އަޅުގަނޑުމެން ހުކުމް ނެރުނީމަ ކަމަކު ނުދާނެ ކަމަށާއި ހުކުމަކީ ގަންނަ އެއްޗެއް ނޫންކަމަށް ވިލިމާލެ ދާއިރާގެ އިއްޒަތްތެރި މެންބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން ހުސެއިން މަނިކް ވިދާޅުވެއްޖެއެވެ.

ދެންމެ ކުރެއްވި ޓުވީޓެއްގައި ޤާސިމް އިބްރާހިމް ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ އަޅުގަނޑުމެން ކަމަށް ވިދާޅުވި ވީޑި އޯއެއް ޓުވީޓްކޮށް ނިހާން ވިދާޅުވެފައިވަނީ ސުޕްރީމް ހުކުމަކީ ގަންނަ އެއްޗެއް ނޫންކަމަށެވެ.

ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި ގާސިމްގެ އަތެއް އޮތް ކަމަށް އޭނާ އިއުތިރާފުވީ "ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައެވެ. އެއިންޓަވިއުގައި ގާސިމް ވިދާޅުވީ "ފެބްރުއަރީ 01 ގައި އަޅުގަނޑުމެން ޙުކުމެއް ނެރުމުން އެކަން ކަމަކު ނުދިޔަ" ކަމަށެވެ.

ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި ބައިވެރިވި މިހާރު ހައްޔަރުކޮށްފައިވާ އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން ވެސް ފުލުހުން ވަނީ 3.4 މިލިއަން ރުފިޔާ ހޯދާފައެވެ. އަދި އަލީ ހަމީދުގެ އާއިލާ މެންބަރަކަށް ވިލާ ކުންފުނިން 2.4 މިލިއަން ޑޮލަރު (36.9 މިލިއަން ރުފިޔާ) ގެ ލޯނެއް ދީފައިވާ ކަމުގެ ހެކި ވެސް ފުލުހުން ވަނީ ހޯދާފައެވެ. އެލޯނުގެ ފައިސާ އިން އަލީ ހަމީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ވެސް ފައިދާ ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ކުރިން ވިދާޅުވެފައެވެ.

ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ސުޕްރީމް ކޯޓުން އަމުރެއް ނެރުނު މައްސަލައިގައި ގާސިމްގެ ދޮށީ ދަރިކަލުން ސިޔާދު ގާސިމާއި، ކުރީގެ ރައީސް މައުމޫނާއި، އެމަނިކުފާނުގެ ދަރިކަލުން ފާރިސް އާއި މުހައްމަދު ނަދީމް ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި މަޖިލިސް މެންބަރު ސިނާނާއި އިލްހާމް ވެސް ވަނީ އެމައްސަލައިގައި ހައްޔަރުކޮށްފައެވެ.

ރިޝްވަތު ހިފިކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މިއާ ޚަލީފާ

  ރަނިންމޭޓްކަން ލިބޭތޯ އުޅޭހެން ހާދަހީވެޔޭ....

 2. މުގާބޭ

  ނިހާނު ނެރޭހުކުމްމަދީތަ ލަދުކޮބާ

 3. ރައުދާ

  މީގަ ކޮބައިތަ ނިޙާންގެ މައްސަލައަކީ؟ ބަލަގަ ނިޙާން އެ ބުނުއްވީ ސޭޓް އިޢްތިރާފްވީ ވާހަކަޔޭ!

 4. މިނިވަނޭ

  އަޅުގަނޑުމެން ހުކުމެއް ނެރުނީމާއޭ ބުނީމާ އޭގެން އެދޭހަވަނީ ޤާސިމް ހުކުމެއް ނެރުނިއްޔޭ ކަމަށް ވަންޏާ، ޔާމީން އަބްދުލް ޤައްޔޫމް ޕޯޑިއަމަކަށް އަރާ "އަޅުގަނޑުމެން މީހުން މަރަމު" އޭ ބުނީމަ އެބުނެވެނީ އޭނާއަކީ މީހުން މަރާ މިހެކޭ! ޢަދި ޢޭނާގެ ކައިރީގަ އުޅޭ އެންމެން ވެސް އެކަމުގަ ބައިވެރި ވެޔޭ!