ރަމަޟާން މަހާ ދިމާކޮށް އާއްމު ރައްޔިތުންގެ ގެދޮރު ޒީނަތްތެރި ކުރުމަށް ގޮނޑުދޮށުން ވެލި ނަގާ މައްސަލަ ފާހަގަވެފައިވާ ކަމަށާއި، ގަވާއިދާއި ހިލާފަށް ވެލި ނަގާ މީހުންނާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ދީފިއެވެ.

އީޕީއޭ އިން ބުނީ، ފަހަކަށް އައިސް، މީހުން ދިރިއުޅޭ ރަށްރަށުންނާއި، ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށުންނާއި، ފަޅުރަށްރަށުންނާއި އަދި ހިކިފަ ހުންނަ ތުނޑިތަކާއި ފިނޮޅު ފަދަ ތަންތަނުން ގިނަ އަދަދަކަށް ވެލި ނަގަމުންދާ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ.

އެހެން ނަމަވެސް މިގޮތަށް ވެލިނެގުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށް ހަލާކުވެ ރަށްގިރުމުގެ މައްސަލަ އިތުރަށް ގޯސްވެ، ތިމާވެށީގެ އެކިއެކި މައްސަލަތަކާއި ކުރިމަތި ވަމުންދާކަމަށް ވަނީ ފާހަގަކޮށްފައެވެ.

"ރަށް ގިރުމުގެ މައްސަލަތައް ހައްލު ކުރުމަކީ ނުހަނު ހަރަދު ބޮޑު އެހާމެ އުނދަގޫ ކަމެއް. ގަލާއި ވެއްޔާއި އަކިރި ނަގަންވާނީ "ރާއްޖެތެރޭގެ މީހުން އުޅޭ ރަށްރަށުން ގަލާއި، ވެއްޔާއި، އަކިރި ނެގުމާބެހޭ ޤާނޫނު" އާއި "ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުން ކުރުމާބެހޭ ޤަވާއިދު" އާއި "ދިވެހި ރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަޙައްދު ހިއްކުމާއި ފުންކުރުމުގެ ޤަވާއިދު" ގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތީން މި އެޖެންސީގެ ހުއްދަ ލިބިފައިވާ ތަންތަނުން" އެ ބަޔާނުގައި ބުނެފައި ވެއެވެ.

އީޕީއޭ އިން ބުނީ، ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރުމަށްޓަކައި ވެލި ނަގަން ހާއްސަ ކުރެވިފައިވާ ވަކި ސަރަހައްދުތަކާއި ވަކި އުސޫލުތަކެއް ކަނޑައަޅާ އެ މައުލޫމާތު ކައުންސިލްތަކާއި ހިއްސާކުރެވިފައިވާނެ ކަމަށެވެ.

"ގަވާއިދާ ހިލާފަށް ވެލިނަގާ ފަރާތްތަކާއިމެދު "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު)ގެ ދަށުން ހެދިފައިވާ (ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު) ގެ ދަށުން ފިޔަވަޅު އަޅާނެވާހަކަ ދަންނަވަން".

ފާހަގަކޮށްލަން ޖެހޭ ކަމަކީ އެ ގަވާއިދުގެ ދަށުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައްދެ

    ބޮޑެތި ފަޅުތައް ކަމާ ކަން ފަށާ ހިއްކާއިރު ކަހާތަން ހިރުވާވެސް ނުލަ

  2. އައި އެމް

    ތިގޮތަށް އިންޒާރުދީދީ ތިބޭ ، ނަގާވަރަކަށް ނަގާ މިހާރުވަނީ ނިމިފައި ، ރޯދަމަހަށް ވެލިނަގާ ބަޔަކު މިހާރު އެކަން ނުކޮށްތިބޭނެކަމަށް ހީކުރަނީތަ

  3. އަިޮލ

    އީ.ޕީ.އޭ ގެ ގަވާއިދާ ހިލާފައް ފަޅު ތައް ހިއްކާ ނަގާއިރު އެ މީހުން ނިދާފަ؟
    ނިކަމެތި ރައްޔިތުން ފިރު ކިލާއިރައް މި މީހުން ހައްޓަކު ހެއެއް ނުހުރެ!

  4. ޤާދިރު

    އީޕީއޭއަށް ބޮޑުވާނީ ދިވެހި ރައްޔިތުންގެބަޔަކު ރަށަކުން ވެލިކޮޅެއް ނަގައިފިއްޔާ. އިންޑިއާ މީހުން އައްޑޫގެ ގޮނޑުދޮށުން އެތައް ޓަނެއްގެ ވެލި ނަގައިގެން ބޭރުކުރިއިރު ކަންބޮޑެއް ނުވޭ. ތަންފުކެއް ބޮޑުވަރުތީ..