ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ ދައުވަތަކަށް ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އެސްއެމް ޝާފިއުދީން އަހްމަދު ރާއްޖެ ވަޑައިގެންފިއެވެ.

ޝަފީއުދީން ރާއްޖެއަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ޖެނެރަލް އަބްދުالله ޝަމާލްއާއެކު ބާއްވަވާ ބައިލެޓްރަލް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ސިފައިންގެ އިސްވެރިންނާއެކު ޗީފް އޮފް އާމީ ބާއްވާ ބައްދަލުވުމުގައި ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ބަންގްލަދޭޝްގެ އިންޓަ ސާވީސް ޕަބްލިކް ރިލޭޝަންސް ޑައިރެކްޓްރޭޓުން މައުލޫމާތުދެއެވެ.

ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ރާއްޖެ ވަޑައިގެންފައިވާއިރު އެ ގައުމުގެ ޗީފް އޮފް ނޭވަލް ސްޓާފް އެމް ޝާހީން އިގްބާލް ވެސް ވަނީ މިދިޔަ މަހުގެ ކުރީކޮޅު ރަސްމީ ދަތުރުފުޅެއް ރާއްޖެއަށް ކުރައްވާފައެވެ.

އެ ދަތުރުފުޅުގައި ދެގައުމު ހިމެނޭ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި، ދިފާއީ އަދި ސަލާމަތީ ރޮނގުން، އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާތަކެއް ވަނީ ކޮށްފައެވެ.

ބަންގްލަދޭޝް ނޭވީއާ ދެމެދު ގުޅުން އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް ގޮތުންނާއި އެންޑީއެފްގެ އޮފިސަރުންނަށާއި ސެއިލަރުންނަށް ތަމްރީނުގެ ފުރުސަތުތައް އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

ދާދި ފަހުން ބަންގްލަދޭޝުން ވަނީ އަސްކަރިއްޔާގެ އުޅަނދުތަކެއް ރާއްޖެއަށް ހަދިޔާކޮށްފައެވެ. އެ އުޅަނދުތައް ރަމްޒީގޮތުން ހަވާލުކޮށްފައިވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.