ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރިޒޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށިތަކުގެ އަދަދު މަދުވުމާ ގުޅިގެން އެކަމާ ޕީޕީއެމް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 452 ވޯޓް ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، ރިސޯޓްތަކުގައި ބަހައްޓަން ނިންމާފައިވަނީ ހަތް ވޯޓު ފޮށްޓެވެ. ވޯޓް ފޮށި ބަހައްޓަން ނިންމާފައިވާ ރިސޯޓްތަކަކީ ކުރަމަތި އައިލެންޑް ރިސޯޓް، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް، ސަން އައިލެންޑް ރިސޯޓު އެންޑް ސްޕާ، ބަނޑޮސް މޯލްޑިވްސް، ޕެރެޑައިސް އައިލެންޑް ރިސޯޓު އެންޑް ސްޕާ އަދި ކުރެއްދޫ އައިލެންޑް ރިސޯޓާއި ދަ ސަން ޝިޔާމް އިރުފުށި މޯލްޑިވްސްގައެވެ.

މިކަމާ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަމައެކަނި ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން އީސީ އިން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއް ކަމަށް ޕީޕީއެމް އިން ގަބޫލު ނުކުރާ ކަމަށެވެ. އަދި އެކަން ބަދަލު ކުރަން އެ ކޮމިޝަނަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރިސޯޓްތަކުގައި ބަހައްޓާ ވޯޓް ފޮށިތަކުގެ ޢަދަދު މަދުވެފައިވަނީ ރާއްޖޭގެ ރިސޯޓްތަކުން ވޯޓް ފޮށިތަށް ބަހައްޓައިގެން ވޯޓު ލުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެކަށީގެންވާ އެއްބާރުލުން ނުލިބޭތީ ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ.

ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާއިރު ވޯޓް ފޮށި ބަހައްޓަން ނިންމާފައިވާ ރިސޯޓެއްގައި 250 (ދުއިސައްތަ ފަންސާސް) މީހުންނަށްވުރެ މަދު ޢަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާނަމަ، އެ ރިސޯޓެއްގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބެހެއްޓޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

ރިސޯޓެއްގައި ބަހައްޓަން ނިންމި ވޯޓް ފޮށްޓެއް ނުބަހައްޓަން ނިންމައިފިނަމަ، އެ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންގެ ރަޖިސްޓަރީ ބާޠިލްކޮށް އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލު ކުރުމަށާއި، އެފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންނަށް ފަސޭހައިން ވޯޓުލުމަށް، އެހެން ފޮށްޓަކަށް ރީ-ރަޖިސްޓަރީ ކުރުމަށް 3 ދުވަހުގެ މުއްދަތެއް ދިނުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ރިޔާސީ އިންތިޚާބާ ގުޅުންހުރި މަސައްކަތްތަށް ތާވަލު ކުރެވި ތާވަލާ އެއްގޮތަށް ބާރު ދުވެލީގައި ކުރެވެމުންދާއިރު، އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވާ އާދީއްތަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖެނެރަލް

    ގޮވަނީ ކީއްވެ! ޢެހެންފަހަރުވެސް ކަންތައް ކުރާގޮތަށް ގާތަށް ގޮސްލާފަ ސިއްރުން ބުނެލަބަ! ޥަގުން

  2. ޑަ ލާސްޓް

    ތިކަން ތިބަދަލް ވީ. ޔަގީން ބިރުންވެސް ދެން ބަދަލް ކިރާނެކަން. މިހިރީޔެ ހާލަކީ އުޅޭ.

  3. ޙަބޭސް

    ރާއްޖޭގައި މީހުން ދިރިއުޅޭކަމަށް ރަޖިސްޓްރީ ކޮށްފައިވާ ކިތައް ރަށް އެބައޮތްތޯ.250 މީހުން ވޯޓު ލާން ނުޖެހޭ އެފަދަ ރަށްރަށުގައި ވޯޓް ފޮށި ބަހައްޓާނަމަ ރިސޯޓްތަކުގަވެސް ވޯޓުފޮށި ބެހެއްޓެންވާނެ

  4. އެއްކިބަ

    އީސީ އަކީ، ހާދަ ބުނާބަސް އަހާ ތަނެކޭދޯ