އދ. އަތޮޅުގައި އޮންނަ ވިލަމެންދޫ އައިލެންޑް ރިސޯޓުގެ ކައިރީގައި ފާނަ މަސްވެރިކަން ކުރަން އުޅުނު ދޯންޏަކުން ކަނޑަށް ވެއްޓުނު މީހާ ހޯދުމުގެ މަސައްކަތް ވައިގެ މަގުން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ކުރި ޓްވީޓެއްގައި ވިދާޅުވީ އެ މީހާ ހޯދުމަށް ވައިގެ މަގުން ހާއްސަ އޮޕަރޭޝަނެއް އެއާ ޓެކްސީގައި އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދު ފަށާފައިވާ ކަމަށެވެ.

ފާނަ މަސްވެރިކަން އުޅުނު "ޓާގެޓް" ދޯނިން ވެއްޓިފައިވަނީ ފ. ބިލެތްދޫ، އުތުރުގޭ އަބްދުﷲ ނަޞީރެވެ. އޭނާއަކީ އުމުރުން 58 އަހަރުގެ މީހެކެވެ.

އެމްއެންޑީއެފް އިން ހާމަކުރައްވާފައިވާ ގޮތުގައި، ދޯނިން އޭނާ ވެއްޓި، ގެއްލިފައިވާކަމުގެ މައުލޫމާތު، އެމްއެންޑީއެފްގެ ކޯސްޓު ގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިދިޔަ ހަފްތާގެ ހުކުރު ދުވަހުއެވެ. އެކަން، އެމްއެންޑީއެފަށް ރިޕޯޓުކޮށްފައިވަނީ އެދުވަހުގެ މެންދުރުފަހު 14:39 ހާއިރުއެވެ.

ހުކުރު ދުވަހުން ފެށިގެން އަބްދުﷲ ނަޞީރު ހޯދުމުގެ މަސައްކަތުގައި، އެމްއެންޑީއެފްގެ އުޅަނދުތައް ދަނީ ހަރަކާތްތެރިވަމުންނެވެ. ހަމައެހެންމެ، އެމްއެންޑީއެފްގެ އޮޕަރޭޝަނަށް، އެސަރަޙައްދުގައި ހުންނަ ޓުއަރިސްޓުންނަށް ޚިދުމަތް ދޭ ތަންތަނުންވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން، އދ. ދިގުރަށުގެ ޑައިވް ސެންޓަރުތަކުގެ ޑައިވަރުންނާއި ވިލަމެންދޫ ރިސޯޓާއި ލިލީ ބީޗުގެ ޑައިވަރުންވެސް ދަނީ، ގެއްލުނު މީހާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ. ހަމައެހެންމެ، އދ. މަހިބަދޫގައި ގާއިމްވެ ތިބޭ ފުލުހުންވެސް މި މަސައްކަތުގައި ދަނީ ބައިވެރިވަމުންނެވެ.

މީގެއިތުރުން، އެސަރަޙައްދުގެ މަތިން ދަތުރުކުރާ މޫދަށް ޖައްސާ ބޯޓުތަކުންވެސް، އެމީހާ ފެނޭތޯ މަސައްކަތް ކޮށްދިނުމަށް އެދިފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަތަން

    ތިޔަ ހެލްކޮޕުޓަރު ފޮނުވާލީމަ ދެން ހަދާނީ ކިހިނެއް