މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓުލާން ބޭނުންވާ މީހުންނަށް ރީ ރެޖިސްޓްރޭޝަން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަންއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ރީ ރަޖެސްޓްރީ ކުރުމަށް އެދި ފޯމެއް ހުށަހަޅަން ޖެހޭނެ ކަމަށާއި އަދި އެ ފޯމް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާގެ އިތުރުން ރަށް ރަށުގެ ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށެވެ. އަދި ފޯމްތައް މިތަންތަނުން ބަލައިގަންނާއެވެ. ރީ ރަޖެސްޓްރީ ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 11 ވަނަ ދުވަހާއި ހަމައަށް އޮންނާނެ ކަމަށްވެސް އިލެކްޝަންސްގެ މިޢިއުލާނުގައި ބުނެފައިވެއެވެ.

އިލެކްޝަންސްއިން ބުނެފައިިވަނީ ރީ ރެޖިސްޓްރޭޝަން ފޯމްއާއެކު ރީ ރެޖިސްޓްރީ ކުރަން ބޭނުންވާ މީހާގެ ކާކުކަން އެނގޭ މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީއެއް ނުވަތަ އައިޑީކާޑްގެ ކޮޕީއެްއ ހުށަހަޅަން ޖެހޭނެ ކަމަށާއި އީމެއިލް އަދި ފެކްސް މެދުވެރިކޮށް ފޯމް ބަލައިނުގަނެވޭނެ ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ގައެވެ.