މީހުން ދިރިއުޅޭ 61 ރަށެއްގައި ޕޮލިސް ސްޓޭޝަން ގާއިމް ކުރުމުގެ ބޮޑު މަޝްރޫއެއް އަންނަ އޭޕްރީލް މަހު ފެށިގެން ދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު އިމްރާން ހާޒިރުވެވަޑައިގަތީ ތިމަރަފުށީ ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތް ނުފެށި އޮތުމުން އެ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި ސުވާލަކަށް ޖަވާބު ދެއްވުމަށެވެ.

މި ސުވާލުގެ ޖަވާބުގައި މިނިސްޓަރު އިމްރާން ފުރަތަމަ ވެސް ފާހަގަ ކުރެއްވި ކަމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމްކޮށް، ވީހާވެސް ގިނަ ރަށެއްގައި ފުލުހުންގެ ސްޓޭޝަން ގާއިމް ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެއް ކަމެވެ.

އަންނަ އޭޕްރީލް މަހުގެ ތެރޭގައި 61 ރަށުގައި ޕޮލިސް ސްޓޭޝަން ގާއިމް ކުރުމުގެ މަޝްރޫއުގެ ތެރެއިން ގިނަ ރަށެއްގައި އެ މަހު ޕޮލިސް ސްޓޭޝަން ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ޖޫން މަސް ނިމެންވާއިރަށް އެ ހުރިހާ ރަށެއްގައި ފެށޭނެ ކަމަށް ވިދާޅުވިއެވެ.

"ޕްރޮޖެކްޓް ފަށާނެ ސީދާ ހިސާބެއް އަޅުގަނޑުމެން މުޅިއަކު ނިންމާފައެއް ނުވޭ، ކޮން ސަރަހައްދަކުންތޯ އިސްކަން ދޭނީ، އެ ތަރުތީބު ވެސް އަދި މުޅިން ނިންމާލެވިފައެއް ނުވޭ،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ޕޮލިސް ސްޓޭޝަންތައް އެޅުމަށް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ކުންފުންޏަކަށެވެ. އެއީ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސްއާއެވެ. އެ ޕްރޮޖެކްޓް ހަވާލުކުރީ 48 މިލިއަން ޑޮލަރަށެވެ. އިމްރާން ވިދާޅުވި ގޮތުގައި އޭނާގެ އަމާޒަކީ އެއިން 80 އިންސައްތަ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމާލުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަވާސާ ހަމީދު

    ދިވެހި ސަރުކާރުން 100% ލޯނުއެހީގައި އިންޑިޔާގެ ބަޔަކާއި ހަވާލުކޮށްގެން ހިންގާ މަސްރޫއެއްތިޔައީ ދިވެހި ކުންފުނިތަކަށް ނުދިނީކީއްވެބާ؟

  2. ސުންދުސީ

    ކޮބާ ބޭނުމަކީ..މިހާރު ރަށްރަށުގަ ތިބި ޕޮލިހުންނަށް ވަޒީފާ އަދާ ނުކުރެވެނީ އިމާރާތް ނެތިގެންތޯ؟މަސްތުވތަކެތީގެ ވިތޔަފާރިއާ ބޮޑެތި ކުށްތައް އިންތިހާއަށް.އެމީހުްނ ޖަގަހަ ތަކުގަ ތާސް ކުޅޭން.ބޭރަށް ނިކުމެ ބަލާ ނުލާ.ވާނުވާ އެއްނޭގެ.ކުށްވެރިނާ ގުޅުން އޮވޭ.މައުލޫމާތު ފޯރު ކޮށްދޭ...

  3. އުގުރި

    ފުރަތަމަ ކަމަކަށް މީނާ ކައިރީގައި ބެނެބަލަ ދޮގެއް ހެދޭތޯ ބަލާބަލާށޭ ނުހެދޭނެ ނުވެސް އެނގޭނެ.