މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތާއި އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް މުޙައްމަދު ނިޔާޒެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް މުޙައްމަދު ނިޔާޒް ވިދާޅުވީ ފުލުހުންގެ ހުވަޔަކީ ވަރަށް އަގުހުރި އެއްޗެއްކަމާއި މާތް ﷲ ގަންދީ ހުވާކޮށްގެންހުރެ ހުވަޔާއި ޚިލާފުވެއްޖެނަމަ އެކަމުގެ އުޤޫބާތް އެމީހަކަށް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އެންމެހާ ޤަވާއިދުތަކަށް ބޯލެނބުމަށާއި، ފުލުހުންގެ ޒިންމާ އަދާކުރުމަށް ފަސްނުޖެހި ސާބިތުކަމާއެކުގައި ޚިދުމަތް ކުރުމަށް ގޮވާލެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތަށް އަލަށް ގުޅުނު 43 ފުލުހުންނެވެ. އެއީ 31 ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބިއުލަރީ 12 ފުލުހެކެވެ. މިރަސްމިއްޔާތުގައި، ހުވާކުރުމަށްފަހު ފުލުހުން ހުވާގެ ލިޔުމުގައި ސޮއިކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި ސްޓާފް ވެލްފެއަރ އެންޑް ފައިނޭންސް މެނޭޖްމެންޓުގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ އާއި ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އޭނަ

    މަރުޙަބާ