މާލެ އަތޮޅު ވާދޫ ކައިރިން ހަ މީހުންނާއި އެކު ދޯންޏެއް މިއަދު އަޑިއަށް ދަނިކޮށް ދޯންޏާއި، އެދޯނީގައި ތިބި މީހުން ސަލާމަތް ކޮށްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެހާދިސާގެ ރިޕޯޓް ލިބިފައި ވަނީ 09:34 ގައި ކަމަށެވެ.

އެދޯންޏަކީ ވެލި ބަރުކޮށްގެން ދަތުރު ކުރަމުންދިޔަ ދޯންޏެވެ.

"ވޭވަށް" ނަމަކަށް ކިޔާ ދޯންޏަށް ދިޔަވެ އަޑިއަށް ދަނިކޮށް ޕަމްޕް ޖަހައިގެން ވަނީ ދިޔަވުން ކޮންޓްރޯލް ކޮށްފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ދޯނީގެ ވެރިފަރާތުން މިދޯނި ކަފުޖަހާނެ އުޅަނދެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ކޯސްޓް ގާޑްގެ ލޯންޗެއް ދޯނީގެ ކައިރީގައި އޮވެގެން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސް ވަރަކަށް ވާތީ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ބައްލަވައިގެން ދަތުރުތައް ކުރެއްވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.