ކްރިމިނަލް ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލާގައި 15 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އަށް އިތުރު ފިޔަވަޅުތައް އަޅަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓުގައި އެދެން ނިންމައިފިއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ހަތަރު މަސް ދުވަހަށް ދިނީ އަޑުބަރޭ ޖާމިނުވާ ގޮތަށެވެ. އެ މުއްދަތު ފަހަނައަޅައި އަހަރަކަށް ވުރެ ގިނަ ދުވަސް ވުމުން ޕީޖީ އޮފީހުން ވަނީ އޭނާއަށް ފިޔަވަޅު އަޅަން ކޯޓުގައި އެދިވަޑައިގެންފައެވެ.

އެކަމަށްޓަކައި ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަކަށް އަޑުބަރޭ ހާޒިރުވާން އަންގާފައިވީ ނަމަވެސް، އެ ދުވަހު ރާއްޖޭން ބޭރުގައި ހުންނެވުމުން އަޑުބަރޭ ހާޒިރެއް ނުވެއެވެ. އެއީ ކޯޓުގެ ހުރުމަތް ކަނޑާލުން ކަމުގައި ނިންމަވައި ގާޒީ ވަނީ 15 ދުވަހުގެ ޖަލު ހުކުމެއް އަޑުބަރޭގެ މައްޗަށް އިއްވައިފައެވެ.

އަޑުބަރޭގެ ޣައިރު ހާޒިރުގައި މި ގޮތަށް ހުކުމް ކުރި ފަހުން، އިއްޔެގެ ވަގުތެއްގައި އޭނާ ރާއްޖެ ވަޑައިގަތުމުން ޖަލު ހުކުމް ތަންފީޒު ކުރަން ވެގެން ކަރެކްޝަންގެ ބެލުމުގެ ދަށުން ޖަލަށް ވަނީ ގެންގޮސްފައެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، ޖާމިނުވި މައްސަލާގައި އަޑުބަރޭއަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާތީ އެ ކަމަށް އެދިވަޑައިގަންނަވާނެ ކަމުގައެވެ.

މީހަކު ޖާމިނު ކޮށްފައި ދޫކުރާ އިރު ކޯޓުން ކުރާ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ، ޖާމިނުވި މީހާއާ ދެކޮޅަށް އެޅޭ ފިޔަވަޅުތަކުގެ ތެރޭގައި އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގިނަވެގެން ދެ އަހަރަށް ގޭގައި ބަންދު ކުރުން ނުވަތަ 15،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ހިމެނެއެވެ.

މިއަދާ ހަމައަށް ވެސް އަލީ ވަހީދު ރާއްޖެ ވަޑައިނުގަންނަވާއިރު އޭނާ ހުންނެވީ އިނގިރޭސިވިލާތުގައެވެ. ވިސާގެ މައްސަލައެއް މި ދޭތެރެއަކުން އެ ގައުމުގެ ފުލުހުން އޭނާ ހައްޔަރު ކުރި ނަމަވެސް ފަހުން ދޫކޮށްލާފައިވެއެވެ. އެ ދޫކޮށްލި ފަހުން އަލީ ވަހީދު ވަނީ ދިވެހި ނޫސްވެރިންނާއި އޮންލައިންކޮށް ބައްދަލުކޮށްފައެވެ. އަދި އޭނާއަށް ކުރާ ތުހުމަތުތަކަކީ "ފްރޭމްއެއް" ކަމަށް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަދީފް

    Adubarey ah alhaane fiyavalhakee 15,000 avvure bodu noon adhadhakun joorimanaakurun
    E deal hedhumaffahu eyna eburi ai

  2. އިބުރާހީމް

    ޖާމިނުވީ މީހަކަށް ރާއްޖެއިން ބޭރަށް ދެވޭތަ.