ރާއްޖޭން ބޭރުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ ގެންނަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ ކަމަށް މިމަހުގެ 03 ވަނަ ދުވަހު ފުލުހުން ވިދާޅުވި ނަމަވެސް އަދިވެސް އިންޓަޕޯލްގެ ވެބްސައިޓުން އެނޯޓިސް ފެންނަން ނެތްކަން ފާހަގަ ކުރެވިއްޖެއެވެ.

އިންޓަޕޯލް އިން އަމަލު ކުރަމުން އަންނަ އުސޫލަކީ ރެޑްނޯޓިސް ނެރޭ އެންމެންގެ މައުލޫމާތު ވެސް އިންޓަޕޯލްގެ ވެބްސައިޓްގައި އާއްމު ކުރުމެވެ. މިހާރު ވެސް އަށް ދިވެއްސަކު ހޯދަން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެ، އެމީހުންގެ ވަނަވަރާއި، އެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ މައުލޫމާތު އިންޓަޕޯލްގެ ވެބްސައިޓްގައި ފެންނަން އެބަހުއްޓެވެ.

އަލީ ވަހީދު ހައްޔަރު ކުރަން ރެޑް ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް އެފަދަ މައުލޫމާތެއް އިންޓަޕޯލްގެ ވެބްސައިޓުން ފެންނަން ނެތީ ކީއްވެކަމެއް ސާފެއް ނުވެއެވެ.

ރެޑް ނޯޓިސް އާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި ގުޅިގެން އެކުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށް މިމަހުގެ 03 ވަނަ ދުވަހު ފުލުހުން ވިދާޅުވިއެވެ.

އަލީ ވަހީދު ހައްޔަރުކޮށްގެން ގެންނަން ރެޑް ނޯޓިސް ނެރުން ލަސްވެގެން އުޅުނީ ކޯޓު އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ނުލިބިގެން ކަމަށް ފުލުހުން ކުރިން ވިދާޅުވެފައިވެއެވެ.

އޭގެ ދުވަސްތަކެއް ފަހުން ކްރިމިނަލް ކޯޓުން ވަނީ އަލީ ވަހީދު ކޯޓަށް ހާޒިރު ކުރަން ނެރުނު އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ފުލުހުންނަށް ފޯރުކޮށްދީފައެވެ.

އަލީ ވަހީދު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އޭނާ ރާއްޖޭން ބޭރަށް ވަޑައިގަތީ ކްރިމިނަލް ކޯޓުން އެ ހުއްދަ ދިނުމުންނެވެ. ނަމަވެސް ހުއްދަ ދިން ހަތަރު މަހުގެ މުއްދަތު ފަހަނައެޅި ފަހުން ވެސް އަހަރެއްވީއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ދައުލަތުން ހަ ދައުވާއެއް އުފުލާފައި އެބައޮތެވެ.

އަލީ ވަހީދު އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވާ ގޮތަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން އެ ކޯޓުގެ ޝަރީއަތަށް ހާޒިރުވާން އަލީ ވަހީދަށް އެންގެވިއެވެ. ނަމަވެސް އަލީ ވަހީދު ހާޒިރުނުވުމުން އެ ކޯޓުން އަލީ ވަހީދުގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ.

އަލީ ވަހީދަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވައެވެ. އަލީ ވަހީދު ވިދާޅުވަނީ އޭނާ ފްރޭމް ކޮށްފައިވާ ކަމަށެވެ. އެއީ ސީދާ ކޮން ބަޔަކު ކުރިކަމެއް ކަމަށް ވިދާޅުނުވިޔަސް އެމްޑީޕީ ބަޔަކު އަޑީގައި ތިބެގެން ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.