ހިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލައި، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން ތިން ވަނަ ފަހަރަށް ހުކުމްކޮށްފިއެވެ.

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ސީލައިފް ކުންފުނިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އަންމަޓީ ސްރީ ލަންކާގައި ހުއްޓައި ހައްޔަރުކޮށްގެން ރާއްޖެ ގެނެސް 42 ދައުވާއެއް ވަނީ އުފުލައިފައެވެ. އަދި އެންމެ ފުރަތަމަ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކުރިއެވެ. ނަމަވެސް އޭގެ ފަހުން ކުރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލަން މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ހުކުމްކޮށްފައެވެ.

އައްމަޓީގެ ބަންދާއި ބެހޭ ގޮތުން މިއަދު އޮތް އަޑުއެހުމުގައި އޭނާ ފިލާފާނެ ކަމަށްޓަކައި އޭނާގެ ބަންދު ދެމެހެއްޓުމަށް ދައުލަތުން ވަނީ އެދިފައެވެ. އައްމަޓީގެ ސިއްހީ ސަބަބުތަކެއް ހުއްޓަސް، ގަވާއިދުން އޭނާ ޑޮކްޓަރަށް ދައްކަމުން ގެންދާ ކަމަށާއި އަދި އޭނާގެ އޮޕަރޭޝަން ކުރުމަށްޓަކައި ޑޮކްޓަރުގެ އެޕޮއިންޓްމަންޓަށް ވެސް އެދިފައިވާ ކަމަށް ދައުލަތުން ވަނީ ފާހަގަ ކޮށްފައެވެ.

އަދި އެންމެ ފުރަތަމަ ވެސް އޭނާ ހައްޔަރުކޮށްފައިވަނީ ހިޔާނާތްތެރި ވުމަށްފަހުގައި ފިލައިގެން ރާއްޖެއިން ބޭރުގައި ދިރިއުޅެމުން ދަނިކޮށްކަން ދައުލަތުގެ ފަރާތުން ވަނީ ފާހަގަ ކޮށްފައެވެ. ދައުލަތަށް ރައްދު ދެއްވަމުން އައްމަޓީގެ ވަކީލު ވަނީ އޭނާ ފިލާނެ ކަމަށް ދެކެވޭ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.

އަދި ފިލައިގެން އުޅުނު ކަމަށް ބުނަނީ އައްމަޓީ އޭނާގެ އަންހެނުންނާއި އާއިލާ ގާތަށް ސްރީލަންކާގައި ގޮސްހުރި ދުވަސްވަރު ކަމަށާއި އޭނާ އެނބުރި އައީ ޕާސްޕޯޓް ހަމަވުމުންކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ. މިވަގުތު އޭނާގެ އަތުގައި ޕާސްޕޯޓެއް ވެސް ނެތުމުން ފިލޭނެ އެއްވެސް ގޮތެއް ނޯންނާނެކަން ފާހަގަ ކުރައްވާ އޭނާގެ ވަކީލު އިތުރަށް ވިދާޅުވީ ދައުލަތުން ބޭނުން ކޮންމެ ޝަރުތެއް ކޮށްފައި ވިޔަސް މިނިވަން ކޮށްދިނުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން އައްމަޓީގެ ބައްޕަގެ ސިއްހީ ހާލަތު ވެސް ގޯސްވެފައިވާ ކަމަށާއި އެހެންކަމުން އޭނާ ދޫކޮށްލުމަށް ވަނީ އެދިފައެވެ. އައްމަޓީ ފިލުމުގެ ކިހާ މިންވަރުގެ ފުރުސަތެއް އެބައޮތްތޯ ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އައްމަޓީގެ އެފަދަ ރެކޯޑު އެބައޮތް ކަމަށެވެ. އަދި މީގެ ކުރިން ހައި ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ދައުލަތުން ވަނީ އަލިއަޅުއްވާލައްވާފައެވެ.

އެހެންނަމަވެސް ޝަރީއަތުން ނިންމާފައިވަނީ ޝަރުތުތަކެއް ކޮށް އައްމަޓީ މިނިވަން ކުރުމަށެވެ. މީގެ ކުރިން ވެސް އައްމަޓީ މިނިވަން ކޮށްފައިވަނީ ޝަރުތުތަކެއް ކޮށްފައެވެ. އެހެންނަމަވެސް ކުރި ޝަރުތުތައް މިއަދު ހިއްސާ ކޮށްފައެއްނުވެއެވެ. ޝަރީއަތުން ވިދާޅުވާ ޝަރުތުތައް ފަހުން ދެ ފަރާތަށް ވެސް އަންގާނެ ކަމަށެވެ.

ކޮއްކޮއާއި ދައްތައެއް ޖާމިނުވާ ގޮތަށް، ކަފާލާތުގެ ދަށުން، ޝަރުތުތަކަކާއެކު އައްމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން މީގެ ކުރިން ކުރި ހުކުމާއި އޭގެ ކުރިން އޭނާ މިނިވަން ކުރަން ކުރި ހުކުމް ވެސް ހައިކޯޓުން ވަނީ ބާތިލްކޮށްފައިކަން ފާހަގަ ކޮށްލެވެއެވެ. މި ނިންމުން ވެސް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    މީހުން ބުނޭ ކާއިރު ކުޑަ ކާއްޓެއް ނުކާށޭ! ހީވޭ ކަމެއްހެން. މީނަ އުފަލުގައި. ރިހާކުރުފުޅި ވަގަށްނެގި ސޮރު އޮތީ އިދިފުށަށް ހަންދަމާލާފައި.

    12
  2. އަޙުމަދު.

    ކީއްކުރާނީ. ނިކަމެތި އެތަށް ރައްޔިތުންނަށް ފުލެޓް އަޅާދޭނަމޭ ކިޔައިގެން ނެގި ފައިސާތަކަށް ޚިޔާނަތް ތެރިވުމަކުން ކޯޓް އަމުރުދޭން ތިބޭ މިހުނަކަށް އެއްވެސް އަސަރެއް ނުކުރާނެ އެއްނު.. އެހެންވީމަ ދުވެސް ކޮށްލާނެ އެއްނު.