ހިޔާ މަޝްރޫއުގެ ދަށުން ފުލެޓްތަކަށް އެދޭ ފަރާތްތަކުގެ ތެރެއިން ދަފްތަރު ކެޓެގެރީއަށް ގެނެސްފައިވާ ބަދަލު ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ހައުސިންގް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނަޒީމް ވިދާޅުވި ގޮތުގައި އެއްވެސް ކެޓަގެރީއަކަށް ނުފެތޭ 40 އަހަރުން މަތީގެ މީހުންނަށް ކުރިމަތި ނުލެވޭ ގޮތަށް ކުރިން އޮތް އޮތުން މިހާރު ވަނީ ބަދަލުކޮށްފައެވެ. އެގޮތުން އަލަށް ގެނެވުނު ބަދަލުގެ ސަބަބުން އެފަރާތްތަކަށް ވެސް ފުލެޓަށް ކުރިމަތިލެވޭނެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ވިދާޅުވިއެވެ.

"ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ ފުރުސަތެއް ދިނުމުގެ ގޮތުން ދަފުތަރު ކެޓަގެރީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް ދެ އޮޕްޝަނެއް އެބަ ލިބިވަޑައިގަންނަވާ. އެއީ އެބޭފުޅަކު ދަފްތަރުގައި ހިމެނުނު ދުވަސްތަކުން އެބަ މާކްސް ގިނައިން ލިބިވަޑައިގަންނަވާ. ދެވަނަގޮތަކީ އެބޭފުޅަކު މާލޭގަ އުޅުނު މުއްދަތުން އެބަ މާކްސް ލިބިވަޑަައިގަންނަވާ" ނަޒީމް ވިދާޅުވިއެވެ.

ޑެޕިއުޓީ މިނިސްޓަރު ނަޒީމް ވިދާޅުވިގޮތުގައި މާލޭގައި އުޅުނު ކަމަށް ބަލާނީ މެދުނުކެނޑި މާލޭގައި 6 މަސް ދުވަހަށް އުޅެފައިވާނަމަ ކަމަށާއި ނަމަވެސް ދިގު މުއްދަތަކަށް ބޭސްކުރަންޖެހިގެން ނޫނީ ވަޒީފާގެ ސަބަބުން ނުވަތަ ކިޔެވުމަށް ރާއްޖެއިން ބޭރުގައި އެއަށްވުރެ ގިނަ ދުވަސް ހޭދަވެފައިވާނަމަ އެއީ މާލޭގައި އުޅުން މެދު ކެނޑުނީކަމަށް ނުބަލާނެއެވެ.

ނަޒީމް ވިދާޅުވިގޮތުގައި ދަފްތަރު ކެޓަގެރީގަ 15 އަހަރު ވެފައިވާ ފަރާތްތަކަށް އެކަޓެގަރީއިން އިތުރަށް މާލޭގައި ދިރިއުޅުނު މުއްދަތު ހާމަކުރައްވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. ދަފްތަރުގައި ޖެހި 5 އަހަރުވީ ނަމަވެސް މާލޭގަ ދިރިއުޅެމުންދާތާ 20 އަހަރުވެފައިވާ ފަރާތެއް ވާނަމަ އެބޭފުޅަކަށް މާލޭގައި ދިރިއުޅުމުގެ މުއްދަތު ޖެހުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ނަޒީމް ވިދާޅުވިއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓުރީގެ ޑެޕިއުޓީ މިނިސްޓަރު ނަޒީމް އިތުރަށް ވިދާޅުވި ގޮތުގައި ހިޔާ މަޝްރޫއުގެ ދަށުން ފުލެޓަށް ފޯމްލައްވަން ބޭނުންފުޅުވާ ބޭފުޅުން 31 އޯގަސްޓް ގެކުރިން ދަފްތަރުގަ ޖެހިވަޑައިގެން ފޯމް ލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފުލެޓް އަށް އެދޭ ފޯމް ބަލައިގަތުން ހެނދުުނު ނުވަޔަކުން މެންދުރު 3 އަދި ހަވީރު 4 އަށް އަދި ރޭގަނޑު 8 ކުން 11 އަށް ފޯމު ލުމުގެ އިންތިޒާމް އިއްޒުއްދީން މަގުގައި ހުރި ހިޔާ މަޝްރޫގެ ފޯމް ބަލައިގަތުމަށް ހާއްސަކުރެވިފައިވާ ޓެންޓްގައި އިންތިޒާމް ހަމަޖެހިފައިވާ ހައުސިން މިނިސްޓްރީއިން މައުލޫމާތު ދެއެވެ.