މިހާރު ރާއްޖޭގައި ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިއަދު ބާއްވަން ހަމަޖައްސާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 4:30 ކޮށީގައެވެ.

ފުލުހުންގެ ޚާއްސަ ޕްރެސްއެއް މިއަދު ބާއްވަން ނިންމި އިރު މިދުވަސްވަރު މާލެއާއި އަތޮޅު ތެރޭގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. އެގޮތުން އިއްޔެ އައްޑޫ ސިޓީގައި މުޒާހަރާ ކުރިއިރު، މާލޭގައި ކޮންމެ ރެއަކު އެއްވެ މުޒާހަރާ ކުރެއެވެ.

މި މުޒާހަރާތައް ފަށާފައިވަނީ، މިމަހުގެ ދެވަނަ ދުވަހު، ސިޔާސީ ހައްޔަރީންގެ މައްޗަށް ކޮށްފައިވާ ހުކުމްތައް އަލުން މުރާޖާ ކުރުމަށް ނެރުނު އަމުރާ ގުޅިގެންނެވެ. އަދި އެ އަމުރު ނެރެފައިވަނީ އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ކަމަށް ސަރުކާރުން ތުހުމަތު ކުރާއިރު، އިދިކޮޅު އިއްތިހާދުގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ވަނީ އެކަމަށް އިއުތިރާފުވެސް ވެވަޑައިގެންފައެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ހަމައަކަށް އެޅުވުމަށް ރައީސް ޔާމީން ނެރުއްވި ކުއްލި ހާލަތުގެ އަމުރު 30 ދުވަހަށް އިތުރު ކޮށްފައި ވާއިރު ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ، އުއްތަމަ ފަނޑިޔާރު، އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު ވަނީ ސަސްޕެންޑުކުރުމަށްފަހު ހައްޔަރުކޮށްފައެވެ. އޭގެ އިތުރުން ހަމަ އެމައްސަލައިގެ ތުހުމަތަށް ކުރީގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމްވެސް ވަނީ ހައްޔަރުކޮށްފައެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާއިރު، ސަރުކާރުގެ ބައެއް މަޖިލިސް މެމްބަރުން ވަނީ، އިދިކޮޅު ފަރާތްތަކުން ސިހުރު ހެދުމަށް މަސައްކަތް ކުރާކަމަށް ބުނެ ތުހުމަތުތަކެއް ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު