ކުރަން އުޅޭ ކަމެއް އެއް ބުރުން ކާމިޔާބު ނުވުމަކީ އެކަން ހުއްޓާލާ މީހުން ދުނިޔޭގައި ވަރަށް ގިނައެވެ. ނަމަވެސް މޯލްޑިވިއަން އައިޑަލްގައި މިރޭ ޕިއާނޯ ރައުންޑްއަށް ދަތުރު ކުރި އަޒަލްގެ ވާހަކަ ވަރަށް ތަފާތެވެ.

2015 ވަނަ އަހަރު ފެށި މޯލްޑިވިއަން އައިޑަލްގެ ހުރިހާ ސީޒަން އަކުންވެސް އަޒަލްގެ އަޑު ދިޔައީ އިވެމުންނެވެ. ފަހަރަކަށްވުރެ ފަހަރެއް އަޒަލްގެ ހުށައެޅުން ދިޔައީ ލަވަކިޔުން ރަނގަޅު ކުރަމުންނެވެ. މިވާހަކަ ޖަޖުންނާއި ބެލުންތެރިންވެސްވަނީ ފާހަގަކޮށްފައެވެ.

އަމިއްލަ އަށް ގިޓާ ކުޅެމުން ލަވަކިޔާ، އައްޑޫ ފޭދު އަށް އުފަން އަޒަލް ޝޯގެ ފުރަތަމަ ސީޒަނުގައި އަޒަލްއަށް ކުރިމަތިވީ ބޮޑު ނާކާމިޔާބީއެކެވެ. އޮޑިޝަންއިން ގޯލްޑެން ޓިކެޓް ނުލިބި ގެޔަށްދާން ޖެހުނެވެ. ނަމަވެސް އަޒަލްގެ ހިއްވަރަކަށް ކުޑަނަމަވެސް ބަދަލެއް ނާދެއެވެ. ފުރަތަމަ އޮޑިޝަނުން ހެދުނު ގޯސްތައް ރަނގަޅުކޮށްލައި، ދެވަނަ ސީޒަނަށް ވެސް އަޒަލް ބައިވެރިވިއެވެ. މިފަހަރު ކުރީ ފަހަރަށް ވުރެ މައްޗަށް އަޒަލްއަށް ދެވުނެވެ. ގޯލްޑެން ޓިކެޓް ހާސިލްކޮށް އަޒަލް ތިއޭޓަރ ރައުންޑަށް މިފަހަރު ދިޔައެވެ. އެހެންނަމަވެސް މިފަހަރުވެސް ތިއޭޓަރ ރައުންޑްއިން ކުރިޔަށް ދެވޭގޮތެއް ނުވިއެވެ. އެހާ ހިސާބުން ޝޯދޫކޮށް ދާންޖެހުނެވެ. ނަމަވެސް ހިތްވަރު ދޫނުކޮށް އަޒަލް އަނެއްކާވެސް ސީޒަން ތިނަކަށް އޮޑިޝަންވިއެވެ.

ސީޒަން ތިނެއްގައި އަޒަލްދިން އޮޑިޝަން ހަމައެކަނި ކަމުދަނީކީ ނޫނެވެ. ހަމަމޮޅީއެވެ. ހަތަރު ޖަޖުން ވެސް، އަޒަލް ގެނެސްފައި ހުރި ކުރިއެރުމަށް ތައުރީފު ކުރި އެވެ. ގިޓާ ކުޅެމުން އޭނާ ކީ ލަވަ، ޖަޖުންގެ ހިތްތައް އަތުލި އެވެ. ނަތީޖާއަކީ އަނެއްކާ ވެސް ތިއޭޓަ ރައުންޑުން ފުރުސަތު ލިބުމެވެ. ނަމަވެސް މިފަހަރު ތިއޭޓަރ ރައުންޑްވެސް އަޒަލް ކާމިޔާބު ކުރީވަރަށް ފަސޭހަކަމާއެކުގައެވެ.

ޕިޔާނޯ ރައުންޑްއިން ޖާގަ ހޯދާފައިވާ އަޒަލްގެ ހިތްވަރުގަދަ ކަމުގެ ވާހަކަ ނުދައްކާ މީހެއް މަދެވެ. އޭނާގެ ހިއްވަރަށް ކުރާ ތައުރީފަށްވުރެ އޭނާގެ ލަވަކިޔުމަށް މީހުން ކިޔާ ތައުރީފް މާބޮޑޭވެސް ބުނެވިދާނެއެވެ.

މިހާރު އުފެދޭ ސުވާލަކީ އެ ލޯބި އަޑުން މީހުންގެ ހިތްތަށް ކަތިލަމުންދާ އަޒަލްގެ މޯލްޑިވިއަން އައިޑަލްގެ ދަތުރު ނިމޭނީ ކިހާ ހިސާބަކުން ހެއްޔެވެ؟ ނޫނީ މިފަހަރު ތަށި އުފުލާލާނީ އަޒަލްބާއެވެ؟

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފާތުން

    އެއްވެސް ރީއްޗެއްނޫން ލަވަކިޔާލެއް.

  2. ރަނގަބީލު

    ހަމަ ރީތި

  3. ޙެހެ

    ސަޅި މިފަހަރު

  4. ާއަހުމަދު

    ރީތި

  5. ދީމާ

    ނޫނޭ، ވ ސަޅި، ބުނެވޭނީ ތިޔަމަސައްކަތަށް ހަމަ ސާބަސް