1997 ވަނަ އަހަރު ސަރުކާރުން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ހިންގަން ވިލާޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދިން ކ.މާދޫ ފިނޮޅު ސަރުކާރުން ކުއްލި ގޮތަކަށް 1998 ވަނަ އަހަރު އެ ކުންފުނީގެ އަތުން ސަރުކާރަށް ނެގުމަށްފަހު، ކަނޑޫމާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ދިން މައްސަލައިގައި، އެ ރަށް ކަނޑޫމާ ހޯލްޑިންގްސް އަށް ދީފައިވަނީ ޤާނޫނާ ހިލާފަށްކަމަށް ކަނޑައަޅައި އެރަށް އަލުން ވިލާޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް ސިވިލް ކޯޓުން ނިންމި ނިންމުން ވިލާޝިޕިންގ އެންޑް ޓްރޭޑިންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގައި ހައިކޯޓުގެ އަޑުއެހުންތައް ނިންމާލައި ހުކުމް އިއްވަން ތައްޔާރުވެއްޖެއެވެ.

ވިލާޝިޕިންގ އެންޑް ޓްރޭޑިންގ އާ އެއްކޮޅަށް ސިވިލް ކޯޓުން ނިންމި ނިންމުން ހަމަ އެ ކުންފުނިން ހައިކޯޓުގައި އިސްތިއުނާފު ކުރަނީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދައިދިނުމަށް އެދުނު ރަށް އަލުން އެ ކުންފުންޏަށް ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށާއި އަދި އޭގެ އިތުރުން ގެއްލުމުގެ ބަދަލުގައި 21 މިލިއަން ރުފިޔާ ހޯދުމަށް އެދިއެވެ.

މިއަދު ހެނދުނު ބޭއްވި މި މައްސަލައިގެ އެންމެ ފަހު އަޑުއެހުމަށް މައްސަލަ އިސްތިއުނާފުކުރި ވިލާޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި، މައްސަލައަށް ތަދައްޚުލްވި ކަނޑޫމާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އަދި އެމްޓީއާރު ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ދައުވާލިބޭ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވަކީލުން ހާޒިރުވެ ވަކާލާތު ކުރައްވާފައިވެއެވެ.

ހައިކޯޓުން މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗު ބަދަލުވުމަށްފަހު، މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި އެމްޓީއާރު ހޯލްޑިންގސްގެ ވަކީލުން ވިދާޅުވީ، މި މައްސަލައިގައި ސިވިލް ކޯޓުގައި ވިލާޝިޕިންގ އެންޑް ޓްރޭޑިންގ އިން އެދިފައިވަނީ ބަދަލުގެ ގޮތުގައި ދައުލަތުން އަތުލި ރަށް އަލުން ވިލާ ޝިޕިންގ އަށް ދިނުމަށް ކަމަށާއި، އެ ކުންފުނިން އެދުނު ގޮތަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށެވެ.

" ވިލާޝިޕިންގ އެންޑް ޓްރޭޑިންގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި މާދޫ ފިނޮޅު ދިނުމަށް، ބަދަލުގެ ގޮތުގައި ފައިސާ ހޯދަން އެ ކުންފުނިން ސިވިލް ކޯޓުގައި އެދިފައެއް ނުވޭ، އެހެންކަމުން މި މިގޮތަށް ބަދަލު ހޯދައިދިނުމަށް އެދި އިސްތިއުނާފު ނުކުރެވޭނެ، މި މައްސަލަ މިގޮތަށް ކުރިއަށްވެސް ނުގެންދެވޭނެ" އެމްޓީއާރުގެ ވަކީލު ޝަރީއަތުގައި ވިދާޅުވިއެވެ.

އެމްޓީއާރުގެ ވަކީލު ޝަރީއަތުގައި ވިދާޅުވީ، މާދޫ ފިނޮޅު ވިލާ އަތުން ނެގިއިރު އެ ރަށުގައި އެއްވެސް އިންވެސްޓްމެންޓެއް ކޮށްފައި ނުވާ ކަމަށާއި، ނަމަވެސް ވިލާއަށް އަނބުރާ އެރަށް ލިބުނުއިރު އެރަށުގައި 70 މިލިއަނަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ކޮށްފައިވާނެ ކަމަށެވެ. އެހެންކަމުން ވިލާއިން ލިބުނު ގެއްލުން ކަމަށްބުނާ 21 މިލިއަން ރުފިޔާގެ އެތަށް ގުނައެއް ބޮޑު ބަދަލެއް ވިލާއަށް ލިބިފައިވާ ކަމަށްވެސް އެމްޓީއާރުގެ ވަކީލު ވިދާޅުވިއެވެ.

އެމްޓީއާރުގެ ވަކީލު އިތުރަށް ވިދާޅުވީ، ވިލާއިން މި މައްސަލަ އިންތިއުނާފު ކުރަނީ ނާޖާއިޒް ބޮޑު ފައިދާއެއް ހޯދުމަށް ކަމަށާއި، ވިލާއިން މި މައްސަލައިގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މާލީ ރިޕޯޓަކީވެސް ޞައްޙަ ރިޕޯޓެއް ނޫންކަމަށެވެ. މި ވާހަކަތަކަށް ރައްދުދެއްވައި ވިލާގެ ވަކީލު ވިދާޅުވީ، މި މައްސަލައިގައި ދައުވާ ކުރަނީ ދައުލަތާ ދެކޮޅަށް ކަމަށްވާއިރު، ގެއްލުމުގެ ބަދަލާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ހައްޤު އެމްޓީއާރަށް ލިބިގެން ނުވާ ކަމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ އެމްޓީއާރުގެ ވަކީލުންގެ ވާހަކަ ކުރިއަށް ގެންދެވުމަށެވެ.

އެމްޓީއާރުގެ ވަކީލު ޝަރީއަތުގައި އެދުނީ ސިވިލް ކޯޓުގެ ހުކުމް ރަނގަޅު ނޫންކަމަށް ބުނެ އެ އެމްޓީއާރުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ހުކުމް ރަނގަޅުތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށްފަހުގައި މި މައްސަލައިގައި ހުކުމެއް ކުރެއްވުމަށެވެ. މިއަދުގެ ޝަރީއަތުގައި އެމްޓީއާރުގެ ވަކީލުން ދެއްކެވި ވާހަކަތަކަށް ކަނޑޫމާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ވަނީ ތާއީދު ކުރައްވާފައެވެ.

ވިލާގެ ވަކީލުން ވިދާޅުވީ ސަރުކާރުން އެ ކުންފުނީގެ އަތުން ކ.މާދޫ އަތުލާފައިވަނީ ޤާނޫނުތަކާ ހިލާފަށް ކަމަށާއި، ކަނޑޫމާ ހޯލްޑިންގްސް އިން އެރަށަށް އަރާފައިވަނީ ވިލާ އިން އެރަށުން ނުފައިބަނީސް ކަމަށެވެ. އަދި ދައުލަތުން ކޯޓުގައި ދެދެވަހު ދެގޮތަށް ވާހަކަ ދައްކަވާކަމަށްވެސް ވީލާގެ ވަކީލުން ވިދާޅުވިއެވެ.

ވިލާގެ ވާހަކަތަކަށް ރައްދު ދެއްވައި އެމްޓީއާރުގެ ވަކީލު ވިދާޅުވީ، މާދޫއަށް އެ ކުންފުނިން އަރާފައިވަނީ، ނޯޓިސްގެ ގޮތުގައި ވިލާއަށް ދިން މުއްދަތު ހަމަ ނުވަނީސް ވިލާއިން އެ ރަށް ދައުލަތާ ހަވާލުކުރިކަމަށް ސިޓީއަކުން ދެންނެވި ފަހުން ކަމަށެވެ.

މިއަދުގެ ޝަރީއަތް ނިންމަވާލައްވަމުން ފަނޑިޔާރު ވިދާޅުވީ، މައްސަލަ ދިރާސާ ކުރާއިރު އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގައި ހުކުމް ކުރުން ކަމަށެވެ.

ކ. މާދޫ ފިނޮޅު ވިލާއަށް ދިނުމަށް ސިވިލް ކޯޓުން ހުކުމް ކުރިއިރު، އެރަށުގައި 2016 ވަނަ އަހަރުގެ ޖުލައި މަހުގެ ކުރީކޮޅު "އޯޒެން ބައި މާދޫ"ގެ ނަމުގައި މަތީ ފެންވަރު ރިސޯޓެއްގެ ވަނީ ހުޅުވައިފަ އެވެ.