ރާއްޖޭގައި ހިންގަމުންދާ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކާ ބެހޭގޮތުން ވާހަކަ ދައްކަން، އެއްވެސް ސިޔާސީ ލީޑަރަކު ރައީސް ޔާމީންގެ ގާތަށް ވަޑައިނުގަންނަވާކަމަށާއި ކޮންމެ ބޭފުޅަކުވެސް ވަޑައިގަންނަވަނީ އެބޭފުޅަކަށް ލިބިލައްވާ ބައި ކުޑަ ވެގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ މިއަދު ހއ. ބާރަށުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އެއްވެސް ބޭފުޅަކު އަޅުގަނޑާ ހަމައަށް ވަޑައިނުގަންވާ އަޅުގަނޑު މި ހިންގާ މަޝްރޫޢުތަކާ ބެހޭގޮތުން ވާހަކަ ދައްކަވަން. އަބަދުވެސް ލިބިފައި އޮތް ބައެއް ކުޑަވެގެން، އަބަދުވެސް އެބޭފުޅަކު އަމިއްލަފުޅަށް ބޭނުންވާ ކަންތައްތަކެއް އިސް ނުކުރެއްވިގެން ވަޑައިގެންނެވި." ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މައްޗަށް، ހަމަހަމަކަމާއެކު ޤާނޫނު ހިނގާތޯ ބެލުމަކީ ރައީސަކަށް ހުންނަ ބޭފުޅަކުވެސް ކުރައްވަން ޖެހޭ ކަމެއްކަމުގައެވެ. އަދި، އެގޮތަށް ކަންތައްތައް ކުރެއްވުމަށް، ކުރިން ޕީޕީއެމްގެ ރައީސްކަން ކުރެއްވި އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމުވެސް ބާރު އެޅުއްވިކަމަށް ވިދާޅުވިއެވެ. އަދި، އެކަން ނުކުރެވޭވަރަށްވެސް ރައީސް މައުމޫނު ވާހަކަފުޅު ދެއްކެވިކަމަށާއި އެހެންނަމަވެސް، މިހާރު މިވަނީ ޤާނޫނުން ހަމަހަމަކޮށްފައިކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، މި ޖަލްސާގައި ވާހަކަ ދައްކަވަމުން، ރާއްޖޭގައި ހިންގާފައިވާ ބައެއް ތަރައްޤީގެ މަޝްރޫޢުތަކަށްވެސް އަލި އަޅުވާލާފައިވެއެވެ. އެގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީވުމުން، ކުރިއަށް އޮތް ފަސް އަހަރެއް ނުވަތަ ހަ އަހަރުގެ ތެރޭގައި ރާއްޖެއަށް އަށް މިލިއަން ފަތުރުވެރިން ގެންނާނެކަމަށްވެސް ވިދާޅުވިއެވެ.

ހަމައެހެންމެ، ސްކޫލުތައް ޑިޖިޓަލައިޒް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް، ރައީސް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން، އެއީ ކުދިންނަކީ އިންޓަނެޓަށް އަހުލުވެރި ކުރުވަން ކުރުވާ ކަމެއްކަމަށާއި އެކަމުން ދަރިވަރުން ސްކޫލަށް ގެންދާ ފޮތް ދަބަސްވެސް ލުއިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖެއަކީ ފަތުރުވެރިން ގޮވައިގެން ދަތުރުކުރާ ކްރޫޒް ލައިނުތަކުގެ ހަބަކަށް ހަދަންވެސް ބޭނުންވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި، އެކަމުގެ ސަބަބުން އެތައް ފައިދާތަކެއް ވާނެކަމަށާއި އަދި އެކަމުގެ ސަބަބުން ފްލައިޓުން އަންނަ ފަތުރުވެރިންގެ ފަރާތުންވާހާ ފައިދާ ވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެކަމުން ފައިދާވާނީ ހަމައެކަނި މާލެއަށާއި ރިސޯޓުތަކަކަށް ނޫންކަމަށާއި އެކަމުގެ ސަބަބުން ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށްވެސް ފައިދާވާނެކަމަށް ވިދާޅުވިއެވެ. އަދި، ބާރަށުގައި ހުޅުވި މެރީނާ ސްޓައިލްގެ ބަނދަރަކީ، މިފަދަ ހަބެއް ހެދުމަށް ވިސްނުން އޮތުމުން ކުރެއްވިކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ތަރައްޤީގެ މިފަދަ ވަރުގަދަ ޕްރޮޖެކްޓްތައް ހިންގުމުން، އާއްމު ރައްޔިތުންގެ އިތުބާރު ލިބޭކަމަށާއި އަދި އެކަމަކީ އިދިކޮޅު ފަރާތްތަކަށް ހަޖަމު ކުރަން އުނދަގޫ ކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިއުޅެނީ ރައީސް ޔާމީން ކުރި ކަމެއްގެ މައްސަލައެއް ނޫން. މިއީ ބައެއް ބޭފުޅުން ކުރައްވަން ބޭނުންފުޅުވެފައި، ބައެއް ބޭފުޅުންގެ ޚިޔާލުފުޅައި ނައިސް ހުރި ކަންކަމޭ، އެހެން މީހަކު އައިސް ކޮށްދީ އަދި މި ކަންކަމުގައި ރައްޔިތުންގެ ހިތްހަމަޖެހުން ލިބިގެން، އެ ހިތްހަމަޖެހުން އިތުބާރަށް ބަދަލުވެގެން ދިޔައިމާ ތަހަންމަލު ކޮށްލަން ނުވަތަ ހަޖަކު ކުރަން އުނދަގޫ ވެގެން އުޅޭ މައްސަލައޭ. ބާރަށުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހައިކަލް

    އެންމެން ހައްޔަރުކޮއްގެން ކޮންތަރައްޤީއެއްބާވެވޭނީ. އޭގެ އިތުރުންވެސް ބައެއްކަހަލަ ކުއްވެރިންނަށް ވަޒީފާދީގެން ކުރާ ތަރައްޤީއެއީ ބޭނުން އެއްޗެއްނޫން. ގަދަ މީހުންގެ ދުނިޔެ ފަދަ ވެރިކަމެއްމީ. ބޭނުންވަނީ އޯގާތެރި ވެރިކަމެއް

  2. އަފޫ

    ތެދެއް. ހައެއްކަ ރިސޯޓު ދެނިކޮށް އެމީހުން މައިތިރި ވާނެ. އެކަމު އެއީ ރައީސް ކުރާނެ ކަމެއް ނޫން.

  3. ނައިންޓީ

    އިބޫ އަކީ އަޅުވެތި ވެފައި ހުރުމުގެ ސަބަބުން ވެރިކަން ކުރަން އެކަށޭނަ މީހެއްނޫން. އިބޫއަކީ އަންނިގެ ޕަޕެޓެއް. ބުއްދި ފުރިހަމަ އެކަކުވެސް އިބޫ މިހާރު ހުރި ގޮތް ގަބޫލެއް ނުކުރާނެ. އެމްޑީޕީގެ ކޮންގްރެސްގައި ހޮވުނީކީ ވެސް އިބޫ އެއްނޫން. ހޮވުނު އަސްލު މީހަކީ އަންނިގެ ވަރަށް އަރިސް މީހެއް. އެތައް ގަނޑެއް ގަނެ ހޭވުންތަކެއް ހާވައިން އިބޫ ނެރެފަ އެހުރީ މަކަރަކުން. މީ 100% ތެދު ވާހަކަ. އަންނިގެ ވެރިކަމުގެ ވައްޓަފާޅި މިހާރު އެނގިއްޖެ. ގައުމެއް ވިއްޔާ ގައުމުގެ ވެސް އުސޫލާ ގޮތާ ފޮތާ ހުންނަންވާނެ. ލާދީނީއާ ކޮރިސްޓިއަން ޖަމާއަތްތަކުގެ ޕަޕެޓަކަށް އަންނި ވެފައިވީހެން، އަންނިގެ ޕަޕެޓަކަށް ވެގެން އިބޫ ހިޔަނި ވެރިކަމެއް ކުރުމަކީ އެހާ ސަޅިކަމެއް ނޫން.

  4. ބެލެނިވެރިން

    ސްކޫލުތައް ޑިޖިޓަލައިޒް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް، ރައީސް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން، އެއީ ކުދިންނަކީ އިންޓަނެޓަށް އަހުލުވެރި ކުރުވަން ކުރުވާ ކަމެއްކަމަށާއި އެކަމުން ދަރިވަރުން ސްކޫލަށް ގެންދާ ފޮތް ދަބަސްވެސް ލުއިވާނެކަމަށް ރައީސް ވިދާޅުވިއެވެ.
    ކުރިޔަށް އޮތް ޖީލެށް ހަލާކުވެގެން ދާނެކަމެއްތީ.ތިއީ ތަރައްގީ އެއް ކަމަކަށް ގަބޫލެއް ނުކުރެވޭނެ. ޕޕމ އަށް ސަޕޯޓު ކުރިޔަސް. ގޯސްވާނީ ހަމަ ގޯހަށް.
    ކީއްވެގެންބާ ބެލެނިވެރިންގެ ޙިޔާލު ފާޅުކުރުމަށް ފުރުޞަތު ނުދީ މިކަން މިގޮތަށް ނިންމީ

  5. އދ

    ރަނގަޅުވާހަކަފުޅެކެވެ ސިޔާސީދާއިރާއި އުޅޭ
    މަހުޖަނުންވެސް ލިބޭބައި ކުޑަވެގެން ގައމުގައި
    ހަމަނުޖެގުމާއި ފިތުންފަސާދައުފެއްދުމަށް އުޅޭތަން
    ދަނީ ފެންނަމުންނެވެ.

  6. އެނގޭތަ

    ލީޑަރުންނަށް ބައެއް ލިބޭ ގޮތަށް އުސޫލުތައް ހުރި ނަމަ އެއީ ބޮޑު މައްސަލައެކެވެ.