އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަވެރިކަން ބޮޑުވި ނަމަވެސް ފެކްޝަންތަކަކަށް ޕާޓީ ބައިބައިވެފައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފަޅިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅިން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އެވެ.

"ވީޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އީސަ ވިދާޅުވީ، ސިޔާސީ ބާރުވެރިކަން ހޯދަން ރައްޔިތުންގެ ތާއީދާއި ލޯބި ހޯދަން ކޮންމެ ސިޔާސީ ލީޑަރަކު ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެއީ ވަކި ބަޔަކު ޕާޓީ ހިސޯރު ކުރަން ކުރާ ކަމެއްގެ ގޮތުގައި ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިގެ ޓީމާއި ފައްޔާޒުގެ ޓީމާއި ދެމެދު ބަހުގެ ހަމަލާތައް ރައްދު ކުރެވޭ ކުރުމަށް އިޝާރާތް ކުރައްވައި އީސަ ވިދާޅުވީ، އެއީ ވާދަވެރި އިންތިޚާބަކާއި ދިމާކޮށް ދެ ޓީމުގެ މެނިފެސްޓޯއާއި ކޮށްދޭނެ ކަންކަން ބުނެދިނުމުގެ މަރުހަލާ ތެރެއިން ފެންނަމުންދާ ކަމެއް ކަމަށެވެ.

"އެމްޑީޕީ ބައިބައެއް ނުވާނެ، އެމްޑީޕީއަކީ ވާދަވެރި ޕާޓީއެއް، އެމްޑީޕީއަކީ ތަޖުރިބާކާރު ޕާޓީއެއް، އެމްޑީޕީއަކީ ރާއްޖެއަށް ބަލާއިރު ވަރަށް ތަޖުރިބާކާރު ޕާޓީއެއް، އިންތިޚާބެއްގެ ތެރޭގައި އެ އަންނަ ވާދަވެރި ކަމަކީ ބައިބައިވުން ކަމަށް އަޅުގަނޑަށް ގަބޫލު ކުރަން ފަސޭހައެއް ނޫން،" އީސަ ވިދާޅުވިއެވެ.

އެމްޑީޕީން ސިޔާސީ ހަޔާތް ފެށި އީސަ ވިދާޅުވީ، އެ ޕާޓީ ފިޔަވައި އެހެން ޕާޓީއެއްގައި ސިޔާސީ މަސައްކަތް ކުރެވޭނެ ވާދަވެރި މާހައުލެއް އޮތް ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ. އެމްޑީޕީއަކީ ގިނަ ސިޔާސީ ލީޑަރުންތަކެއް އުފެދި، އަދި އުފައްދަމުންދާ ޕާޓީއެއް ކަމަށް އީސަ ވިދާޅުވިއެވެ.

"50،000 ރައްޔިތުން ބައިވެރިވާ ބޮޑު އޯގަނައިޒޭޝަނެއް މިއީ، މިހާ ގިނަ ރައްޔިތުން ބައިވެރިވާ ހަރަކާތެއް މި ނޫނީ ރާއްޖޭގައި ނޯންނާނެ، މިހާ ގިނަ ރައްޔިތުންގެ ތެރޭގައި ހުރި ޚިޔާލު ތަފާތުވުންތަކާއި އެކު ވެސް ދެގޮތެއް ނުވެ ޕާޓީ ދެމިއޮވެ ރާއްޖެއަށް ހެޔޮ ބަދަލުތަކެއް ގެނެސްދީ ގިނަ ކާމިޔާބުތަކެއް ހޯދާފައިވޭ،" އީސަ ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަންގެ ވާދަވެރިކަން ވަރަށް ބޮޑަށް ފެނިގެން އެބަދެއެވެ. ޕާލިމެންޓްރީ ގްރޫޕްގެ އިންތިޚާބާއި، ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވެސް މި ވާދަވެރިކަން ފެނުނެވެ. މި އިންތިޚާބުތަކުގައި ރައީސް ސޯލިހަށް ކުރި ލިބޭއިރު، އަންނަ މަހު އޮންނަ ޗެއާޕާސަންގެ އިންތިޚާބުގެ ފޯރި ވަރަށް ވެސް ގަދައެވެ.

2023 ގެ ރިޔާސީ އިންތިޚާބަށް ވާދަކުރައްވާނެ އެމްޑީޕީގެ ކެންޑިޑޭޓް ކަނޑައަޅާނެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ވެސް ނަޝީދު އިއުލާން ކުރައްވާފައިވެއެވެ. ރައީސް ސޯލިހް ވެސް ދެވަނަ ދައުރަކަށް ވާދަކުރައްވާނެ ކަމަށް އެމަނިކުފާނުގެ އަރިސް ބޭފުޅުން އެބަ ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބިސްބެ

    ހެހެ

    10
  2. ކަދުރު

    މާ ހަކުރު ގިނައީ ކަންނޭނގެ، ހާދަ ހިނި އެބަ އާދެއޭ.

    15
  3. އަލީ

    އެމްޑީޕީގެ ހަލާކަކީ އަންނި. އަންނީގެ ކަމަކީ ވެރިކަމައްތަކައި އަމިއްލަ އެދުން އިސްކުރުން

    16
  4. ތިނަދޫ ޒުވާނެއް

    ބައިބައިވުމާ ބައިބައި ނުވުން އެއީ އަހަރުމެން ބަލަން ބޭނުންވާކަމެއްނޫން މަށަކީވެސް އެމްޑީޕީ މީހެއް އެކަމަކު ދެން އެމްޑީޕީ އަށް ވޯޓެއް ދެވޭނީ ގދ.ތިނަދޫގަ ހިއްކާފަ އެއޮތް 63 ހެކްޓަރު ބިމުން ގޯތި ދިންދުވަހަކުން. މަށަށް ވަރަށް އެބަހީވޭ ތިނަދޫގަ ހިއްކާފަ އެއޮތް 63 ހެކްޓަރު ބިމަކީ 2023ގަ އެމްޑީޕީ ވެލިކާން ހިއްކާފަ އޮތްބިމެހެން. ކަލޯ އިސައެވެ. އަހަރުމެންނަށް ޕާޓީއަށް ވުރެ މިހާރު މުހިންމީ ބޯހިޔާވަހިކަމެވެ. ލައްކަ ދުވަހު ގުނބޯ ހެދިގެން އުޅެވިއްޖެއެވެ.

  5. ޒަބީބު

    ތިޔަބުނަނީ ދެބައި މީހުން އެއްބައެއްގެ ލޮލަށް ބޮލަށް އަނެއްބަޔަކު އެރިޔަސް، ކަރުހިފުނަސް ކަލަގޮވިއަސް، މައިބަފަޔަށް ގޮވިއަސް، ވަގަށް ގޮވިއަސް ހަމަ ބައިބައި ވުމެއް ނެތޭތޯ. ތިޔައީ ދެން ހަމަ ބޮޑު އަރަތެއް!

  6. މުޑި

    އެމްޑީޕީ ބައިބައި ކުރި ނަޝީދު. ޕާޓީ ހަލާކުކޮއްގެންވެސް އަތްދަށުކުރެވޭތޯ އޭނާ ބަލަނީ

    10
  7. އަޙްމަދު

    އާނ! ދުވަހަކުވެސް ކަލޭމެން ބައިބައި ނުވާނެ! މީނާ ކޮންކޮޅެއްތަ!