ސިޓީއެއްގެ ދަރަޖަ ލިބޭ ޝަރުތުގެ ތެރޭގައި ހިމެނޭ، އާބާދީގައި 10،000 ހަމަނުވިޔަސް ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މެމްބަރުން ވިދާޅުވެއްޖެއެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެދި އެ ރަށު ކައުންސިލުން ވަނީ ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީއާ ގުޅޭ ގޮތުން މަޝްވަރާކުރަން އެލްޖީއޭއިން ވަނީ ލާމަރުކަޒީ ކޮމިޓީއާ މިއަދު ބައްދަލުކޮށްފައެވެ. އެލްޖީއޭއިން ބުނީ ދާދި ފަހުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާއެކު ސިޓީއެއްގެ ދަރަޖައަކަށް ބޭނުންވާ ހުރިހާ ޝަރުތެއް ތިނަދޫގައި ހަމަވާ ކަމަށް ކައުންސިލުން ފޮނުވި ސިޓީގައި ބުނެފައިވާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނު ބުނެފައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ދެވޭނީ އާބާދީގައި 10،000 މީހުން ހަމަވުމާ އެކު ސިޓީއެއްގެ ދަރަޖަ ދެވޭ ތަންތަނުގައި ލިބެން ހުންނަން ޖެހޭ ހިދުމަތްތަކާއި އެތަނެއްގެ އުފެއްދުންތެރިކަމުގެ ނިސްބަތް ވަކި މިންވަރަކަށް ވުރެ މަތިވުމުންނެވެ. އެތަންތަނުން ލިބެން ޖެހޭ ހިދުމަތްތަކާއި އުފެއްދުންތެރިކަމުގެ އެންމެ ދަށް މިންގަނޑު ކަނޑައަޅާނީ އެލްޖީއޭ އިންނެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ކޮމިޓީގައި ވިދާޅުވީ ސިއްހީ ހިދުމަތާއި ފުރަތަމަ ޑިގްރީ ފެންވަރަށް ކިޔެވުމާއި އެކު ސިޓީއެއްގެ ގިނަ ޝަރުތުތައް ތިނަދޫއަށް ހަމަވާ ކަމަށެވެ. ކައުންސިލާ ހަވާލާދެއްވައި އަފްޝަން ވިދާޅުވީ 12 ހާހުގެ އާބާދީއަކަށް ހިދުމަތް ދެވޭ ފެންވަރު ހުރި ކަމަށް ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށެވެ. ނަމަވެސް އެ ރަށުގެ ރަޖިސްޓްރީ ކޮށްފައިވާ އާބާދީ މަދުކަން އޭނާ ފާހަގަކުރެއްވިއެވެ.

"ކައުންސިލުން ވިދާޅުވަނީ އެބޭފުޅުން ކޭޓާކުރާވޭނެ ކަމަށް 12000 އާބާދީއަކަށް، އެއީ ކޮވިޑް-19 ގެ ތެރޭގައި އެއް ކުރެއްވި ސްޓޭޓަސްއިން ހާމަވެޔޭ ރެޒިޑެންސް ޕޮޕިއުލޭޝަންއަކީ 12000 ކަން ގާނޫނު ގައި މި އޮންނަނީ ރެޖިސްޓްރޭޓެޑް އާބާދީއެއް" އަފްޝަން ވިދާޅުވިއެވެ. ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ އާބާދި މަދުވެފައި އޮތީ މާލޭގައި ހިންގާ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ކުރިމަތިލުމަށް ގިނަ ބަޔަކު ރެޖިސްޓްރީން ކެނޑުމުން ކަމަށް ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.

އެލްޖީއޭ ބޯޑުގެ ބައްދަލުވުމެއް ކުރިއަށްދަނީ/ ފޮޓޯ: އަފްޝަން

ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލޭ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒު (ނިޔާ) ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމުގެ ކަންތައްތަކުގައި ނިޒާމުގައި އޮންނަނީ ރެޖިސްޓްރީ ކޮށްފައިވާ އާބާދީއަށް ކަމަށެވެ. މިސާލެއް ނަންގަވައި ނިޔާ ވިދާޅުވީ މާލޭގެ މުނިސިޕަލް ހިދުމަތް ލައްކެއްހާ މީހުން ބޭނުންކުރާއިރު ވޯޓުލާން ޝަރުތު ހަމަވަނީ 50،000 މީހުން ކަމަށެވެ.

ނިޔާ ވިދާޅުވީ ވޯޓުލުމުގެ ހައްގު ދިރިއުޅޭ އާބާދީއަށް ދިނުމަކީ ރަނގަޅު ކަމެއް ކަމަށް މީގެ ކުރިން އިލެކްޝަން ކޮމިޝަންއާ އެކު ބޭއްވި ބައްދަލުވުންތަކުގައި ހުށަހެޅި ނަމަވެސް ގާނޫނަކަށް އެގޮތަށް އަދި ބަދަލު ގެނެވިފައެއް ނުވާ ކަމަށެވެ.

ކޮމިޓީއަށް ވަޑައިގެންނެވި މެމްބަރު އަބްދުލް މުގުނީ ވިދާޅުވީ ސިޓީއެއްގެ ދަރަޖަ ދޭން ޖެހޭ ވަރަށް އާބާދި ހަމަނުވާ ކަމަށް ދެއްކި ކަމުގައިވިޔަސް ފަހުގެ ތާރީހެއްގައި ރާއްޖޭގެ އެއްވެސް ރަށެއްގައި ބޯހިމެނުން ކުރިއަށް ގެންގޮސްފައިނުވާ ކަމަށެވެ. "އަޅުގަނޑުމެންނަށް އަސްލު އާބާދީ ޔަގީންކުރާކަން ނޭގެ. ދިރިއުޅޭ އާބާދީ 12 ހާހަށްވުރެ މަތީގައި އުޅޭ" މުގުނީ ވިދާޅުވިއެވެ.

ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ސަނީފްވެސް ފާހަގަކުރެއްވީ އެ ވާހަކައެވެ. އޭނާވެސް ވިދާޅުވި ގޮތުގައި އެ ރަށަށް ސިޓީއެއްގެ ދަރަޖަ ލިބެން ޖެެހޭނެއެވެ. އެއީ އެ ރަށުގައި ސިޓީއެއްގެ ހުރިހާ ކަމެއް ފުރިހަމަވެފައިވާތީއެވެ.

މަޖިލީހުގައި ތިނަދޫ ތަމްސީލު ކުރައްވާ މުއުނީ އާއި ސަނީފް

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ތިނަދޫ ކައުންސިލްގެ ހުށަހެޅުމަށް ތާއިދު ކުރައްވާ ކަމަށެވެ. އިންތިހާބުތަކުގައި މިހާރު ވޯޓުލާން އޮންނަ އުސޫލަކީ އެންމެ ރަނގަޅު އުސޫލަކަށްނުވާއިރު ތިނަދޫ ކައުންސިލްގެ ހުށަހެޅުމަކީ އެކަންތައް ބަދަލުކުރުމަށް "ފެށުމެއް ކަމަށް ބަލައިގެން" ކޮމިޓީގެ އިސްނެގުމާއެކު ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން މުހިއްމު ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ހައްލަކީ މުޅި އަތޮޅަށް ދެވޭނެ ހައްލެއް ކަމަށެވެ. އަދި އެއީ ގިނަ ބަޔަކު އެކި ބޭނުމުގައި ދަތުރުކުރާ ރަށަކަށްވާއިރު ސިޓީއެއްގެ ދަރަޖަ ލިބިގެން ދިޔުމަކީ މުޅި އަތޮޅަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތިނަދޫ ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

މެމްބަރުންގެ ބަހުސަށް ފަހު ކޮމިޓީގެ މުގައްރިރު ނިޔާ ވިދާޅުވީ ސިޓީގެ ޝަރުތުތައް ފުރިހަމަވާ ރަށްތައް އެ ދަރަޖަ ދިނުމަށް ތާއިދުކުރައްވާ ކަމަށެވެ. ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނުމަށް ދެކޮޅު ނޫން ކަމަށާއި ނަމަވެސް ގާނޫނުގައި ވަކި ޝަރުތުތަކެއް ބަޔާންކޮށްފައިވާއިރު ގާނޫނަށް ބަދަލުތަކެއް ގެންނައިރު ރަނގަޅު ދިރާސާއެއް އޮންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދަޅުވިއެވެ..

"ރަޖިސްޓާޑް އާބާދީއަށް ދިރިއުޅޭ މީހުންގެ އަދަދަށް ބަލާފައި މުނިސިޕަލްތައް ހިދުމަތްތައް ދިނުމަށް އެކުލަވާލާފައިވާ އިދާރާގެ އޮނިގަނޑު ބަދަލުކޮށް ހިންގުން ބަދަލުކުރާ ކަމަށްވާނަމަ އެމީހުންގެ ވޯޓުލުމުގެ ހައްގަށްވާނީ ކިހިނެއްތޯ އެއީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ޖެހޭ ކަމެއް" ނިޔާ ވިދާޅުވިއެވެ.

މުގައްރިރު ވިދާޅުވީ ގާނޫނަށް އިސްލާހު ގެނައުމަކީ ވަރަށް ބުރަ ބޮޑު މަސައްތަކެއް ކަމަށެވެ. ތިނަދޫއަށް އިދާރީ ގޮތުން ހިންގުމުގައި މިހާރު ދިމާވެފައިވާ މައްސަލައަށް ސަރުކާރާ އެލްޖީއޭއާކު މަޝްވަރާކޮށްގެން ހައްލެއް ހޯދިދާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ނޫރު

    ތިނަދޫގައި 20000 މީހުން މިހާރު ހަމަވީސް ތިނަދޫން މީހުން ބާލާ ފަޅު ނުކުރިނަމަ، ތިނަދޫގެ އަސްލު ރައްޔިތުން ދެކުނުގެ ވަރަށްގިނަ ރަށްތަކުގައި އުޅުނު، އަދި ހަވޮއްޑާ އާއި އެހެނިހެން ފަޅު ރަށްތަކުގައި ބަނޑަށް މަރުވި. ޖަލުގައި އެތައްބަޔަކު މަރާލި. މިހާރުވެސް ވަރަށްގިނަ ތިނަދޫ އާއިލާތައް ހުވަދޫ ގެ އެކި އެކި ރަށްތަކުގައި އެބައުލުއްވާ. ތިނަދޫ ތަރައްގީ ކުރުމަށް ވިސްނި ލީޑަރ އެކަންކުރީވެސް އާބާދީއަށް ބައްލަވާއިގެންނޫން. މިރަށަކީ ސިޓީ އެއްގެ ދަރަޖަ ހައްގު ރަށެއް، މިކަން ފުރިހަމަކޮށްދެއްވުމީ ހުވަދޫ މީހުންގެ ވަރަށްބޮޑް އެދުމެއް. ވަކި ސިޔާސީ ފިކުރަށް ނުބައްލަވާ އެންމެ އެކުގައި މިފަދަ ކަންކަމާ މެދު ވިސްނަމާތޯ.

    3
    3
  2. އާދަނު

    ޅ. ނައިފަރުގައި 5787 . ސިޓީގެ ދަރަޖަ ދޭންވާނެ ތިނަދޫއަށް ދެންޏާ

    9
    3
  3. ޒާ

    ތިނަދޫއަށް ވަކި ގޮތެއް އެހެން ރަށަކަށް ވަކިގޮތެއް ހަދަން ގާނޫނުގައި އޮވޭތޯ؟ ތިއީ މަސްލަހަތު ގެއްލި ރާއްޖޭގައި އަމަލު ކުރާ ހަމަހަމަކަން ގެއްލޭނެ ކަމެއް.

  4. ޖަޒީރާ

    ތިނަދޫ އެއް ނޫން، ޑިމާންޑްކުރާ ހުރިހާ ރަށަކަށްވެސް ސިޓީގެ ދަރަޖަ ދީ. ދެން ކައުންސިލަރުންގެ މުސާރަތައް ބޮޑުކޮށްފަ، ފައިދާ ނަގަން ބަހައްޓާ

  5. ހުސޭނުބޭ

    ތިހެން ސިޓީއެއްގެ ދަރަޖަ ދޭނަމަ އެންމެ ހައްޤުކަން ބޮޑީ ވ އަތޮޅުގެ ކޮންމެ ރަށަކަށް ސިޓީއެއްގެ ދަރަޖަ ދިނުން

    9
    1
  6. ޢަލީ

    ރަނގަޅު! އަޑީގައި ފޮރުވިފައި އެތައްކަމެއް ހިމެނޭކަމެއްކަމަށް ބެލެވޭ. ބައެއް ކަންކަން.
    1. އަތޮޅުކައުންސިލްގެ ރައީސްއަކީ ޕީޕީއެމް ގެ މީހަކަށްވުމުން އޭނާ އެއްލާލުން.
    2. ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރުކަން އެމް.ޑީ.ޕީ އިން ނެގުން
    3 ޒަމާނުއްސުރެ އެރަށަކުން އަތޮޅުގެ ވެރިކަމަށް ވާދަކުރާ ރަށަށް އަތޮޅުކައުންސިލް ގެންދިއުން.
    4 ތިނަދޫ މިހާރަށްވުރެ ބޮޑަށް އެކަހެރި ކޮށްލުން، ތަރައްޤީ އެއް ނުލިބުން،

    6
    1
  7. ހުވަދޫ އަލިބެއްޔާ

    ހެހެހެހެ.. ތިނަދޫ މީހުންނަށް ފުރައްސާރައެއް ކޮއްލީ..؟؟؟

    4
    2
  8. ހުވަދު

    ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށްވެސް ސިޓީގެ ދަރަޖަ ދޭންވީ.

  9. ހާލުފޮޅި

    ނުޖެހޭ . .

  10. ދަރަނި ދަންތުރަ

    ވ ކެޔޮދޫ އަށްވެސް ސިޓީއެއްގެ ދަރަޖަދޭންޖެހޭނެ އެރަށުގައިވެސް ސިޓިތަކުގަ އުޅޭކަހަލަ ދިވެހިން އުޅެނީ

    2
    1
  11. ބޯޖަލީލު

    ހއ މުރައިދޫ އަށްވެސް ސިޓީއެއްގެ ދަރަޖަދޭންޖެހޭނެ އެރަށުގައިވެސް އުޅެނީ ދިވެހިން އަދި އިސްލާމުން

    1
    1
  12. ޢހ

    ބ އޭދަފުށި
    ގއ ވިލިނގިލި
    ރ އުގޫފާރު
    މިރައްތަކަށް ވެސް ސިޓީ އެއްގެ ދަރަޖަ ލިބެންޖެހޭ، ތިނަދުއަށް ތިޔަބުނާ ދަރަޖައެއް ދެންޔާމް.
    ތިނަދޫ ވަކި ހާއްސަވާންވީ ދެކޮނު ބަގާވާއި ކުރީމަ ތަ ؟