އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް

ނަޝީދު ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުހައްމަދު އަސްލަމް މަޤާމުގައި ހުންނެވި އިރު ފޯން ބިލަށް ދައުލަތުން ދައްކާފައިވާ 312،928 ރުފިޔާ ދައްކާފައިވާ ފައިސާ އަނބުރާ ދެއްކުމަށް ސިވިލްކޯޓުން ހުކުމް ކުރުމާއި ގުޅިގެން އެފައިސާ އަސްލަމް ދައްކަވައިފިއެވެ.

އަސްލަމުގެ ފޯނު ބިލަށް ދައުލަތުން ފައިސާ ދަައްކާފައިވާ މައްސަލަ ފެންމަތިވެފައިވަނީ ހައުސިން މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުންނެވެ.

ސިވިލް ކޯޓުން މިދިޔަ މަހުގެ 24 ވަނަ ދުވަހު އަސްލަމުގެ މައްޗަށް ހުކުމްކުރީ 2009 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2011 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ހައުސިން މިނިސްޓްރީގެ ބަޖެޓުން އަސްލަމުގެ ފޯނު ބިލަށް ދައުލަތުގެ މާލިޔަތު ގަވައިދާ ހިލާފަށް 312،928ރ (ތިން ލައްކަ ބާރަހާސް ނުވަސަތޭކަ އަށާވީސް ރުފިޔާ) ދައްކާފައިވާކަން ޝަރީއަތަށް ސާބިތުވެގެންނެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނީ އަސްލަމުގެ ފޯނު ބިލަށް ހައުސިން މިނިސްޓްރީގެ ބަޖެޓުން ދައްކާފައިވާ ތިން ލައްކައަށްވުރެ ގިނަ ފައިސާ ފިނޭންސް މިނިސްޓްރީއަށް ހުކުމްކުރާތާ ފަސް މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރަން ޖެހޭކަމަށެވެ.

އަދި އެމްޑީޕީގެ ސަރުކާރުގައި ގަވައިދާ ހިލާފަށް ދައުލަތުން ފައިސާ ބޭނުން ކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނާއިރު އެފައިސާ ދައުލަތަށް ނުދައްކައިފިނަމަ ދައުވާކުރާނެކަމަށް ވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.

އަސްލަމް ވިދާޅުވީ މައްސަލަ އިސްތިއުނާފް ކުރަން ބޭނުންވި ނަމަވެސް ހުކުމުގެ ހުލާސާ ބަޔާން ވަކީލަށް ލިބިފައި ނުވާ ކަމުގައެވެ. އަދި ހުކުމަށް ތަބާވުމުގެ ގޮތުން ފައިސާ ދެއްކެވި ނަމަވެސް އެ ހުކުމް ބަލައި ނުގަންނަ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަދިވެސް ހަމަ އޮޅުވާލަން ދެއްތޯ؟ ދެން ކީއްވެޔޯ ތިން ލައްކަ ރުފިޔާ ތި ދެއްކެވީ ؟ މަށަށްވެސް އަސްލަމް ލައްކައެއްހާ ރުފިޔާ ދެއްވަންވީ ނޫންތޯ ؟