މި އަހަރުގެ ރަމަޟާން މަހު މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުން ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް އާއްމުކޮށްފިއެެވެ.

މީރާ އިން މިއަދު ބުނީ ރޯދަ މަހު އެތަން ހުޅުވާފައި ހުންނާނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 9:00 އިން މެންދުރުފަހު 12:00 އަށް ކަމަށެވެ. އަދި، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ވެސް މީރާއިން ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ މި ގޮތަށް ކަމަށް މީރާއިން މައުލޫމާތުދެއެވެ.

މި ދުވަސްތަކުގައި މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުން ޚިދުމަތް ހޯދާ ފަރާތްތަކަށް މީރާގެ ސަރވިސް ސެންޓަރުން ނަންބަރު ނެގުމުގެ އިތުރުން، މިހާރެކޭވެސް އެއްފަދައިން، މީރާގެ މޯބައިލް އެޕްލިކޭޝަން އަދި ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ނަންބަރު ނެގޭނެ އެވެ.

މީރާއަށް ބަލައިގަންނަ ހުރިހައި ޓެކްސްތަކާއި ގިނަ ފީތަކަކީ އޮންލައިންކޮށް ވެސް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ފައިސާއެއްކަމުގައި ވާތީ، މީރާއިން ޚިދުމަތް ހޯދުމުގައި މި އޮންލައިން ޚިދުމަތްތައް ހިޔާރުކުރުމަށް މީރާއިން އިލްތިމާސްކޮށްފައި ވެއެވެ.

މި ހިދުމަތްތަކަކީ ފަސޭހަކަމާއެކު ކޮންމެ ވަގުތެއްގައި ވެސް މި ސިސްޓަމްތައް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ޚިދުމަތްތަކެއްކަމުގައި މީރާއިން ފާހަގަކޮށްފައި ވެއެވެ.