އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞޯލިޙް އަމިއްލަ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވައިފިއެވެ.

އިބޫގެ ތަރުޖަމާން, މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އިބޫ މިއަދު ދުވަހު ހެނދުނުގެ ވަގުތެއްގައި އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.

މާރިއާ ވިދާޅުވީ އެއީ އިބޫގެ ދަރިކަލުންގެ ގްރެޖުއޭޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

"އިބޫގެ މި ދަތުރު ހަފުތާއެއް ވަރު ވާނެ, އެނބުރި ވަޑައިގެންނެވުމަށް ފަހު އަނެއްކާ ވެސް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވާނެ" މާރިޔާ ވިދާޅުވިއެވެ.

އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިބޫ ވިދާޅުވީ އެ ދަތުރަކީ މާކުރިން ވެސް ކުރަން ހަމަޖެހިފައިވާ ދަތުރެއް ކަމަށާއި މިވަގުތު އެ ދަތުރު ވަޑައިގެންނެވި ނަމަވެސް ކެމްޕޭނަށް ހުރަހެއް ނެތް ކަމަށެވެ.

އިބޫ ކުއްލިއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވާތީ ސަރުކާރަށް ތައީދު ކުރާ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. އިބޫ އެންމެ ފަހުން ވަޑައިގެންނެވީ އެމްޑީޕީގެ ކޮންގްރެސްގެ މަޝްވަރާތަކަށް އަވަށްޓެރި ސްރީލަންކާއަށެވެ. އެ ދަތުރުފުޅުގައި އިބޫ ވަނީ ނަޝީދުއާ ބައްދަލު ކުރައްވާފައެވެ.

އިބޫ ވަނީ މިދިޔަ ހަފުތާ ބަންދުގައި އައްޑޫ އާއި ފުވައްމުލަކަށް ވަޑައިގެންފައެވެ. އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީން ގިނަ ބަޔަކު ވަނީ އިބޫއަށާއި އިބޫގެ ރަނިން މޭޓް ފައިސަލް ނަސީމަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އިބޫ އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އައްޑޫ ސިޓީ އާއި ފުވައްމުލަކުގެ ގިނަ ގެތަކަކަށް ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުހައިމިން

    ޑީލް ތައް ނިންމަން ނައްޓާލީ ދޯ

  2. ރުޒާނާ ޗޮއްޕަޓު

    މެނިފެސްޓޯ ބަލާ ވަޑައިގަތީ.

  3. ކުރާ

    “ބޮއްކުރާ ދޮށަށް އޮޑި ކެނބުން”