ށ. ފޭދޫގައި 15 އަހަރުގެ ކުއްޖަކު ވިހެއި ތުއްތު ދަރިފުޅު މަރާލުމަށް ފަހު ވަޅުލި މައްސަލައިގައި ވިހޭ އަންހެން ކުއްޖާގެ މަންމައާއި ދޮންބައްޕައާ ދެކޮޅަށް ދައުލަތުން އުފުލި "ގަސްތުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާ" އަށް ދެ މީހުންވެސް އިންކާރު ކުރުމާ ގުޅިގެން އެ ދެ މީހުންނާ ދެކޮޅަށް ދައުލަތުން ގިނަ އަދަދެއްގެ ޝަފައީ ހެއްކާއި ކިތާބީ ހެކި ހުށަހަޅައިފިއެވެ.

ވިހޭ އަންހެން ކުއްޖާގެ މަންމަ ށ. ފޭދޫ ވައިމަތީގޭ އަޒީޒާ އިބްރާހީމް، އާއި އޭނާގެ ފިރިމީހާ ށ. ފޭދޫ ބްލޫހެވަން އަބްދުލް ޣަފޫރު ގާސިމް ގެ މައްޗަށް ދައުލަތުން "ގަސްތުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާ" އުފުލާފައިވަނީ، ވިހޭ އަންހެން ކުއްޖާ ބަލިވެއިންކަން އެނގިހުރެ، ކުއްޖާގެ މަންމައާއި ދޮންބައްޕަ އެ ކުއްޖާއަށް ބޭސްފަރުވާ ހޯދުމަށް މަސައްކަތް ކޮށްފައި ނުވާއިރު، އެ މީހުން ދިރިއުޅުނު ގޭގައި އެ އަންހެން ކުއްޖާ ވިހެއުމުން ވިހޭ ތުއްތު ކުއްޖާ ފާހާނާގެ ތެރޭގައި ވަޅުލާފައިވާ ކަމަށްބުނެއެވެ. ދައުލަތުން ދައުވާ އުފުލަމުން ބުނެފައިވަނީ މި އަންހެން ކުއްޖާ ބަލިވެއިނދެ ވިހާފައިވަނީ އޭނާގެ ދޮންބައްޕަގެ ދަރިއަކަށް ކަމަށެވެ.

މި ދެ މީހުންނާ ދައުލަތުން އުފުލި މި ދައުވާއަށް ޝަރީއަތުގައި އިންކާރު ކުރުމުން ދައުލަތުން ވަނީ މި ދެމީހުންނާ ދެކޮޅަށް ގިނަ އަދަދެއްގެ ޝަފައީ ހެއްކާއި ކިތާބީ ހެކި ހުށަހަޅާފައެވެ.

ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި މި ހާދިސާގެ ސީންއަށް ހާޒިރުވި 7 ފުލުހުންނާއި، އެރަށުގެ 11 މީހެއްގެ އިތުރުން، ށ.ފޭދޫގައި ހުންނަ ޗިލްރަން ސަރވިސް ސެންޓަރުން ތައްޔާރުކުރި ރިޕޯޓާއި، އެ ރިޕޯޓް ތައްޔާރުކުރި ތައްޔާރުކުރި ފަރާތާއި، މެޑިކޯ ލީގަލް ރިޕޯޓާއި، އެ ރިޕޯޓް ތައްޔާރުކުރި ޑޮކްޓަރާއި، މަރާލުމަށްފަހު ވަޅުލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ ފޫޅުމާ ފޯމު ފުރި ފަރާތްހިމެނެއެވެ. މީގެ އިތުރުން ޑީއެންއޭ ރިޕޯޓާއި، ތުއްތު ކުއްޖާގެ މަރުގެ ސެޓްފިކެޓާއި، ކްރައިމް ސީން ރިޕޯޓްވެސް ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވެއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މަރުގެ ދައުވާ ލިބޭ އަބްދުލް ޣަފޫރު ގާސިމް އަދި އަޒީޒާ އިބްރާހީމްގެ ދިފާއީ ވަކީލު އައިމިނަތު ރުކްޝާނާ އިބްރާހިމް ވިދާޅުވީ، ޝަރީއަތުގެ ކުރިން ހުށަހަޅާނެ ހުށަހެޅުމެއް އަދި ދިފާއުގައި ހުށަހަޅާނެ އެއްވެސް ހެއްކެއްވެސް ނެތް ކަމަށެވެ. ނަމަވެސް ދައުލަތުގެ ވަކީލުން ވިދާޅުވީ، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ފުރުޞަތެއް ދެއްވުން އެދޭ ކަމަށެވެ.

މި މައްސަލައިގައި މިއަދު ބެއްވި އަޑުއެހުން ގާޒީ ނިންމަވާލެއްވީ ދައުލަތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހުގައެވެ.

ގަސްތުގައި ކުއްޖަކު މަރާލުމުގެ ދައުވާގެ އިތުރަށް މި ދެމީހުންގެ މައްޗަށް އިތުރު ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެގޮތުން އެ ކުއްޖާގެ ދޮންބައްޕަގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އާއި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. އަދި އަންހެން ކުއްޖާގެ މަންމަގެ މަށްޗަށް ދައުލަތުން އުފުލާފައިވަނީ އަމިއްލަ ދަރިފުޅާ މެދު ފިރިމީހާ ޖިންސީ ގުޅުން ހިންގިކަން އެގި ހުރެ އެކަން ސިއްރު ކުރުމުގެ ކުށުގެ ދައުވާއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާއަފްލާ

    މަރާލާ ތިދެމީހުން ކޮން ޝަރީއަތެއް

  2. ސަރީފާ

    ދޮންބައްޕަގެ ކުއްޖެއް އެއީ..

  3. ނުރަބޯ

    އެ ވިހޭ ކުއްޖާގެ ޑީ،އެން،އޭ ވެސް ހަދާފަ ރިޕޯޓް ހުށަހެޅިނަމަ ދެން ނޯންނާނެ ސަލާމަތްވެވޭނެ ގޮތެއް.

  4. ނަން

    ހޫން

  5. ޙުސައިން ޢަލީ

    ހަމަ ވީ މަރާލަން ދެން ކޮން ޝަރީއަތެއް؟