މަސްތުވާ ތަކެއްޗާ ދެކޮޅަށް ފުލުހުން ފަށާފައިވާ މަސައްކަތުގެ ދަށުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރ. ދުވާފަރުން މަސްތުވާ ތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެއޮޕަރޭޝަން ހިންގީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ކަމަށެވެ. އެގޮތުން އުނގޫފާރު ޕޮލިސް ސްޓޭޝަނާއި، ދުވާފަރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން، ޖުލައި 11 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން އިތުރަށް ވިދާޅުވި ގޮތުގައި 31 އަހަރުގެ ފިރިހެން މީހާ އަތުލައި ގަނެފައިވަނީ ސައިކަލެއްގައި ދަނިކޮށްކަމަށެވެ.

އަތުލައިގަތުމަށްފަހު ބަލައި ފާސްކުރި ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 3 ރަބަރު ޕެކެޓު މިމީހާގެ އަތުން ފެނިފައިވެއެވެ.

މިމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މިމައްސަލަ ރ. ދުވާފަރު ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މަސްތުވާތަކިތިން ދިވެހި ރާއްޖެ ސަލާމަތް ކުރުމަށް ފުލުހުން ތަފާތު މަސައްކަތްތައް ކުރަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ތަފާތު އެކި އޮޕަރޭޝަންތައް އަންނަނީ ހިންގަމުންނެވެ. ފުލުހުން މައުލޫމާތު ދޭގޮތުގައި އެބޭފުޅުން މަސްތުވާތަކެތި ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި ފާރަގެމާގެ ދައުރު ބޮޑެވެ.

މީގެ ކުރިން މަސްތުވާތަކެތި ހޯދުމަށް ފާރަގެމަގެ އެހީގައި ކާމިޔާބު އޮޕަރޭޝަންތައް ހިންގާފައި ވާކަމަށްފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުންމައުލޫމާތު ދޭ ގޮތުގައި މާ ދުރުނޫން މުސްތަގުބަލެއްގައި ފާރަތައް (ކުއްތާތައް) ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާނެއެވެ.