ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ފުރުމަށް ޖާމިނުވި މައްސަލާގައި ކޯޓުގެ އެންގުމާއި ޚިލާފަށް ހާޒިރު ނުވުމުން ޖަލަށްލި ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖަލު ހުކުމް ތަންފީޒުކޮށް ނިންމައި މިނިވަން ވެއްޖެއެވެ.

އަޑުބަރޭ މިދިޔަ މަހުގެ 19 ވަނަ ދުވަހު ރާއްޖެ އައިސް ކަރެކްޝަންސްގެ އޮފިސަރުންނާއި އޭނާ ހަވާލުވުމުން ޖަލަށްލިއެވެ. އޭނާގެ މައްޗަށް އިއްވި 15 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމިގެން މިހާރު މިނިވަންވެފައިވާ ކަރެކްޝަންސްއިން ވަނީ ކަށަވަރުކޮށްދީފައެވެ.

މީހަކު ޖާމިނު ކޮށްފައި ދޫކުރާ އިރު ކޯޓުން ކުރާ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ، ޖާމިނުވި މީހާއާ ދެކޮޅަށް އެޅޭ ފިޔަވަޅުތަކުގެ ތެރޭގައި އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގިނަވެގެން ދެ އަހަރަށް ގޭގައި ބަންދު ކުރުން ނުވަތަ 15،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ދައުލަތުން ވަނީ އަޑުބަރޭގެ މައްޗަށް އެ ފިޔަވަޅު އަޅައިދޭން ކޯޓުގައި އެދިފައެވެ. ކޯޓަށް ހާޒިރުވާން އޭނާއަށް އެންގީ އެ މައްސަލާގައެވެ. ކޯޓުން އަދި މި ކަމުގައި ވަކި ގޮތެއް ނުނިންމައެވެ.

އަލީ ވަހީދު ބޭސްފަރުވާ އަރަށް އިނގިރޭސި ވިލާތަށް ފުރާާވަޑައިގެންނެވީ ހަތަރު މަހަށް ފަހު އެނބުރި ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަމެއްގެ ގޮތުން އަޑުބަރޭ ކޯޓުގައި ޖާމިނުވުމުންނެވެ. އެކަމަކު މިއަދާ ހަމައަށް އައިއިރު ވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. މުއްދަތު ހަމަވި ފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކެޔޮޅު

    ޖަލަށްލީމޭ ބުނަންތަ ޖަލަށްލީ ދެންބުނެވޭނެއްނު އަޑުބަރޭވެސް މިސަރުކާރުން ޖަލަށްލިއްޔޭ އިންސާފޭ ހުދުކާފޫރޭ.

  2. ބޮލި މުލައް

    ދެން އުޅޭ ވަޒީރުކަންދޭން

  3. މުހަންމަދު

    ސޯލިހޫ، ސޭޓު ރުއްސަން އަވަހަށް މިނިސްޓަރުކަން ދޭންވީނު.