމެއް އައިސްފިނަމަ، ރާއްޖޭގައި އިސްލާމް ދީނަށް ހުރަސް އެޅިދާނެކަމަށް ބުނެފައިވަނީ، އެއީ އެޕާޓީގެ ފަލްސަފާ ކަމުގައިވާތީކަމަށެވެ. މިކަމަށް ބާރުދޭ އެތައް ހެއްކެއް، އޭނާ ދައްކަވާފައިވެއެވެ.

"ވަރަށް ބޮޑަށް ހުރަސް އެޅިގެން ދާނެ. އެއީ ދިވެހިރާއްޖޭގައި މީގެކުރިން އަޅުގަނޑުމެންވަނީ ތަޖުރިބާކޮށްފައި ކަންތައްތައް." އޭނާ ވިދާޅުވިއެވެ.

އެގޮތުން، ޑރ. ޝަހީމް ވިދާޅުވެފައިވަނީ އެމްޑީޕީ އިން ރާއްޖޭގައި ތިން އަހަރު ދުވަސް ވަންދެން ކުރި ވެރިކަމެއްގައި، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ އާއްމު ކުރަން މަސައްކަތް ކުރިކަމަށެވެ. ހަމައެހެންމެ، ފާޅުގައި އިޒްރާއިލާއެކު ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރިކަމަށްވެސް ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

"މިއަދު ކޯލިޝަން އިން އެތާއީދު ކުރަނީ އެމްޑީޕީގެ ފަލްސަފާއަށް. އެމްޑީޕީގެ ފަލްސަފާ ބަދަލުވެއްޖެކަމެއް މުޅިއަކުން އެމްޑީޕީ އަކުން ބަޔާންކޮށްފައެއް ނުވޭ. އެމްޑީޕީގެ ފަލްސަފާ އަކީ އެމްޑީޕީގެ ފަލްސަފާ." ޑރ. ޝަހީމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ ވެރިކަމެއްގައި، ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިންނަކީ ނިރުބަވެރިން (ޓެރަރިސްޓުން) ގޮތުގައި ދައްކަން މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކުރައްވާފައިވާ ލިޔުމެއްގައި، ޑރ. ޝަހީމާއި ޝައިޚް އިލްޔާސް ޙުސައިން އަދި ޝައިޚް އާދަމް ޝަމީމަކީ ނިރުބަވެރިންކަމަށް ސިފަކޮށް އާއްމުކޮށްފައިވާކަމަށެވެ. އަދި، އެލިޔުމުން، ޑރ. ޝަހީމުގެ ނަން އުނިކުރީ، ބައެއް ނޫސްވެރިން ރައީސް އޮފީހަށް ގުޅައިގެންކަމަށްވެސް ވިދާޅުވިއެވެ.

"އެމްޑީޕީގެ ފަލްސަފާ އަޅުގަނޑުމެންނަށް ވަރަށް ސާފުވެފައި އޮތީ، އަރަބި އިސްލާމީ ތައުލީމު ނައްތާލަން މަސައްކަތް ކުރުން. އިޒްރޭލާ ގުޅުން ގާއިމް ކުރުން. ދިވެހިރާއްޖޭގައި ކުރުން ހެޔޮނުވާވަރުގެ ކަންތައްތައް ކުރުން، ބަނގުރާ އާއްމުކުރުން." ޑރ. ޝަހީމް މިރޭ ރާއްޖެ ޓީވީގައި ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް، އިދިކޮޅުން ރިޔާސީ އިންތިޙާބަށް ނެރޭ ކެންޑިޑޭޓްކަމުގައިވާ އިބްރާހީމް މުޙައްމަދު ޞާލިހަށް އިޙުތިރާމް ކުރައްވާކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

"ވިތް ރެސްޕެކްޓް، އިބްރާހީމް މުޙައްމަދު ޞާލިޙަކީ އަޅުގަނޑު ވަރަށް އިޙުތިރާމް ކުރާ ބޭފުޅެއް." ޝަހީމް ވިދާޅުވިއެވެ.

ނަޝީދުގެ ސަރުކާރުން އިޒްރާއިލާ ގުޅުން ބަދަހިކުރިކަމަށް ޝަހީމް ވިދާޅުވުމުން، ޕްރެޒެންޓަރުވަނީ، ރައީސް ޔާމީނުގެ ސަރުކާރުން، އިސްލާމީ ޤައުމަކާ ސިޔާސީ ނުވަތަ ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފައިވާކަމަށް ބުނެފައެވެ. ރައްދުގައި ޑރ. ޝަހީމް ވިދާޅުވެފައިވަނީ، އެކަން ކުރައްވާފައިވަނީ ޤައުމުގެ މަސްލަޙަތަށް ބެއްލެވުމަށްފަހުކަމަށެވެ.

ރައީސް ޔާމީނުގެ ސަރުކާރުގެ ކުރީކޮޅުގައި، އައު އަހަރު ފާހަގަކުރުމަށް، ބޭރުން ފަންނާނުން ގެނެސްގެން މިއުޒިކް ޝޯވ ބޭއްވުމާ ގުޅިގެން ޑރ. ޝަހީމް ވިދާޅުވެފައިވަނީ، އެކަން ނުކުރުމަށް އެކަން އިންތިޒާމު ކުރި ފަރާތަށް ލަފާ ދެއްވާފައިކަމަށެވެ. އަދި، އޭރު އެކަންކަމުގައި އުޅުނީ ވަރަށް ބާރުގަދަ ފަރާތެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އެހެން ދުވަހެއްގެ މަޣުރިބު ނަމާދު ވަގުތުގައި، ހުޅުމާލޭގައި ހަވާ އެރުވުމުން، އެކަމުގެ ސަބަބުން ނަމާދުގެ ޖަމާއަތަށް އުނދަގޫވި މައްސަލައެއް، އިސްލާމިކް މިނިސްޓަރުކަމުގައި ހުންނަވަނިކޮށް ލިބިލެއްވިކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި، އެފަދަ ކަންކަން ތަކުރާރު ނުވާނޭ ގޮތަށް ކަންތައްތައް ކުރެއްވުމަށް ރައީސް ޔާމީނަށް ލަފާ ދެއްވާ ސިޓީއެއް ލިޔުއްވިކަމަށާއި، އެކަން ރައީސް ޤަބޫލުކުރެއްވިކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. މިކަންކަމުން އެނގިގެންދަނީ ރައީސްގެ ހިތްތިރިކަން ކަންވެސް، އޭނާ ފާހަގަކުރެއްވިއެވެ.

އަވަހާރަ ކޮށްލާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު، ޑރ. އަފްރާޝީމް އަލީއާއި، ބްލޮގަރ ޔާމީން ރަޝީދު އަދި ގެއްލިފައިވާ ނޫސްވެރިޔާ، އަޙުމަދު ރިޟްވާނުގެ މައްސަލަ، ނައިބު ރައީސްކަމަށް އައުމަށްފަހު އިތުރަށް ތަހުގީގު ކުރައްވާނަންތޯ ޕްރެޒެންޓަރ ސުވާލު ކުރެއްވުމުން، ޑރ. ޝަހީމް ވިދާޅުވެފައިވަނީ އެކަންކަން ކުރައްވާނީ ތަންފީޛީ އިދާރާތަކުންކަމަށާއި އެމަނިކުފާނަކީ އެފަދަ އިދާރާއަކާ ހަވާލުވެވަޑައިގެން، ހުންނަވާނޭ ބޭފުޅެއް ނޫންކަމުގައެވެ.

ހަމައެހެންމެ، ކުރީގެ ޑިފެންސް މިނިސްޓަރ، ކާނަލް ނާޒިމް އަށް ޙުކުމް ކުރެއްވީ ނާއިންސާފުންކަމަށް ބައެއް ފަރާތްތަކުން ބުނުމުން، އެކަމުގައި ކުރިން ސުވާލު އުފެދުނުކަމަށްވެސް، ޝަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ވަތަން

    ތިޔަހެން ތިބުނަނީ އެހެން ވެރިކަމެއްގައި ބަނގުރާ ވިއްކުން މަނާކޮއްފާނެނެތީތޯ.

    • ނުރަބޯ

      ބަނގުރާ ވިއްކުމާ ބަނގުރާ ޢާއްމު ކުރުން މިއީ ދެކަމެއް. ބަނގުރާ ވިއްކަނީ ރިސޯޓް ތަކުގައި އެތަނަށް އަންނަ ބޭރުމީހުންނަށް، ރީނދޫ ސަރުކާރުން އުޅުނީ ޢާއްމު ދިވެހިރައްޔިތުން ދިރިއުޅޭ ތަންތަނުގައި ބަނގުރާ ޢާއްމުކުރަން.

  2. ހްްްް

    ތިކަން ކުރެވޭ ވަރުގެ ވެރިޔަކު އަދި މިގައުމަކަށް ނާދޭ

  3. Anonymous

    އެމްޑީ ޕީ ގެ ވެރިކަމުގަ އެންމެ ގިނައިން ދީނީ ދަރުސްތަށް ދީ މީހުން ދީނަށް ލޯ ހުޅުވއި ދިނީވެެސް..

  4. އަލީ

    ސިޔާސީ ހަތިޔާރަކަށް ދީން ނުހައްދަވާ. 800 އަހަރު ވެއްޖެ މިތާ އިސްލާމް ދީން އޮންނަތާ. އެއީ ވަކި މީހަކު ވެރިކަމުގައި ހުރެގެން ވެފައި އޮތް ކަމެއް ނޫން.

  5. ޢައިޝާ

    ޢަމިއްލަމަސްލަހަތު އިސްކުރާމީހުން ދީނޭ ނުކިޔާ.

  6. ޙަފްޞާ / މާލެ

    ވަރުއަރާނޭކަމެއްނެތެވެ. އެއީ ޙަޤީޤަތެވެ. ވެރިކަމުގެކުރިންނާ ، ވެރިަކމުގަޔާ ، ވެރިކަން ބީވީމަވެސް އެބައިމީހުންގެކިބައިން ވަނީ އިސްލަމްދީނަށް މަލާމަތްކުރުމާ ، އެހެން ދީންތައް މި ޤަވްމަށް ގެނައުމަށް ގަދައަޅާ މަސައްކަތްކޮށްފައެވެ. މާތްﷲ ގެ ރަޙްމަތްފުޅުން އެމީހުނަށް އެކަން ކާމިޔާބު ނުވަނީއެވެ.

  7. ސ

    އެއީވަރައްބޮޑު ތެދެއް އެމްޑީޕީއައް ސަޕޯޓުކުރާމީހުން ބޭނުންވާގޮތް

  8. ފަޑުއްކަ

    އެމްޑީޕީގެ ވެރިކަމެއް އަތުވެއްޖެނަމަ، އިސްލާމީ އުސޫލުތަކަށް ހުރަސް އެޅިގެންދާނޭކަމަށް ބުނާއިރުު، މިވެރިމީހާ ކުރާކަންކަން ނުފެނޭތޯ؟ ދައްކާވާހަކަ އަޑުނާހަންތޯ؟ ފައިސާދީފަ ޒިނޭކުރަންޏާ ހިލޭއަންހެނަކަށްނުވެ، ވައްކަން ކޮށް

  9. މޮޔަސޮރު

    ޝަހީމްއަށް އިލްހާމް ވީތޯއެވެ. ދީން ރައްކާތެރި ކުރުމީ ﷲ ގެ ވަޢުދެއް. ޝަހީމް ރަނިންގމޭޓަކަށް ނަޔަސް ﷲ އިސްލާމް ދީން ޙިމަޔަތްކުރައްވާނެ. މީގެ ކުރިން ޝަހީމް ކީއްތޯ ކެރެއްވީ. ދީނީ ޢިލްމުވެރިއެއް ތަންދޮރު އެގޭ މީހެއް ދުނިޔެއަށާްޓަކައި، ރަނިންގ މޭޓް ކަމަށްޓަކައި އެހެން މީހުންނަށް އެއްޗެހި ގޮވާ ފުރައްސާރަކޮށް ނަހަދާނެ. އަދި އިތުރަށް ކިޔަވަން ދާން ފެވޭ

  10. ޖޮއްބެ

    އެމްޑީޕީގެ ވެރިކަމެއް އަތުވެއްޖެ ނަމަ އެއްމެ ފުރަތަމަވެސް ގޮންޖެހުން ކުރިމަތި ވާނީ އިސްލާމްދީނަށެވެ. އެއީ އެކިއެކި މަކަރުތަކާ ޙީލަތްތައް ހަދައިގެން މިގައުމުގައި ޣައިރުދީންތައް ފަތުރަން ފެށުމުންނެވެ. މީގެކުރިން ވެރިކަން ލިބުމުން. އެއްމެފުރަތަމަ ވެސް އުޅުނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ “ ކޮންމެ ދިވެހި ރައްޔިތަކީ މުސްލިމެއް” ކަމަށް އޮތްނުކުތާ އުވާލާށެވެ. އެކަން ކާމިޔާބު ނުވުމުން ދެން އުޅުނީ ސްކޫލްކުދިންނަށް ކިޔަވަންޖެހޭ މަޖްބޫރު ދެ މާއްދާ ކަމަށްވާ ދިވެހި އިސްލާމް މި ދެ މާއްދާ އިޚްތިޔާރީ ކުރަން އުޅުމެވެ. އެކަން ކާމިޔާބުވި ނަމަ ދިހަވަރަކަށް އަހަރު ތެރޭގައި އިސްލާމްދީނާ ވަރަށް ގިނަބަޔަކު ދުރުވެގެންދާނެއެވެ. އަދި ދިވެހިންގެ އަމިއްލަ މާދަރީ ބަސް ކަމަށްވާ ދިވެހި ބަސްވެސް ގިނަވާނީ ނޭނގޭ މީހުންނެވެ. އެހެންކަމުން އެމްޑީޕީ އާއިމެދު ބުނެވޭނީ އެއީ ބާރެއް ހޯދައިދޭވަރަށްވުރެ. ނުރައްކައު ތެރި ބައެކޭ ޢަމްދުން ގައުމުގެ ވެރިކަމަށް ގެންނަން ހެޔޮނުވާނެ ބައެއް ކަމަށެވެ.

  11. ާއައިނާ

    ޝަހީމް ވިސްނަވާ އެމީހަކު އަމިއްލަ އަށް އެމީހެއްގެ ޢިޒަތާ އަބުރު ހިފަހައްޓާނި.މިހާރު މަނިކުފާނު ދއްކަވާ ވާހަކައިން މަނިކުފާނު ގެ އަގު ވެއްޓެނީ.

  12. ނުވާނެ

    ހަމަ ޔަގީނުންވެސް ފައްޅީގެ އަހުލުވެރިންނަށް

    ނާކާމިޔާބުވާނެ. އެމީހުން އުޅުނީވެސް، އަދި

    މިހާރުވެސް ކުރަމުންދާ މަސަތްކަތަކީ ލާދީނީ

    ފިކުރު މިގައުމުގައި ފެތުރުން

  13. ނަޖްވާ

    ބަލަގަ މިވީ ކިހިނެތް؟ ރައީސް ނަޝީދު ސަރުކާރު އޮތް ހީވީ އެހެން ފަދަ ކަމެއްހެން ބަނގުރަލޭ، ސްޕާ އޭ ކިޔައިގެން! މިހާރު މި ބުނަނީ ދުނިޔޭގަ އޭއްޗެހި ހުންނާތީ ނޫންހޭ އެތެރެ ކުރަނީ! ދެން ވަރަށް ހިނި އާދޭ މިފަދަ ވާހަކަ ދައްކާތީ!

  14. ފަސީ

    ތިހެން ވިދާޅުވެވިދާނެ. އެއީ މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ބަސްމަގު ހުރިގޮތުން. އެކަމަކު އަޅުގަނޑަށް ހީވަނީ އިބޫ ތަފާތުވާނެހެން. އެހެންވީމަ އަޅުގަނޑުގެ ވޯޓު އިބޫއަށް.

  15. ތަފާތު

    ތިހެން ވިދާޅުވެވިދާނެ. އެއީ މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ބަސްމަގު ހުރިގޮތުން. އެކަމަކު އަޅުގަނޑަށް ހީވަނީ އިބޫ ތަފާތުވާނެހެން. އެހެންވީމަ އަޅުގަނޑުގެ ވޯޓު އިބޫއަށް