އދ. އަތޮޅުގައި އޮންނަ ވިލަމަންދޫ ރިސޯޓް އެންޑް ސްޕާ ކައިރިއަށް ފާނަ މަސްވެރިކަން ކުރަން އުޅުނު ދޯންޏަކުން ކަނޑަށް ވެއްޓި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތުގައި ޑައިވިން ރޮބޮޓް ބޭނުން ކުރަންފަށައިފިއެވެ.

ދިވެހި ރާޢްޖޭގެ ގައުމީ ދިފާއީ ބާރު އެމްއެންޑީއެފް އިން ހާމަކުރި ގޮތުގައި ފ. ބިލެއްދޫ އުތުރުގެ، އުމުރުން 58 އަހަރުގެ އަބްދުﷲ ނަސީރު ހޯދުމަށް ކަނޑުގެ އަޑި ބެލުމަށް ޑައިވިން ރޮބޮޓް ބޭނުން ކުރަމުން އަންނަ ކަމަށެވެ.

ޑައިވިން ރޮބޮޓްގެ އެހީގައި ކަނޑު ގެބޮޑު ސަރަހައްދެއް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފްއިން ހާމަކުރެއެވެ.

އަބްދުﷲ ނަސީރު ހޯދުމުގެ އޮޕަރޭޝަން މެދުނުކެނޑި ކުރިޔަށްދާކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެގޮތުން ނަސީރު ވެއްޓުނު ހިސާބުވެސް ސިފައިން ފީނައިގެން ބަލާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ މަސައްކަތުގައި ވެލަމެންދޫ ރިސޯޓުގެ ޑައިވަރުންނާއި އެހިސާބުން ދަތުރުކުރާ ސީޕްލޭން ތަކުގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަބްދުﷲ ނަސީރު ހޯދުމުގެ މަސައްކަތާއި ބެހޭގޮތުން އެންމެ ފަހުން އެމްއެންޑީއެފް އިން މައުލޫމާތު ދެއްވި ގޮތުގައި ކޯސްޓްގާޑު (ސީޖީ) ޑައިވަރުން ދަނީ އެ ސަރަހައްދުގައި ޑިވައިޑް ކޮށްގެންނާއި ކަނޑު ގެ ސާފޭސް ބެލުމުގައި ހަރަކާތްތެރިވަމުންނެވެ. އަދި މިހާތަނަށް ބެލިބެލުމުން އަބްދުﷲ ނަސީރު ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

އަދި އަބްދުﷲ ނަސީރުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް އެމްއެންޑީއެފުން ވަނީ އެދިލައްވާފައެވެ.