"ވަގުތު" އިން ފުވައްމުލަކު ސްކޫލަށް 11 ސްމާޓް ޓީވީ މިއަދު ހަދިޔާކޮށްފިއެވެ.

ފުވައްމުލަކު ސްކޫލްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި "ވަގުތު" ފަރާތުން ސްކޫލާއި ޓީވީތައް ހަވާލުކޮށްދެއްވީ "ވަގުތު"ގެ ސީއީއޯ އާދަމް ނަވާޒް އެވެ. ފުވައްމުލަކު ސްކޫލްގެ ފަރާތުން ޓީވީތަކާއި ހަވާލުވެ ވަޑައިގެންނެވި އެސްކޫލްގެ އެޑްމިނިސްޓްރޭޓަރ އައްބާސް އަހްމަދު އެވެ.

ސްމާޓް ޓީވީތަކާއި ހަވާލުވެ ލެއްވުމަށް ފަހު އައްބާސް ވިދާޅުވީ ފުވައްމުލަކު ސްކޫލަށް "ވަގުތު" އިން ހަދިޔާ ކުރި ޓީވީތަކާއިއެކު އެސްކޫލްގެ ހުރިހާ ކްލާސް ރޫމެއްގައި ޓީވީތައް ހަރުކުރެވިގެން ދާނެ ކަމަށެވެ. "ސްކޫލްގެ 14 ކްލާސް ރޫމްގެ ތެރެއިން މިހާރު ޓީވީ ހުންނަނީ ހަތަރު ކްލާސް ރޫމެއްގައި. "ވަގުތު" އިން މިއަދު ހަދިޔާ ކުރި ޓީވީތަކާއިއެކު ހުރިހާ ކްލާސްރޫމެއްގައި ޓީވީތައް ހަރުކުރެވި ދަރިވަރުންނަށް ތައުލީމް ދިނުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ." އައްބާސް ވިދާޅުވިއެވެ.

އައްބާސް ވަނީ "ވަގުތު" އަކީ ފުވައްމުލަކު ސްކޫލާއި އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ނޫހެއްކަން ފާހަގަ ކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

"ވަގުތު" ސީއީއޯ ނަވާޒް ވަނީ ދަރިވަރުންނަށް ތައުލީމް ފޯރުކޮށްދިނުމަށް އެހީތެރިކަމެއް ދެވުން އެއީ "ވަގުތު" އަށް ލިބޭ ހާއްސަ އުފަލެއް ކަމުގައި ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ފުވައްމުލަކު ސްކޫލަށާއި އެހެން ސްކޫލްތަކަށާއި އާއްމު ފަރާތްތަކަށް ވެސް "ވަގުތު"ގެ އެހީތެރިކަން ލިބެމުންދާނެ ކަމުގެ ޔަގީންކަން ނަވާޒް ދެއްވެވިއެވެ.

"ވަގުތު" އަކީ މިހާތަނަށް އިޖުތިމާއީ ޒިންމާއެއްގެ ގޮތުގައި ދެކިގެން އެންމެ ގިނަ ފަރާތްތަކަށް ހިލޭ އެހީ ފޯރުކޮށްދީފައިވާ ރާއްޖޭގެ ނޫހެވެ. "ވަގުތު" އިން އެކި ފަރާތްތަކަށް ފާއިތުވި އަށް އަހަރު ދުވަސް ތެރޭގައި ހިލޭ އެހީގެ ގޮތުގައި އެކި ފަރާތްތަކަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ވަގުތުވަރެއް ނެތެއްނު އެހެން ވީމަ
    ޝުކުރިއްޔާ ވަގުތު ރައްޔިތުންނަށް ދެއްވާ އެހީފުޅުތަކަށް
    ކުރިއެރުމާއި ކާމިޔާބު މިންވަރު ކުރައްވާށި އާމީން

    6
    1
  2. ޚާރު

    ބޮޑެތި ވިޔަފާރި ތަކަށް ނުކެރޭ މިވަރު ކޮށް ލަން

    7
    1