ވެރިކަން ކުރާ މައި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އިންތިޚާބުގައި ވެސް އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުން ވެސް ކެންޑިޑޭޓުން ނެރެފިއެވެ.

މާދަމާ މެންދުރުފަހު 1:30 އިން ހަވީރު 5:00 ޖަހަން ދެން ކުރިއަށްދާ މި އިންތިޚާބުގައި ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރާއި ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަމަށް ވެސް ދެ ރައީސުންގެ ކެންޑިޑޭޓުން ވާދަކުރައްވައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ލީޑަރު ކަމަށް ވާދަކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ވާދަކުރައްވަނީ މިހާރު ވެސް އެ މަގާމުގައި ހުންނެވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ.

ޑެޕިއުޓީ ލީޑަރު ކަމަށް ދެ ބޭފުޅުން އިންތިޚާބު ކުރައްވާއިރު، ރައީސްގެ ޅިޔަނު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ނުކުންނަވައެވެ. މިހާރު ވެސް އެ މަގާމުގައި ހުންނެވި އަދި ނަޝީދުގެ އަރިސް ބޭފުޅެއް ކަމުގައިވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވެސް ނުކުންނަވައެވެ.

މީގެ އިތުރުން ޑެޕިއުޓީ ލީޑަރުގެ މަގާމު ދެން އަދާ ކުރައްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވެސް މަގާމު ދިފާއު ކުރައްވަން އެ އިންތިޚާބުގައި ނުކުންނަވައެވެ.

އެމްޑީޕީގެ ބައެއް މެންބަރުން ވެސް "ވަގުތު" އަށް ކަށަވަރު ކޮށްދެއްވި ކަމަކީ، އާޒިމްއާއި އިލްޔާސް އިންތިޚާބު ކުރަން ނަޝީދު ލޮބީ ކުރައްވަމުން ގެންދަވާ ކަމުގައެވެ. އަދި އަސްލަމްއާއި ބިގޭ އިންތިޚާބު ކުރަން ރައީސްއަށް ވަފާތެރި މެންބަރުން ލޮބީ ކުރައްވަމުން ގެންދަވާ ކަމުގައެވެ.

މީގެ ކުރިގައި ވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ތެރެއިން ރައީސްގެ ފަރާތްޕުޅުން ގިނަ ހުށަހެޅުންތައް ނިންމަވާނެ ގޮތް ލޮބީ ކުރެއްވުމުގައި އިސްކޮށް އުޅުއްވި މެންބަރަކީ ރައީސްގެ ޅިޔަނު ބިގޭއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އިންތިޚާބަށް ވެސް ދެ ރައީސުން ކެންޑިޑޭޓުން ނެރުއްވިއިރު، އަންނަ އޭޕްރީމް މަހު ބާއްވާ ޗެއާޕާސަންގެ އިންތިޚާބާއި އަންހެނުންގެ ރޫޚުގެ އިންތިޚާބަށް ވެސް ދެ ރައީސުންގެ ވާދަ ފެނެއެވެ.

ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ ރައީސްގެ އެންމެ ނުފޫޒުގަދަ ވަޒީރު އިކޮޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާއި، ނަޝީދުގެ އަރިސް ބޭފުޅެއް ކަމުގައިވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކެރަފާ

    ހުސް ގައްދާރުން ތިޔައީ ދިވެހިންގެ ހަލާކު

    10
  2. ހަޔަސިންތް

    އެއްވެސް ކަމެއް ނުވާނެ މީހުން ހިތްޖެހޭކަހަލަ ނަންކިޔުން ފިޔަވާ އިތުކަމެއްވާބައެްނުންތިޔައީ ގައުމަށްހުރިބޮޑުމުސީބާތެއް

  3. ނަސީރު..

    ދެ ރައީސުންނޭ. ފެކްޝަނޭ ލޮބީކުރުމޭ، ކެނޑިޑޭޓޭ ކިޔާނެކަމެއްނެތް. ނަޝީދުއަށް އެމްޑީޕީގަ ބަގުޑި ބައްދައިގެން ނޯވެވޭނެކަން ދައްކާލާނަން.. ތި ނަޝީދެއް ޑިމޮކްރަސީ ހަލާކުކޮށްފި. އަމިއްލަ އެދުމުން ފޯވެ ތިމާ މަޝްހޫރުވާން ޕާޓީ ބޭނުންކޮށް ފަސާދަ ކޮށްފި.

  4. ސިއްރުވެރިޔާ

    ބިސްމިއްﷲ. ތިޔަ އިންތިޚާބަށްފަހު ނަޝީދަކީ ނަޖިސްގަނޑަކަށް ވެގެންދާނެ. އެ ނުބައި ގައްދާރުގެ ސިޔާސީ ފޮތް ނިމުނީ ރަސްމީކޮށް. ދައުރު ހަމަވަންދެން ގަނޑުވަރުހަދައިގެން މުސާރަ ނެގުން ނޫން ކަމެއް ދެން ކުރިއަކަ ނުދޭނަމޭ ސީދާ ރައީސް އިއްޔެ ވިދާޅުވީ .......... އަރިހުގައި އަޅުގަނޑުގެ ހާޒިރުގައި. ރައީސް ވިދާޅުވީ ނަޝީދަށް ވާވަރު ވެއްޖެކަމާއި ޒުވާނުން ނަޝީދު ބަލާ ނުގަނެއޭ. އަދި 2018 ގަވެސް ރައީސް ވީމަޔޯ ހޮވުނީ. ކިހިނެއްހޯ ނަޝީދު ލައިގެން ކޯލިސަން ދަމަހައްޓާނީ. މިހާރުވެސް މިތިބީ ފިތިފަނޫންތޯޔޭ؟