ރައީސް އަބްދުﷲ ޔާމިންގެ ޒައާމަތުގައި ކުރުމުއްދަތެއްގެ ތެރޭގައި ބޮޑެތި ތަރައްގީތަކެއް ދިވެހި ރާޢްޖެއަށް ގެނެސްދެއްވާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހަނިމާދޫގައި ގާއިމްކުރި ނަރުދަމާގެ ހިދުމަތް އިފްތިތާހު ކުރުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ ރައީސް ޔާމީން އަކީ ފަހުގެ ތާރީހުގައި ރާޢްޖޭގައި ދުވަހަކުވެސް ނުދެކޭފަދަ ކުރިއެރުމެއް ގެނެސްދެއްވި ރައީސް އެއް ކަމަށާއި ކުރިޔަށް އޮތްތަނުގައި ރައީސް ޔާމިން ޖަހާލެވޭ ވަރުގެ އެހެން އެއްވެސް ބޭފުޅަކު ނާންނާނެ ކަމަށެވެ.

މިނިސްޓަރު ތޯރިގް ވަނީ އެމްޑީޕީއަކީ ތަރައްގީއާ ދުރު ޕާޓިީއެއް ކަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން އެމްޑީޕީގެ ވެރިކަމުގައި ހަނިމާދޫއަށް ކޮށްދެއްވީ ކޮންކަމެއްތޯ މިނިސްޓަރު ތޯރިގް ސުވާލުކުރެއްވިއެވެ.

"ރައީސް ޔާމިން ގެ ޒައާމަތުގައި ފާއިތުވި މި ހަތަރު އަހަރު ރާޢްޖޭގެ އުފެއްދުންތެރިކަަމުގެ ބޮލަކަށް ޖެހޭ މިންވަރު 4000 ޔޫއެސް ޑޮލަރުން ފެށިގެން 9000 ޔޫއެސް ޑޮލަރަށް ވަނީ ޖެހިފައި" މިނިސްޓަރު ތޯރިގް ވިދާޅުވެއެވެ.

ހަނިމާދޫ ނަރުދަމާގެ ހިދުމަތް ފެށުމާ ގުޅޭގޮތުން މިނިސްޓަރު ތޯރިގް ވިދާޅުވީ ހަނިމާދޫގެ ނަރުދަމާގެ ހިދުމަތަށް ރައްޔިތުން އެދޭތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި ރައީސް ޔާމިން ގެޒައާމަތުގައި ހަނިމާދޫ ރަތްޔިތުންގެ މިއެދުން މިއަދު މިވަނީ ފުއްދަވާފައިދެއްވާފައި ކަމަށެވެ.

ނަރުދަމާގެ ނިޒާމް އިފްތިތާހް މިއަދު ކޮށްފައިވާއިރު އެރަށުގައި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ހަލުވިސުޕީޑްގައި ކުރެވެމުން އަންނަކަމަށް މިނިސްޓަރު ތޯރިގް ފާހަގަ ކުރެއްވިއެވެ.

ހަނިމާދޫގައި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ އަމިއްލަ ފަރާތްތަކުގެ ހިއްސާއާއެކުއެވެ. އެމަޝްރޫއުގެ ދަށުން އެރަށުގައި ޕަމްޕް ސްޓޭޝަން ބަހައްޓާނެ ބިން ފާހަގަކުރުމާއި، އޭގެ މައްޗަށް ބިނާކޮށް ޑިޒައިން ކުރުމާއި އީ.އައި.އޭ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އެ މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 3 ޕަމްޕް ސްޓޭޝަން ބަހައްޓައި 16.5 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ގާއިމުކޮށް، އެ ރަށުގެ 900 ގެއަށް ވަނީ އެ ހިދުމަތް ދީފައެވެ. މީގެއިތުރުން، ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 300 މީޓަރުގެ އައުޓް ފޯލް ހޮޅިއެއް އަޅާފައެވެ.

ހަނިމާދޫގައި ގާއިމުކުރެވުނު ނަރުދަމާގެ ނިޒާމުގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ނިމިފައިވާއިރު އެ ހިދުމަތް މިދިޔަ އަހަރުގެ ޖޫން 19 އިން ފެށިގެން ފެނަކަ ކޯޕަރޭޝަން އިން އަންނަނީ އެރަށަށް ފޯރުކޮށްދެމުންނެވެ.