އދ.ހަންޏާމީދޫ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ޕީޕީއެމް އަށް ސޮއިކޮށްފިއެވެ.

މިއަދު ޕީޕީއެމް އަށް ސޮއި ކުރެއްވި ދެ ބޭފުޅުންނަކީ އދ.ހަންޏާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމް އަދި ނާއިބު ރައީސް ހަސަން އަޝްރަފްއެވެ.

މި ދެ ބޭފުންނަކީ އަމިއްލަ ގޮތުން ކައުންސިލަށް އިންތިޚާބުވެލައްވާފައިވާ ދެ މެންބަރުންނަށްވާއިރު، އެ ކައުންސްގައި ދެން ހުންނަވަނީ ޕީޕީއެމް އަށް ނިސްވަތްވެވަޑައިގަންނަވާ މެންބަރެކެވެ. އެހެންކަމުން ހަންޏާމީދޫ ކައުންސިލްގެ ތިން ގޮނޑިވެސް ޕީޕީއެމް އަށް ލިބި ކައުންސިލްފެ އަޤްލަބިއްޔަތު ޕީޕީއެމް އަށް ވަނީ ލިބިފައެވެ.

ޕީޕީއެމް އާއި މިއަދު އަލަށް ގުޅުނު މެމްބަރުން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

ޕީޕީއެމް އޮފީހުގައި ބޭއްވި ހާއްޞަ ރަސްމިއްޔާތެއްގައި ދެ ކައުންސިލަރުންގެ އިތުރުން ހަންޏާމީދޫއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ޒުވާނުން ވެސް ވަނީ ޕީޕީއެމް އަށް ސޮއި ކުރައްވާފައިވެއެވެ.

މި ރަސްމިޔާތުގައި ޕީޕީއެމްގެ ނާއިބު ލީޑަރާއި، ޓުވަރިޒަމް މިނިސްޓަރު އަދި ހޯމް މިނިސްޓުގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޕީޕީއެމް އަށް އަލަށް ގުޅިވަޑައިގެން ކައުންސިލަރުންނާއި ޒުވާނުންނަށް މަރުޚާބާ ދަންނަވައި ޓުވަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ޕީޕީއަށް އަލަށް ގުޅިވަޑައިގެން ހުރިހާ ބޭފުޅުންނަށް މަރުޚަބާ ދަންނަވާ ކަމަށާއި، މިއީ ޕީޕީއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ޕީޕީއެމް އާއި މިއަދު އަލަށް ގުޅުނު މެމްބަރުން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

"މިއީ އަޅުގަނޑުމެންގެ ޕާޓީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް، އަދި މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް" ޓުވަރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.

ޕީޕީއެމް އަށް ގުޅިވަޑައިގެން ޒުވާނުންނަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައިވާއިރު، އޭނާ ވިދާޅުވީ މިއަދަކީ ތާރީޚީ ދުވަހެއް ކަމަށާއި، މިއީ ޕީޕީއެމް އަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް އަދި ފަހުރެއް ކަމަށެވެ.

"މިއަދަކީ ވަރަށް ތާރީޚީ ދުވަހެއް، ތަރައްޤީއަށް ދިވެހި ރައްޔިތުން އާބަސް ބުނަމުންދާ މަންޒަރު މިއަދު ފެންނަމުން މިދަނީ، ހާއްޞަ ގޮތެއްގައި އދ.ހަންޏާމީދޫ ކައުންސިލްގެ ރައީސް އާއި ނާއިބު ރައީސް އަޅުގަނޑުމެންނާ ގުޅުވަޑައިގަތުމަކީ ޕީޕީއެމް އަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް އަދި ފަހުރެއް." އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް ވާހަކަދައްކަވަނީ - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ، ހަންޏާމީދޫ ކައުންސިލްގެ ރައީސް އަދި ނާއިބު ރައީސް އަދި ކައުންސިލަރުންނާ ގުޅިފައިވާ ޒުވާނުންގެ އިތުރުން ރަށުގެ ރައްޔިތުންގެ މަސައްކަތުން ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ހަންޏާމީދީގެ މެޖޯރިޓީ ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

"ހަންޏާމީދޫ އަކީ ފާއިތުވެދިޔަ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ރަށެއް، ފާއިތުވެދިޔަ ވިއްސަކަށް އަހަރު ދުވަހުވެސް ތަރައްޤީގެ ބޮޑު މަޝްރޫއެއް ހިންގާފައިވާ ރަށެއް ނޫން. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން އެރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ނަރުދަމާގެ ނިޒާމުގެ މަސައްކަތުގެ އަމަލީ މަސައްކަތް މިހާރު ފަށައިގެން ކުރިއަށް އެބަދޭ. އަދި ސްޕޯޓްސް އެރީނާގެ ދަނޑުގެ މަސައްކަތްވެސް ވަރަށް ކައިރި މުސްތަޤްބަލެއްގައި ފެށިގެންދާނެ ކަމުގެ ޔަޤީންކަން އަރުވަން." މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ވިދާޅުވިއެވެ.

އދ.ހަންޏާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމް ޕީޕީއެމް އަށްސޮއި ކުރެއްވުމަށްފަހު މީޑިއާއަށް ވިދާޅުވީ، ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރަން ކުރާ މަސައްކަތުގައި ދެމިހުންނާނެ ކަމަށާއި، ރަށުގެ ތަރައްޤީއަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ޕީޕީއެމް އާ ގުޅުނީ ރައީސް ޔާމީން މިޤައުމަށް ގެންނަވާ ތަރައްޤީ އަޅުގަނޑު ބަލައިގަންނާތީވެ، އަދި ރައީސް ޔާމީނަކީ ޒުވާނުންގެ ރައީސް ކަމަށް ވާތީވެ. މިހާރުވެސް ހަންޏާމީދޫއަށް މިއަންނަ ތަރައްޤީއަކީ ރައީސް ޔާމީންގެ ތަރައްޤީކަން ފާހަގަ ކޮށްލަން. އަޅގަނޑު ގަބޫލުކުރަނީ ކުރިއަށް އޮތް ތާނގާވެސް ތަރައްޤީގެ އިތުރު ފުރުޞަތުތައް ހަންޏާމީދޫއަށް ލިބިގެންދާނެކަމަށް." ހަންޏާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމް ވިދާޅުވިއެވެ.

ހަންޏާމީދޫ ކައުންސިލްގެ ނާއިބު ރައީސް ހަސަން އަޝްރަފް ޕީޕީއެމް އަށްސޮއި ކުރެއްވުމަށްފަހު މީޑިއާއަށް ވިދާޅުވީ، ޕީޕީއެމް އާ ގުޅިވަޑައިގަތީ ރައީސް ޔާމީންގެ ސަރުކާރުން އަތޮޅުތެރޭގެ ރަށްތަކުގެ ތަރައްޤީއަށް ކޮށްދެއްވާ މަސައްކަތްތަށް ބަލައިގަންނާތީ ކަމަށާއި ޒުވާނުންނާ ގުޅުން ބަދަހި ސަރުކާރަކަށްވާތީ ކަމަށެވެ.

"ސަރުކާރަކީ ޒުވާނުންނާ ވަރަށް ގުޅުން ބަދަހި ސަރުކާރެއްގެ ގޮތުގައި ފާހަގަ ކުރެވެނީ، އަދި ހާއްޞަ ގޮތެއްގައި ރާއްޖޭގެ ރަށްތަކުގެ ތަރައްޤީއަށް ރަނގަޅު މަސައްކަތަތަކެއް ކުރައްވާ ސަރުކާރެއްގެ ގޮތުގައި، އެކަން އަޅުގަނޑު ބަލައިގަންނަން. އެކަމަށްޓަކައި މިއަދު ޕީޕީއެމް އަށް މި ގުޅުނީ." ހަންޏާމީދޫ ކައުންސިލްގ ނާއިބު ރައީސް ހަސަން އަޝްރަފް ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދިނުމަށް ހަންޏާމީދޫ ކައުންސިލުން ޒުވާނުންނާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަށް ކޮށްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.

ޕީޕީއެމް އަށް އދ.ހަންޏާމީދޫ ކައުންސިލްގެ ރައީސް އަދި ނާއިބު ރައީސްގެ އިތުރުން އެރަށުގެ ޒުވާނުންތަކެއް ސޮއި ކުރައްވާފައިވާއިރު، ޕީޕީއެމްގެ ކެމްޕޭން ޓީމުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނީ ވަރުގަދަ ކެމްޕޭންތަކެއް ކުރަމުންނެވެ. އެ ކެމްޕޭންގެ ތެރޭގައި ސަރުކާރާ އިދިކޮޅު ގިނަ އަދަދެއްގެ ސިޔާސީ ފަރާތްތަކުން ބައިވެރިވަމުންދާކަމަށް ކެމްޕޭން ޓީމުތަކުން ބުނަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަސްމަން

    ސާބަހެ ހަންޏާމީދޫ ކެއުންސިލް އަދި ދެންތިބި ކުދިންނައްވެސް

  2. އިބްރާހިމް

    ޢަލްޙަމްދުލިއްލާހި

  3. އިބްރާހިމްސް

    ޢަލްޙަމްދުލިއްލާހި

  4. ޢިދުރީސް

    މަރްހަބާ...ހުރިހާ އެންމެންވެސް ބޮޑު ފަޅިއަށް އަރަންވީ.....

  5. އައްޑަ

    ޕީޕީއެމް މެމްބަރުންނާއި ކައުންސިލަރުން ޕާރޓީ ބަދަލު ކުރީމަ އޯކޭ. ޕާރޓީ އަށް ހަރާން ކޯރު ވަނީ ހަމަ އެކަނި ޕީޕީއެމް މީހުން އެހެން ޕާރޓީ ތަކާއި ގުޅުނީމަ

  6. ނުރަބޯ

    މަރުޙަބާ......މަރުޙަބާ. ދާއިރާގެ ތަރައްގީ އާއި ކުރިއެރުމަށްޓަކައި ތިޔަ އެޅުއްވިފިޔަވަޅަކީ ރަގަޅު ފިޔަވަޅެކެވެ.

  7. މީރާ

    އޭ ޖަރޭ ޔާމިންމިފަހަރު ނުހޮވިއޖެއްޔާމު އަނެނަންވާނެ ކަލޭކުރިންކޭބަލްއަޅަން އުޅުނުތަނައް ކޭބަލްއަޅަން. ކަސްޓަމަރުންވަރައް މިސްވޭތިބަނޑުނުފެނނާތީ.