ދައުލަތުން ނިރުބަވެރިކަމުގެ އަމަލެއް ހިންގުން އުޅުމުގެ ދައުވާ އުފުލާފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ދޫނިދޫ ޖަލު ގޮޅިން މަޖުބޫރުން ނެރެ އަނިޔާކޮށްގެން ތަހްޤީޤް ކޮޓަރިއަށް ގެންދިޔަ މަންޒަރު ފެންނާނެ ކަމަށްބުނާ ވީޑިޔޯ ސިއްރު މަޖިލީހެއްގައި ބަލަން ފާރިސް ދެކޮޅު ހަދައިފިއެވެ.

ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުން އެދުނީ އެ ވީޑިޔޯ ސިއްރު މަޖިލީހެއްގައި ބެލުމަށެވެ. ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 142 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރާ ހަވާލާދީ ދައުލަތުގެ ވަކީލުން ވިދާޅުވީ، އެ ވީޑިއޯ ހުޅުވާލެވިގެން ބާއްވާ ޝަރީއަތުގެ މަޖިލީހެއްގައި ދައްކައިފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވެ، މުޖުތަމައުގެ އަމަން އަމާންކަމަށް ބުރޫ އަރައި، އާއްމު އަހުލާޤީ މިންގަނޑަށް އަސަރުކޮށްފާނެ ކަމަށެވެ.

ނަމަވެސް ފާރިސް ވަނީ ސިއްރު މަޖިލީހެއްގައި ވީޑިޔޯ ބެލުމަށް އިންކާރު ކުރައްވާފައެވެ. ފާރިސްގެ ވަކީލް ވިދާޅުވީ، އެ ވީޑިއޯ ހުޅުވާލައިގެން ބާއްވާ ޝަރީއަތުގެ މަޖިލީހެއްގައި ދައްކައިގެން ޤައުމީ ސަލާމަތަށް ނުރައްކާވެ ހާލަތެއް މެދުވެރިވާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށާއި، ދައުލަތުން އެދޭގޮތަށް ސިއްރު މަޖިލީހެއްގައި އެ ވީޑިއޯ ބެލުމަށް ކަނޑައެޅިގެން އިންކާރު ކުރައްވާ ކަމަށެވެ. އަދި ހުޅުވާލެވިގެން ބާއްވާ ޝަރީއަތެއްގައި ވީޑިއޯ ނުދެއްކޭނަމަ އެ ހުށަހެޅުން އަނބުރާ ގެންނަވާކަމަށް ވަކީލު ވިދާޅުވިއެވެ.

މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމަކީ މި މައްސަލައިގައި ޝަރީއަތުގެ ކުރިން ފާރިސްގެ ފަރާތުން ހުށަހެޅި 30 ހުށަހެޅުމުގެ ތެރެއިން މީގެ ކުރިން ގޮތެއް ނިންމާފައި ނުވާ 2 ހުށަހެޅުމަށް ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ. މިއަދުގެ އަޑުއެހުމުގައި މި ހުށަހެޅުން ފާރިސްގެ ފަރާތުން އަނބުރާ ގެންނެވިއިރު، އަނެއް ހުށަހެޅުމަށް ގޮތެއް ނިންމަވާފައިވެއެވެ.

އެ ހުށަހެޅުމުގައި ބުނެފައިވަނީ، ފާރިސް ދިރިއުޅުނު މ.ސްނޯރޯސް ފުލުހުން ބަލާ ފާސްކުރުމުގައި އަމަލުކޮށްފައިވަނީ ޤާނޫނު އަސާސީގެ 52 ވަނަ މާއްދާއާ ހިލާފަށް ކަމަށްވާތީ، އެ ތަހްޤީގުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށް ދައުލަތުން ހުށަހަޅާފައިވާ ސީން އޮފް ކްރައިމް ރިޕޯޓާއި، އެ ރިޕޯޓްގެ ޞައްޙަކަން ކަށަވަރު ކުރުމަށް ހުށަހަޅާފައިވާ ޕޮލިސް ސަރޖެންޓް އައިމިނަތު ލީޒާގެ ހެކިބަހަކީ ބަލައި ނުގަނެވޭނެ ހެކިތަކެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ދައުލަތުގެ ވަކީލުން ވިދާޅުވީ، މ.ސްނޯރޯސް ބަލާ ފާސްކޮށްފައިވަނީ ފުލުހުންގެ ކޮލިޓީ އެސިއުރެންސް މެނުއަލް (2015) އާ އެއްގޮތަށް ކަމަށާއި، އެ ގެ ބަލާ ފާސްކުރިއިރު ފޮޓޯ ނަގާފައިވާ ކަމަށް އަދި އެ މެނުއަލްގައި ބުނަނީ ފޮޓޯ ނުވަތަ ވީޑިއޯ ނަގަންވާނެ ކަމަށް ކަމަށެވެ. ނަމަވެސް ފާރިސްގެ ވަކީލުން ވިދާޅުވީ، 2009 ވަނަ އަހަރުގެ ފުލުހުންގެ އެސް.އޯ.ޕީ އެއް ހުށަހަޅާފައިވާނެ ކަމަށާއި، އެ އެސް.އޯ.ޕީ އަށް އަމަލު ނުކުރާކަން ދައުލަތަށް ސާބިތުކޮށް ނުދެވޭހާ ހިނދަކު ދިފާއުގެ ހުށަހެޅުން ނަފީ ނުކުރެވޭނެ ކަމަށެވެ.

ނަމަވެސް، ގާޒީ ހައިލަމް ނިންމެވީ ފާރިސްގެ ފަރާތުން ހުށަހެޅި މި ހުށަހެޅުމަކީ ބަލައި ގަނެވޭނެ ހުށަހެޅުމެއް ނޫން ކަމަށެވެ.

މިއަދުގެ ޝަރީއަތުގައި ގާޒީ އިތުރަށް ނިންމެވީ، މި މައްސަލައިގެ ޝަރީއަތަކީ މަޢުލޫއީ ގޮތެއްގައި ބަލައި ކުރިއަށް ގެންދެވޭނެ ޝަރީއަތެއް ކަމަށާއި، މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަވާނީ މި ޤަޒިއްޔާގެ ދަށުން ދައުލަތުން ދައުވާ އުފުލާފައިވާ އިތުރު ފަސް ފަރާތާވެސް އެކުއެކީގައި، އެއް ހާޒިރުގައި ކަމަށެވެ. މީގެ އިތުރުންވެސް މި ހާދިސާއާ ގުޅިގެން މި ދައުވާ އުފުލާފައިވާ އެހެން ފަރާތްތަކުގެ ޝަރީއަތްވެސް ކުރިއަށް ގެންދަވާނީ އެކީގައި ކަމަށާއި، ޖާގައިގެ ދަތިކަން ދިމާނުވާނެފަދަ އިންތިޒާމްތައް ހަމަޖައްސަވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ފާރިސްގެ މައްޗަށް ނިރުބަވެރިކަމުގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އުފުލާފައިވަނީ 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށާއި، 2018 ވަނަ އަހަރުގެ ސުޕްރީމް ކޯޓުގެ އެއް ނަންބަރު އަމުރު ނެރުމުގައި ބައިވެރިވި ކަމަށާއި، ކުރީގެ ސީޕީ އަރީފާއި ގުޅިގެން ފުލުހުންތަކެއް މަގުތަކަށް ނެރެ ގައުމުގެ މަސްލަހަތު ނަގާލަން އުޅުނު ކަމަށް ބުނެއެވެ.

ފާރިސް ދައުވާއަށް އިންކާރު ކޮށްފައިވާތީ ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް 32 ހެއްކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި 17 ސިއްރު ހެކިވެރިޔަކާއި ސިއްރު ލިޔުންތަކެއް ހިމެނެއެވެ.