އެމްޑީޕީ އުފެއްދީ ސިޔާސީ ޕާޓީއެއް ވަރުވާއަށް ލިޔަން ނޫން ކަމަށާއި އެމްޑީޕީއަކީ މުސްތަގުބަލެއް އޮތް ތަނެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ހއ. ކެލާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އޭރު އެމްޑީޕީގައި މަސައްކަތް ކުރެއްވީ ރައްޔިތުންނަށް ފާގަތިކަން ހޯދައި ދިނުމަށް ކަމަށާއި މިހާރު ވެސް މަސައްކަތް ކުރައްވަނީ އެގޮތުގައި ކަމަށެވެ.

މޫސަ ވިދާޅުވީ އެމްޑީޕީ އަކީ މުސްތަގުބަލެއް އޮތް ޕާޓީއެއް ނޫން ކަމަށާއި ޕީޕީއެމް އާ އެކު ކުރިއަށް ދިއުމަށް އެމްޑީޕީގެ މެންބަރުންނަށް ގޮވާލާ ކަމަށެވެ.

" އެމްޑީޕީ އުފެއްދީ އެއްވެ އުޅުމުގެ މިނިވަން ކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ފަހިކޮށްދީ، ރައްޔިތުން ބޭނުންވާ ކަންތައް ކޮށްދިނުމަށް. ރައީސް މައުމޫނުގެ ވެރިކަމުގައި ކުރިކަމަށް ބުނާ ކޮރަޕްޝަނުގެ އަމަލުތަކާއި އަނިޔާތަކުގެ ވާހަކަ އެމްޑީޕީ އިން ވަރަށް ބާރަށް ދެއްކި. ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި އެކަންތައް ތަހުގީގު ނުކުރީ ކީއްވެތޯ" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ރާއްޖެ ތަރަައްގީކޮށް ރާއްޖެ ކުރިއަށް ގެންދަވާނީ ރައީސް ޔާމީން ކަމަށާއި ރައީސްއެއްގެ ފަރާތުން ރައްޔިތުން ބޭނުންވަނީ އެ މީހުންނަށްް ބޭނުންވާ ކަންތައްތައް ފުރިހަމަކޮށްދީ ދީނާއި ގައުމު ހިމާޔަތް ކުރުން ކަމަށެވެ.

" އެކަންތައް ފުރިހަމަ ވުމުން ދެން ބޭނުން ވަނީ ތަރައްގީ އާއި ކުރިއެރުން. އޭގެ ތެރޭގައި ބިން ހިއްކުން އެއާޕޯޓު އެޅުން ބްރިޖު އެޅުން ޒަމާނީ މަސްވެރިކަމާއި ދަނޑުވެރިކަން، ރައްޔިތުންނަށް ވިޔަފާރީގެ ފުރުސަތުތައް ދިނުން، ބޭރުގެ އިންްވެސްޓުމެންޓުތައް ރާއްޖެ ގެނެސް އަމަން އަމާންކަމާ އެކު އުޅެވޭނެ ތަނަކަށް ރާއްޖެ ވުން،" މޫސަ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުރީގެ ކަލޭގެ ބޮޑީ ގާރޑް

    ރީކޯ ކަލޭ ޔާމީނުގެ ފަހަތައް އަރައިގެން ތިއުޅެނީ ކަލޭ އެމްޑީޕީ ވެރިކަމުގަ ދިރުވާލި ލާރިކޮޅު ދޭންޛެހިދާނެތީ އެށްނު.