އެމްޑަބްލިވްއެސްސީ އިން މިދިޔަ އަހަރު އަލަށް ތަޢާރަފް ކުރި 'އެމް.ޑަބްލިޔު.އެސް.ސީ ރީސައިކަލްސް' މުބާރާތާއި މައުރަޒުގައި ބައިވެރިވުމަށްޓަކައި އެޕްލިކޭޝަންތައް އަވަހަށް ހުށަހަޅަންވީއެވެ.

އެ ކުންފުނިން ބުނީ، ފައިސާގެ އިނާމްތައް ލިބޭ މި މުބާރާތުގައި ބައިވެރިވުމަށް ބާކީ އޮތީ ދެ ދުވަސް ކަމަށެވެ. އެގޮތުން މި މައުރަޒުގައި ބައިވެރިވުމުގެ އެޕްލިކޭޝަން ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީޚަކީ 19 ޖުލައި 2018 ވާ ބުރާސްފަތި ދުވަހެވެ.

މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓް މަހުގެ 4 އިން 5 ވަނަ ދުވަހު ނޭޝަނަލް އާޓް ގެލަރީގައެވެ.

މި މައުރަޒަކީ މުޅި ރާއްޖެއަށް ޚާއްސަ ކުރެވިގެން ބޭނުންކުރެވިފައިވާ ޕްލާސްޓިކް (ޕްލާސްޓިކް ފުޅި، ޕައިޕް، ޕީ.ވީ.ސީ، ޔޫ.ޕީ.ވީ.ސީ، ޕްލާސްޓިކް ރެޕަރ/ކޮތަޅު، ޝްރިންކް ފިލްމް/ރެޕަރ، ޕޮލިމަރ) ބޭނުންކޮށްގެން އުފެއްދުންތަކެއް ތައްޔާރުކޮށް އެތަކެތި ދައްކާލުމުގެ މައުރަޒެކެވެ.

މިއަހަރުގެ މުބާރާތް މި ވަނީ ދެ ކެޓަގަރީއަކަށް ބަހާލެވިފައެވެ. ކެޓަގަރީ "އޭ" ގައި ހިމެނެނީ ދަރިވަރުން ނިސްބަތްވާ ސްކޫލު މެދުވެރިކޮށް ހުށަހަޅާ ގޮތަށް، 13 އަހަރުން ދަށުގެ ކުދިންނާއި 17 އަހަރުން ދަށުގެ ކުދިންނެވެ. އަދި 18 އަހަރުން މަތީގެ ބޭފުޅުންވެސް ކެޓެގަރީ "އޭ" ގައި ހިމެނެއެވެ.

ކެޓަގަރީ "ބީ" ބަހާލެވިފައިވަނީ ޚާއްސަ އެހީއަށް ބުނުންވާ ކުދންނަށް ޚާއްސަ ކުރެވިގެންނެވެ.

މި މައުރަޒުގެ ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު ތިން ފަރާތެއް ހޮވައި ކަނޑަ އެޅިފައިވާ ފައިސާގެ އިނާމް ލިބިގެންދާނެއެވެ.

މައުރަޒުގެ ހުށަހެޅުންތައް ޖަޖް ކުރާނީ އެކަމަށް ޚާއްސަވެފައިވާ ފަނޑިޔާރުންގެ ޕެނަލްއަކުންނެވެ. މި ފަނޑޔާރުންގެ ޕެނަލްގައި ކުރެހުމާއި ފަންނީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ހިމެނެއެވެ.

"އެމް.ޑަބްލިޔު.އެސް.ސީ ރީސައިކަލްސް" މުބާރާތާ ބެހޭ އިތުރު މައުލޫމާތު recycles.mwsc.com.mv ލިބިވަޑައިގަންނަވާނެއެވެ.

އެމް.ޑަބްލިޔު.އެސް.ސީ ގެ އަމާޒަކީ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން މުޖުތަމަޢަށް ފައިދާ ކުރުވާފަދަ ޙަރަކާތްތަކެއް ހިންގުމެވެ. އަދި، މި ފަދަ ޙަރަކާތްތަކުން ފަރުދީ ޒިންމާ އިތުރުވެ ފަހި މާދަމާ އަކަށް މަގުފަހިވެގެންދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު