ފުރަތަމަ ހަ މަސް ދުވަހު ރާއްޖެއަށް ހަތްލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ޖޫން މަހުގެ ނިޔަލަށް ރާއްޖެ އަށް ޒިޔާރަތްކުރި ޖުމްލަ ޓޫރިސްޓުންގެ އަދަދު ވަނީ 726515 އަށް އިތުރުވެފައެވެ. އަދި މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 93786 ޓޫރިސްޓުންކަން އެ ހިސާބުތަކުން ދައްކައެެވެ.

މިދިޔަ ހަތް މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. އެގޮތުން މިދިޔަ މަހުގެ ނިޔަލަށް އެ ސަރަހައްދުން އައި ޖުމްލަ ޓޫރިސްޓުންގެ އަދަދު 372388 އަށް އަރައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި ޓޫރިސްޓުންނާ އަޅާބަލާއިރު 16.3 ޕަސެންޓްގެ ކުރިއެރުމެކެވެ.

ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައިސްފައި ވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުންނެވެ. އެ ސަރަހައްދުން ރާއްޖެއަށް އައި ޖުމްލަ ޓޫރިސްޓުންގެ އަދަދު ވަނީ 290،542 އަރައިފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 3.3 ޕަސެންޓްގެ ކުރިއެރުމެކެވެ.

މީގެ އިތުރުން މިދިޔަ މަހުގެ އެމެރިކާ ސަރަހައްދުން 34،234 ޓޫރިސްޓުން އައިސްފައިވާއިރު، މެދުއިރުމަތީގެ ޤައުމުތަކުން ޖުމްލަ 23،130 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ، އަދި އެފްރިކާ ސަރަހައްދުން ޖުމްލަ 6،127 ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގައި ޓޫރިސްޓުން ބޭތިއްބުމަށް ރަޖިސްޓްރީ ކުރެވިފައިވާ ތަންތަނުގެ އަދަދު ވަނީ 42،806 އެނދަށް އިތުރުވެފައެވެ.

އަދި މިދިޔަ މަހުގެ ނިޔަލަށް، ރާއްޖޭގެ ރިޒޯޓް، ހޮޓާ، ގެސްޓްހައުސް އަދި ސަފާރީ އުޅަނދުތަކުގެ އަންދާޒާކުރެވޭ ޖުމްލަ ބެޑްނައިޓްސް އަކީ 4707194 އެވެ.

އަދި މި މުއްދަތުގައި ރާއްޖޭގައި ޓޫރިސްޓު އެނދު ބޭނުންކޮށްފައިވާ ނިސްބަތް 63.4 ޕަސެންޓް އަށް އަރާފައިވާއިރު، މިއީ 2017 ވަނައަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 2.3 ޕަސެންޓް ގެ ކުރިއެރުމެކެވެ. އަދި މިމުއްދަތުގައި އެވްރެޖްކޮށް ފަތުރުވެރިއަކު ރާއްޖޭގައި 6.5 ދުވަސް ހޭދަކޮށްފައިވެ އެވެ.