ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދިހަ ދަޢުވާއެއްގެ ޝަރީއަތުގެ އަޑުއެހުންތައް އަންނަ އާދީއްތަ ދުވަހަށް ކްރިމިނަލް ކޯޓްގައި ބޭއްވުމަށް ތާވަލް ކޮށްފިއެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މި ދިހަ ދަޢުވާއަކީވެސް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުޙުމަތުގައި ކޮށްފައިވާ ދަޢުވާތަކެކެވެ. ޝަރީޢަތް ތާވަލް ކޮށްފައި ވަނީ އާދީއްތަ ދުވަހު ހެނދުނު 10:00 އަށެވެ.

މިއީ މިދިޔަ އަހަރުގެ ޖުލައި މަހު ދައުލަތުން އަދީބާއި ދެކޮޅަށް ދައުވާ އުފުލި މައްސަލަތަކެކެވެ. މިހުރިހާ މައްސަލަތަކަކީ ވެސް އެމްއެމްޕީއާރްސީ ހިޔާނާތާއި ގުޅުން ހުރި މައްސަލަތަކެވެ.

އަދީބު އިސްވެ ހުރި އެމްއެމްޕީއާރްސީ އިން ބިލިއަނަކަށް ވުރެ ގިނަ ދައުލަތުގެ ރުފިޔާ އަށް ހިޔާނާތްތެރިވެފައިވެއެވެ.

އަދީބުގެ މައްޗަށް ދައުވާ ކުރާ ދިހަ މައްސަލައެއްގެ ޝަރީޢަތުގެ އަޑުއެހުމެއް އާދީއްތަ ދުވަހު ބާއްވަން ތާވަލް ކޮށްފައި ވާއިރު އޭނާގެ މައްޗަށް ދައުވާ ކުރާ އަދި އިތުރު މައްސަލަތަކެއް ވެސް ކްރިމިނަލް ކޯޓުގައި ހިނގަމުން އެބަދެއެވެ. އޭގެތެރޭގައި ސްނައިޕަރަކު ބޭނުންްކޮށްގެން ރައީސް ޔާމީން އަވަހާރަ ކޮށްލަން މަސައްކަތް ކުރުމާއި ސިފައިންގެއިން ހަތިޔާރު ގެއްލުނު މައްސަލަ ހިމެނެއެވެ.

ރައީސް ޔާމީން އަވާހާރަކޮށްލަން، ރިޔާސީ ލޯންޗު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލައާއި، ފިސްތޯލައެއް ގެންގުޅުއްވި މައްސަލައާއި، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ބައެއް ދައުވާތައް ސާބިތުވެ އަދީބު މިހާރުވެސް ގެންދަވަނީ ޖުމުލަ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. މިހާރު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ އިތުރު ގިނަ ޖަލު ޙުކުމްތަކެއް އަންނާނެއެވެ.