ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ފޯވާޑް ނޭމާ ޖޫނިއާ އަށް އަދިވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވެވިދާނެ ކަމަށް ބްރެޒިލްގެ ކުރީގެ ތަރި ޖޫލިއޯ ބަޕިޓިސްޓާ ބުނެފިއެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯގައި ހުރެ "ގޯލް" އަށް ދިން އިންޓަވިޔުއެއްގައި ޖޫލިއޯ ބުނީ ހުރިހާ ކަމެއްގެ ފެށުމަކާއި ނިމުމެއް އަންނާނެ ކަމަށެވެ. އަދި ބާސެލޯނާ ދޫކޮށް ޕީއެސްޖީއާއި ގުޅުމަކީ ނޭމާ ނިންމި ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި އެކަމުގެ ސަބަބުން އެންމެ މޮޅު ކުޅުންތެރިޔާއަށް ވުމަށް ނޭމާއަށް ފަސޭހަވެގެންދާނެ ކަމަށެވެ.

" ބާސެލޯނާއަކީ ނޭމާގެ ފެށުން. ބާސެލޯނާއާއި އެކު ނޭމާ ވަނީ ގިނަ މުބާރާތްތަކެއް ކާމިޔާބުކޮށްފަ. އަދި ބާސެލޯނާ ފަދަ ވަރުގަދަ ކުލަބެއްގައި ނޭމާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ. އެހެންކަމުން އޭނާއަށް ޔޫރަޕްގެ ފުޓްބޯޅަ ވަރަށް ރަނގަޅަށް އެނގޭނެ " ޖޫލިއޯ ބުނެފައިވެއެވެ.

އަދި ނޭމާއަކީ އެންމެ މޮޅު ކުޅުންތެރިޔާ ނޫންކަމަށާއި އެންމެ މޮޅު ކުޅުންތެރިޔާއަށް ވުމަށް މަސައްކަތްކޮށްފި ނަމަ އެކަމާއި ހަމައަށް ނޭމާއަށް ވާސިލްވެވޭނެ ކަމަށްވެސް ޖޫލިއޯ ބުނެފައިވެއެވެ.

"ނޭމާއަކީ އެންމެ މޮޅު ކުޅުންތެރިޔާއެއް ނޫން. އެންމެ މޮޅު ކުޅުންތެރިޔާއަށް ވުމަށް ނޭމާ ޖެހޭނެ މަސައްކަތް ކުރަން . މަސައްކަތް ކޮށްފިނަމަ އެއީ ނޭމާއަށް ނުވާނެ ވަރުގެ ކަމެއް ނޫން" ޖޫލިއޯ ބުނެފައިވެއެވެ.

މިދިޔަ ސީޒަންގައި ސްޕެއިންގެ ބާސެލޯނާ ދޫކޮށް ރެކޯޑް އަގަކަށް ފްރާންސްގެ ޕީއެސްޖީއާއި ގުޅުނު ނޭމާއަކީ ހުނަރުވެރި ކުޅުންތެރިއެވެ. އެގޮތުން ނޭމާ އަންނަނީ އޭނާގެ މިހާރުގެ ކުލަބު ޕީއެސްޖީއާއި އެކު ތަފާތު މޮޅު ކުޅުމެއް ކުޅެމުންނެވެ. އަދި ނޭމާ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކުލަބުގެ ނަޒަރުވެސް މިހާރުވަނީ ހުށްޓިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    އިތުރަށް އެވަރު މޮޅު މީހަކަށް ވާކަށްވެސް ނުޖެހޭ! ވެއްޓިގަންނަ އެހައި މޮޅު ކުޅުންތެރިއެއް ނުހުންނާނެ. ނޭމާ ހިތްހަމަނުޖެހެގެން އެ އުޅެނީ ޑައިވްއަޅާ ކުޅުންތެރިންނަށް ފީފާއިން އެވޯޑެއް ހުޙައަޅާފައި ނުވާތީ!