ބްލޮގަރު ޔާމީން ރަޝީދު މަރާލި ކަމުގެ ކުށުގެ ދައުވާއިން ސާލަމަތްވި ހަތަރު މީހުންގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް މިއަދު ލިބުމުން ރިޕޯޓް ދިރާސާ ކުރުމުގެ މަސައްކަތް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފަށައިފިއެވެ.

އޭޕްރީލް 23، 2017 ގައި ޔާމީން ރަޝީދު ދިރިއުޅޭ ގެއަށް ވަންނަނިކޮށް ތޫނު އެއްޗަކުން ހަމަލާ ދީ ރަހުމުކުޑަ ގޮތަކަށް މަރާލި މައްސަލާގައި ހަ މީހެއްގެ މައްޗަށް ދައުވާ އުފުލި، ކްރިމިނަލް ކޯޓުގައި ހިނގި ޝަރީއަތުގެ ހުކުމް މިދިޔަ މަހުގެ 19 ވަނަ ދުވަހު އިއްވިއެވެ.

ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ހުކުމް އިއްވީ އޭގެ ތެރެއިން ދެ މީހެއްގެ މައްޗަށެވެ. އެއީ ޔާމީން މަރާލަން އެ ތަނަށް ގޮސް ތިބި ދެ މީހުންނެވެ. އިސްމާއީލް ހައިޝަމް ރަޝީދުއާއި، އަހްމަދު ޒިހާންގެ މައްޗަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަކާއި މަރުގެ ދިޔަ ދޭން ހުކުމް ކޮށްފައެވެ.

ދެން ތިބި މީހުންގެ މައްސަލަ އިސްތިއުނާފް ކުރުމުގެ ވިސްނުން ޕީޖީ އޮފީހުގައި އޮތް ކަން ކުރިން ހާމަ ކުރިއެވެ. ނަމަވެސް އެ ކަމާއި މެދު ސީދާ ގޮތެއް ނިންމޭނީ އެ ހަތަރު މީހުންގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ކޯޓުން ލިބި، އެ ދިރާސާ ކުރުމަށް ފަހު ކަމަށް ޕީޖީ އޮފީހުން ވިދާޅުވެފައިވެއެވެ.

ޕަބްލިކް ޕްރޮސެކިއުޓަރު އަދި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު "ވަގުތު" އަށް ވިދާޅުވީ، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ޕީޖީ އޮފީހަށް ލިބުނީ މިއަދު ކަމަށެވެ. ރިޕޯޓް ލިބުމާއި އެކު، އެ ދިރާސާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން އިސްތިއުނާފް ކުރަން، ދަށު ކޯޓުގެ ހުކުމް ކުރިތާ 60 ދުވަހުގެ މުއްދަތެއް ލިބެއެވެ. އެ މުއްދަތު އަންނަ މަހުގެ ފަހުކޮޅަށް ހަމަވާއިރު، ވީހާވެސް އަވަހަށް މި ކަމުގައި ގޮތެއް ނިންމަން މަސައްކަތް ކުރާނެ ކަމަށް ޝަރީއު ވިދާޅުވިއެވެ.

ޕީޖީ އޮފީހުގެ ބަޔާނުގައި ވިދާޅުވި ގޮތުން، އެ ހަތަރު މީހުންގެ މައްޗަށް ހުރި ހެކި ގަރީނާއިން ޔާމީން މަރާލުމުގައި އުޅުނު ކަން ސާބިތުވާނެ ކަމުގައި އެ އޮފީހުން ދެކެއެވެ.

އެކަމަކު، ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ ހެކި ހުރީ ހަމައެކަނި މަރާލުމުގެ މަޝްވަރާއެއްގައި އުޅުނު ކަމުގައެވެ. އެ މިންވަރުން ގަސްތު މަރުގެ ކުށް ސާބިތު ނުވާ ކަމުގައި ގާޒީ ވިދާޅުވިއެވެ.

ދައުވާއިން ސަލާމަތްވި މީހުން؛

  • ދ. ގައްދޫ، ސިންދުބާދުގެ، މުހައްމަދު ދިފްރާން
  • މ. ކުދެހިގޭ ހަސަން ޝިފާޒް
  • މ. ތާއިފް އިސްމާއީލް ރަޝީދު
  • މ. ކޮޅުފުށި، އީސްޓް، ހުސައިން ޒިޔާދު

ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް މަރަށް މަރު ހިފަން ގިސޯސްގެ ހުކުމް ނުއިއްވުނީ، ޔާމީން ރަޝީދުގެ މަންމަ މަރިޔަމް ޝަފީގާ އެ ގޮތަށް ބޭނުން ނުވުމުންނެވެ. ވާރިސުންގެ ބަސް ނެގުމުގެ މަރުހަލާގައި އޭނާ ބުނީ ދިރިހުރުމުގެ ހައްގަށް ޔާމީން ވަކާލާތު ކުރާތީވެ، އޭނާ މަރަން އުޅުނު މީހުން ވެސް މަރަން ބޭނުން ނުވާ ކަމުގައެވެ.

މިއާއެކު، ރާއްޖޭގައި އުމުރު ދުވަހުގެ ޖަލު ހުކުމް ކަމުގައި ގާނޫނުގައި ކަނޑައަޅާފައި އޮންނަ މުއްދަތު ކަމުގައިވާ 25 އަހަރުގެ ޖަލު ހުކުމެއް ހައިޝަމްއާއި ޒިހާންގެ މައްޗަށް އިއްވިއެވެ. އެ މީހުން މިހާތަނަށް ޖަލުގައި ހޭދަކުރި 4 އަހަރާއި 8 މަހާއި 11 ދުވަސް އުނިކުރުމަށް ފަހު، ޖަލު ހުކުމުން ދެން ތަންފީޒު ކުރާނީ 20 އަހަރާއި 3 މަހާއި 19 ދުވަހަށެވެ.

މީގެ އިތުރުން، މަރުގެ ދިޔައިގެ ގޮތުގައި ދައްކަން ހުކުމް ކުރީ 1.3 މިލިއަން ރުފިޔާއެވެ. އެއް އަހަރު ދުވަހު ތެރޭ ސިވިލް ކޯޓަށް ދައްކަން ހުކުމް ކުރިއެވެ. މަރުގެ ދިޔައިގެ އަދަދު ކަނޑައެޅީ ޖުލައި 2021 ގައި ސުޕްރީމް ކޯޓުން ނެރުނު އަދަބު ކަނޑައެޅުމުގެ އުސޫލަށް ރިއާޔަތް ކޮށްފައެވެ. އަދި ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން ދެ މަސް ދުވަހު ރޯދަ ހިފަން ވެސް ހުކުމް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޮހޮނު

    މީ އެމްޑީޕީގެ ވެރިން ވޯޓު ހޯދަން ގެންގުޅޭ ހަތިޔާރެއް ތޯ..؟ ކޮންމެ ވޯޓަކާއި ކާރިވީމާ، މަރުވެފައިވާ މީހުންގެ ވާހަކަ ދައްކާނެ.. އެމީހުންގެ އާއިލާއާ ގުޅުން ބަދަހިކުރާނެ.. އެވާހަކަ ނޫނީ އމޑޕ އިސްކަން ދޭކަމެއް ނުވާކަމަށް ވަރަށް ދައްކާނެ..

    ރައިސަކު ހޮވި އިރު
    ޕާރލަމެންޓަށް މީހުން ހޮވިއިރު

    މިފަހަރު އިންތި ހޮވަން

    • އެ

      އެ އާއިލާ ތަކުގެ މީހުންވެސް ގަމާރީ..