ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ އެންއެސްއޭ ލެވަލްގެ ފަސްވަނަ ބައްދަލުވުން ނިންމާލައިފިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީ ލަންކާ މޮރިޝަސް، ބަންގްލަދޭޝް އަދި ސީޝެލްސްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންނާއި މަންދޫބުން ބައިވެރިވަޑައިގަންނަވައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.

 

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ އިންޑިއާ އާއި، ސްރީލަންކާއާއި ރާއްޖެއިން ގުޅިގެން، ސަލާމަތީ ރޮނގުން އެއްބާރުލުން އިތުރުކުރުމަށް އުފައްދާފައިވާ ފްރޭމްވާކެކެވެ. މިފްރޭމްވާކް ބިނާވެފައިވަނީ މައިގަނޑު ހަތަރު ތަނބެއްގެ މައްޗަށެވެ. އެއީ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާއި، ސައިބަރސެކިއުރިޓީ ކަށަވަރުކުރުމެވެ.

މެމްބަރު ގައުމުތަކުން ވަނީ ކުރިއަށް އޮތް ތަނުގައި ރޯޑް މެޕެއް އެކުލަވާލައިގެން މިކަންކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް އެއްބަސްވެފައެވެ.

މި ބައްދަަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މިސަރަޙައްދުގެ އަމާންކަމާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިތުރަށް ވަރުގަދަކުރުމަށް އިސްކަންދެއްވާކަން ފާހަގަ ކުރައްވައިފައެވެ.

 

އަދި ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ، މިސަރަހައްދަށް ކުރިމަތިވެފައިވާ ސަލާމަތީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލުމަށް، ވަރަށް އެކަށޭނަ ނިޒާމެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަން މާރިޔާ ފާހަގަ ކުރެއްވިއެވެ.

މާރިޔާ ވަނީ، ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއާ އެންމެ ފަހުން ގުޅުނު މޮރިޝަސްއަށް މަރުޙަބާ ވިދާޅުވެފައެވެ. މޮރިޝަސްއާއެކު، މިކޮންކްލޭވްގައި ހިމެނޭ ޤައުމުތަކުގެ އަދަދު ވަނީ ހަތަރަކަށް އިތުރުވެފައެވެ. އެއީ މޮރިޝަސްގެ އިތުރުން ރާއްޖެ އާއި އިންޑިއާ އަދި ސްރީލަންކާއެވެ.

ރާއްޖެ ހިމެނޭ ސަރަހައްދަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ވިޔަފާރި، އިންސާނީ ވަގުފާރި، ކަނޑުފޭރުން، ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަދަ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާ، މާރިއާ ވަނީ، ވޭތުވެދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި، އެއްވެސް ދިވެއްސަކު، ސަރުކާރުން ހަނގުރާމަވެރި ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދަކަށް ގޮސްފައިވާ ކަމުގެ އެއްވެސް ރިކޯޑެއް ނެތްކަން ފާހަގަ ކުރައްވައިފައެވެ.