ލ.އަތޮޅުގެ ރައްޔިތުންގެ އިތުރަށް އެހެން އަތޮޅުތަކުގެ ގިނަ ޢަދަދެއްގެ ބަޔަކު ޚިދުމަތް ހޯދަމުން ގެންދާ ގަމު ރީޖަނަލް ހޮސްޕިޓަލުން ރައްޔިތުންނަށް ދެވޭ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިންގުން ހަރުދަނާ ކުރުމަށް ސަރުކާރަށް ގޮވާލައި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހެޅުއްވި މައްސަލަ މަޖިލީހުން ބަލައިގެންފިއެވެ.

ސައީދު ހުށަހެޅުއްވި މައްސަލަ ބަލައިގަތީ 20 މެންބަރުންގެ ވޯޓުންނެވެ. މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 11 މެންބަރުން ވޯޓް ދެއްވިއެވެ.

ސައީދު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވަނީ ލ.ގަމު ރީޖަނަލް ހޮސްޕިޓަލަކީ ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް މިސަރުކާރުން ރައްޔިތުންނަށް ކެނޑިނޭޅި ވައުދުވަމުން ގެންގޮސް، އެ މަޝްރޫޢު ކުރިއަށް ގެންދަން އިއުލާން ކޮށްފައިވާ ހޮސްޕިޓަލެއް ކަމަށެވެ.

އެ ހޮސްޕިޓަލް ހިންގުމަށްޓަކައި ވަކި ބޯޑެއް ކަނޑައަޅާ އެބޯޑުގެ ދަށަށް ލ.އަތޮޅުގެ ދިހަ ރަށުގައިހުރި ސިއްޙީ މަރުކަޒުތަކާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންވެސް ބަދަލުކޮށްފައިވާ ކަމަށާއި ލ.އަތޮޅުގެ ހުރިހާ ރަށަކުންވެސް މި ހޮސްޕިޓަލްގެ ޚިދުމަތް ހޯދަމުންދާ ކަމަށައި ނަމަވެސް ހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު ދުވަހުންދުވަހަށް ދަށްވަމުންދާކަމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ.

ހޮސްޕިޓަލްގައި ޓަރޝަރީ ފެންވަރަށް ވަސީލަތްތައް ގާއިމްނުކުރެވި، ބަލިމީހުންގެ ފުރާނައަށް ނުރައްކާވާފަދަ ގިނަ ހާދިސާތަކެއް ފަރުވާކުޑަވުމާއި ހިންގުމުގެ ދޯދިޔާކަމުން ހިނގާފައިވާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

އަދި ކޮންމެހެން ޑޮކްޓަރުން ތިބެންޖެހޭ މުހިއްމު ބަލިތަކަށް ޑޮކްޓަރުން ނެތުމާއި ޓެސްޓުތައް ހެދެންނެތުމާއި، ވަސީލަތްތަކާއި އިމާރާތްވެސް މަރާމާތު ނުކުރެވި ހަލާކުވަމުންދާ ކަމަށާއި ބޯޑުގެ ދަށަށް ބަދަލުކުރެވިފައިވާ މުވައްޒަފުންގެ ކަންކަންވެސް ނުބެލެހެއްޓި ހޮސްޕިޓަލުން ދެމުންދާ ޚިދުމަތުގެ ފެންވަރު ދުވަހުން ދުވަހަށް ދަށްވަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންފައި ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެ، ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިންގުން ހަރުދަނާކޮށް މިމައްސަލަތައް ވީހާވެސް އަވަހަށް ސަރުކާރުން ޙައްލުކޮށްދިނުން އެދިވަޑައިގަންނަވާ ކަމަށެވެ.

ބޯޑެއްގެ ދަށުން ގަމު ހޮސްޕިޓަލް ހިންގަން ނިންމައި، ބޯޑެއް އުފެއްދެވީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަން

    ސަޢީދު...ތީ ހަމަ 100 ގެ ވާހަކައެއް...ވ ވ ވ ފަރުވާކުޑަ. ތި ބޯޑުތައް ގިނަ ވާވަރަކަށް މަތިބަރުވަނީ...ކޮންމެ ސަރުކާރަކުންވެސް ބޯޑު ހަދަނީ އެކްޓވިސްޓުންނަށް ވަޒީފާދޭން..ފެންވަރު ނެތަސް ވަރިހަމަ...މި މީހުންނަށް ބަސްކިޔޭވަރު މީހަލު މިދުނިޔޭގައި ނުވޭ...މީ ހަމަ ހަގީގަތް..ދޮގެއްތަ ހަސަނާ....

  2. Anonymous

    ބޭކާރު ކަމެއް