ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ގައި ނެރުނު އާދަޔާއި ހިލާފު އަމުރުގައި މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި ބައި ބާތިލް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް މިއަދު މެންދުރުފަހު އިއްވާނެއެވެ.

މި މައްސަލައިގައި މިހިނގާ ޖުލައި މަހުގެ ފަސްވަނަ ދުވަހު ސްޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ސްޕްރީމް ކޯޓުގެ ބެންޗުން ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ. އެހެންކަމުން މިއަދު މެންދުރުފަހު 13:30 އަށް ތާވަލުކޮށްފައިވަނީ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލީހެވެ.

ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ގައި ނެރުނު އަމުރުގައި ވަނީ މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ މެމްބަރުކަމުން ވަކިވާ ގޮތަށް މިދިޔަ ޖުލައި މަހު އެ ކޯޓުން ކުރި ހުކުމް ބާތިލް ކުރާ ކަމަށެވެ.

12 މެންބަރުން ވަކި ނުވާކަމަށް ނިންމި ބައި ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން މައްސަލަ ހުށަހެޅުމުން ސުޕްރީމް ކޯޓުން ކުރިން ވަނީ ވަގުތީ އަމުރެއް ނެރެ، ކުރީގެ އަމުރުގެ އެ ބަޔަށް އަމަލު ކުރުން މަޑުޖައްސުވާފައެވެ.

މިދިޔަ އަހަރުގެ ޖުލައި 13 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރުންނަކީ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ އިތުރުން ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތެވެ.

މި މައްސަލަ ބައްލަވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ ، ފަނޑިޔާރު ޢަބްދުﷲ ދީދީ އަދި ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދެވެ.