އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރްގެ މަރުގެ މައްސަލައިގައި ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހު ހެނދުނު ބާއްވަން ކްރިމިނަލް ކޯޓުން ނިންމައިފައެވެ.

މިދިޔަ އޮކްޓޯބަރު 14 ވަނަ ދުވަހުގެރޭ އަނިޔާވެރި ގޮތަކަށް މަހްމޫދު މަރާލި މައްސަލައިގައި ކޯޓުގައި މިއަދު އޮތީ ވާރިސުންގެ ބަސް ނެގުމެވެ. މި މައްސަލައިގައި ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާއަށް ޝާ އަލޯމް މިއާ (ސާލިމް) އިއުތިރާފުވެފައިވާތީ މައްސަލަ ކުރިޔަށް ގެންދަނީ އަވަސް ނިޔާގެ ޝަރީއަތެއްގެ ގޮތުގައެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލިހަށް މަހްމޫދުގެ ފަސް ދަރިންނާއި އޭނާގެ އަނބިމީހާގެ އިތުރުން މަންމަ ވެސް ކޯޓަށް ހާޒިރު ކުރިއެވެ. އެ ހުރިހާ ވާރިސުންވެސް މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ ބޭނުންވަނީ މަރަށް މަރު ހިފުމަށް ކަމަށެވެ. އެއްވެސް ވާރިސަކު ދިޔަ ނަގާކަށް ބޭނުމެއް ނުވިއެވެ.

އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުގެ މަތިން މަރުގެ މައްސަލައެއްގައި ދިޔައަށް އެދުމާއި އަދި މަރަށް މަރު ހިފުމަށް އެދުމަކީ ވެސް ވާރިސުންނަށް ލިބިދީފައިވާ ހައްގެކެވެ.

އެހެންކަމުން ދައުލަތާއި އަދި ދިފާއުގެ ވެސް އެއްވެސް އިއުތިރާޒެއް އޮތްތޯ ބެލުމަށް ފަހުގައި ދެން ކުރިޔަށް ގެންގޮސްފައިވަނީ އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ. މިގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ ހުރިހާ ވާރިސުން ވެސް އިއްތިފާގުވެފައިވާ ހިނދު ދައުލަތުން ހުށަހަޅަނީ ގާނޫނު އަސާސީގައި ވާގޮތުގެ މަތިން ސާލިމް މައްޗަށް މަރުގެ ހުކުމް އިއްވުމަށް ކަމަށެވެ. މި ހުށަހެޅުން ދިފާއުން ވެސް އިއުތިރާޒުކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ސާލިމްގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާ، އެއީ މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާއާ ގުޅިގެން ދައުލަތުގެ ފަރާތުން ވިދާޅުވީ މައްސަލައިގެ ތަހުގީގު މަރުހަލާއިން ފެށިގެން ސާލިމް އެއްބާރުލުން ދީފައިވާތީ އަދި މައްސަލައިގައި އަދަބު ލުއިކޮށްދިނުމަށް އެދިފައިވާތީ ގާނޫނުގައި ވާގޮތުގެ މަތިން އަސާސީ އަދަބުން އެއް ދަރަޖަ ދަށް ކުރުމަށް ފަހުގައި އެއް މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހުށަހަޅާކަމަށެވެ.

އަދަބާ ގުޅިގެން އެއްޗެއް ބުނަން ލިބުނު ފުރުސަތުގައި ވެސް ސާލިމް ތަކުރާރުކުރީ މީގެ ކުރިން އޮތް ޝަރީއަތުގެ މަޖިލީހުގައި ވެސް އޭނާ ދެއްކި ވާހަކައެވެ. އެގޮތުން މަހުމޫދު މަރާލީ ޝައިތާނާ ބޮލަށް ވަދެގެން ކަމަށާއި މިހާރު އެކަން ކުރެވުނީތީ ހިތާމަކުރާ ކަމަށް އޭނާ ބުންޏެވެ. އަދި އޭނާގެ ވެސް މައިންބަފައިން ދުނިޔޭގައި އެބަތިބިކަމަށް ބުނެ އޭނާ ވަނީ މައާފަށް އެދިފައެވެ. ޝަރީއަތް ކުރިޔަށް ދިޔައިރުވެސް ސާލިމް ގެންދިޔައީ ރޮމުންނެވެ.

މައްސަލައިގެ އަދަބާއި ގުޅިގެން ވާހަކަ ދެއްކުމަށް ފަހުގައި މައްސަލަ ބައްލަވާ އިސް ގާޒީ ޝަކީލް ވިދާޅުވީ މައްސަލައިގައި ދެން އޮންނާނީ ފަނޑިޔާރުގެ ހުކުމް އިއްވުން ކަމަށެވެ. އެގޮތުން ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތް ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެ ކަން އިއުލާން ކުރިއެވެ.