ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން، އިބްރާހިމް ސިޔާދު ގާސިމް މިނިވަންވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އިދިކޮޅު ކޯލިޝަންގެ ރަނިން މޭޓު އަދި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ސިޔާދު މިނިވަންވުމާ ގުޅިގެން ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާދުގެ ހިތްވަރަށް ސާބަސް ދެއްވާ ކަމަށާއި އޭނާ މިނިވަން ވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ސިޔާދު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ އޭނާގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައެވެ.

ސިޔާދުގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ، 2018 ފެބުރުވަރީ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުރެވުނު ތަހްޤީގުގައި ހ.ނިޝާން ފްލާވަރ ގެ 3 ވަނަ ފަންގިފިލާ ބަލައި ފާސްކުރުމުގެ ތެރޭގައި، ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސަޢީދު ދިރިއުޅުއްވާ އެޕާޓްމަންޓުން ފެނުނު ކަޅުކުލައިގެ ބެކްޕެކުގެ ތެރެއިން ފެނުނު ލިޔުންތަކުގެ ތެރޭގައި، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން ސިޔާދު ޤާސިމް 2017 ޖުލައި 20 ވަނަ ދުވަހު ސޮއި ކުރައްވާފައިވާ ސިޓީއަކުން، މި މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު 2 ފަރާތަކަށް 2.4 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާކަމާއި، އުއްތަމަ ފަނޑިޔާރާއި ޢަލީ ހަމީދު މެލޭޝިޔާޔާއިން ގަންނަން މަސައްކަތް ކުރައްވާފައިވާ ބީޗް ވިލާތަކަށް ދައްކަންޖެހޭ ފައިސާގެ ބައެއް ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ލިމިޓެޑުން ދައްކާފައިވާކަމަށާއި، 1 ފެބުރުވަރީގެ އަމުރުގައި ވިލާ ޝިޕިންގެ ގެ މެޖޯރިޓީ ޝެއަރ ހޯލްޑަރ ކަމަށްވާ ސިޔާދު ޤާސިމްގެ ބައްޕަ ޤާސިމް އިބްރާހިމް ވަގުތުން މިނިވަން ކުރުމަށް ބުނެފައިވާތީ މި ފައިސާއަކީ ހުކުމުގެ މުޤާބިލުގައި ދިން ފައިސާކަމަށް ބެލެވޭތީ ކަމަށް ބުނެއެވެ.

މި މައްސަލައިގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ފަނޑިޔާރުންނަށް ފައިސާ ހަމަޖައްސަން ސިޔާދު ސޮއި ކުރި ކަމަށް ބުނާ ސިޓީ ދައުލަތަށް ލިބިފައިނުވާކަން ހާމަވެގެން ގޮސްފައެވެ. އެ ސިޓީ ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ދައުލަތުން ވިދާޅުވެފައިވާއިރު އެ ސިޓީ ކޯޓަށް ހުށަހަޅަން ދައުލަތަށް މީގެކުރިން ވަނީ ފުރުސަތު ދީފައެވެ. ނަމަވެސް މިއަދުގެ އަޑުއެހުމާއި ހަމައަށް އައިރުވެސް ދައުލަތަށް އެ ސިޓީ ހުށަހެޅިފައެއް ނުވެއެވެ.

އެއާއެކު އެއާ އެކު ސިޔާދުގެ ވަކީލުން މިއަދު ވަނީ ސިޔާދު ބަންދުން ދޫކޮށްލުމަށް އެދިވަޑައިގެންފައެވެ. އަދި މައްސަލަ ބައްލަވާ ގާޒީ ވަނީ ތިން ޝަރުތަކާއެކު ސިޔާދު ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން ސިޔާދު ދޫކޮށްލުމަށް ކުރި ޝަރުތުތަކަކީ މާލެ ސަރަހައްދުން ދާނަމަ ކޯޓަށް އެންގުމާއި، ފޯނު ނަމްބަރު ބަދަލުވާނަމަ ކޯޓަށް އެންގުމުގެ އިތުރުން ކޯޓުން ފޮނުވާ ޗިޓުތަކާއި ހަވާލުވުމެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސިޔާދު ހައްޔަރުކުރީ މިދިޔަ ފެބުރުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ. ސިޔާދުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވާއިރު އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ޖަލުގައި ބެހެއްޓުމަށް މިދިޔަ މާޗު މަހު ކޯޓުން ވަނީ އަމުރުކޮށްފައެވެ.