އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިގެންފި އެވެ.

އީސީ އިން މިއަދު ކުރި ޓްވިޓެއްގައި ބުނީ އެމްޑީޕީ އާއި ޖޭޕީގެ ގައުމީ ކޮންފަރަންސްގައި ފާސް ކުރި ޕާޓީތަކުގެ އަސާސީ ގަވައިދަށް ގެނައި އިސްލާހުތައް އީސީ އިން އެންޑޯޒްކޮށްފައިވާ ކަމަށާއި އެ ގަވައިދުތައް ދަފްތަރުކޮށްފައިވާ ކަމަށެވެ.

ޖޭޕީ އާއި އެމްޑީޕީ އިން މިދިޔަ މަހު ބޭއްވި ކޮންގްރަސްގައި އެ ދެ ޕާޓީގެ އަސާސީ ގަވައިދަށް ގެނައި ބަދަލުތައް އީސީއަށް ހުށަހެޅުމުން އެ ކޮމިޝަނުން ވަނީ ބައެއް މައްސަލަތައް ފާހަގަކޮށް، އެކަން ހައްލު ކުރުމަށް އެ ދެ ޕާޓީއާ ވާހަކަ ދައްކަމުންދާ ކަމަށް ބުނެފަ އެވެ.

އެމްޑީޕީގެ ފަރާތުން އަސާސީ ގަވައިދަށް ވަރަށް ގިނަަ އިސްލާހުތަކެއް ގެނެސްފައިވާ ކަމަށް ބުނެ އީސީއަށް ފޮނުވާފައިވީ ނަމަވެސް އެ ޕާޓީގެ ކުރީގެ އަސާސީ ގަވައިދާ އަޅާކިޔާއިރު ބައެއް އިސްލާހުތައް ފާސްވިކަން ނުވަތަ ނޫންކަން އެނގެން ނެތް ކަމަށް ކުރިން އީސީ އިން ބުންޏެވެ.

އޭގެ އިތުރުން ޖޭޕީ އިން އަސާސީ ގަވައިދުގައި ކޮންމެހެން ވެސް ހިމަނަން ޖެހޭ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ބައެއް ކަންކަން އުނިކޮށްފައިވާ ކަމަށާއި އެހެންކަމުން އެކަން ވެސް ބަލައި ނުގަނެވޭ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ސިޔާސީ ޕާޓީތަކުގެ އަސާސީ ގަވާއިދު، ބައެއް ގާނޫނުތަކާ ފުށުއަރާ ކަމަށް ބުނެ، އެ ގަވާއިދު އިސްލާހު ކުރަން އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް އަންގައިފައި ވަނީ މިދިޔަ މޭ މަހުއެވެ.

ކޮމިޝަނުން އެންގީ، އެއްވެސް ޕާޓީއެއްގެ އަސާސީ ގަވާއިދުގެ މާއްދާއެއް ސިޔާސީ ޕާޓީގެ ގާނޫނާ، ދިވެހިރާއްޖޭގައި ތަސްދީގު ކޮށްފައިވާ އެއްވެސް ގާނޫނެއްގެ މާއްދާއަކާ ފުށުއަރާ ނަމަ، އެ މާއްދާއެއް ބާތިލުވާނެ ކަމަށް ބަޔާންކޮށް އަސާސީ ގަވާއިދަށް މާއްދާއެއް އިތުރުކުރުމަށެވެ.

އަދި އަސާސީ ގަވާއިދަށް އެ އިސްލާހު ގެނައުމަށް ފަހު، އެ ކޮމިޝަނަށް ފޮނުވައިދޭން ވެސް އަންގާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު