ރޯދަމަހަށް ހާއްސަ ކޮށްގެން "ވަގުތު" އިން "ވަގުތު މައިޒާން" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ގެނެސްދެން ނިންމައިފިއެވެ.

މި ޕްރޮގްރާމް ގެނެސްދެން ނިންމާފައިވަނީ ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ ހެނދުނު 10 ޖަހާއިރު "ވަގުތު" ގެ ފޭސްބުކް ޕޭޖްގައި ލައިވް މެދުވެރިކޮށެވެ.

މި ޕްރޮގްރާމަކީ "ވަގުތު" ގެ ނޫސްވެރިޔަކާއި އެކި ދާއިރާތަކުން ފުންނާބު އުސް، މީހުންގެ މެދުގައި މަގްބޫލްކަން ހޯދާފައިވާ ފަރާތްތަކާއެކު ކުރިޔަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމެކެވެ.

"ވަގުތު" ގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ގެނެސްދެން ނިންމާފައިވާ މި ޕްރޮގްރާމު އެކުލަވާލައިފައިވަނީ ތިން ސެގްމެންޓަކަށް ބަހާލައިގެންނެވެ. އެއީ، "ހަނދާންތައް"، "މިތަނުން ކޮން އެއްޗެއް؟" އަދި "ހޫނު ގޮނޑި" އެވެ.

ފުރަތަމަ ސެގްމެންޓެއްގެ ގޮތުގައި ހިމަނާފައިވާ "ހަނދާންތައް" ސެގްމެންޓުގައި ޕްރޮގްރާމުގައި ބައިވެރިވާ މީހާގެ ކުޑައިރުގެ ހަނދާންތަކުން ފެށިގެން ހަޔާތުގެ އެކި ބާބުތަކަށް އަލިއަޅުވާލާ ވާހަކަ ދެކެވޭނެއެވެ. އަދި ދެވަނަ ސެގްމެންޓެއްގެ ގޮތުގައި ހިމަނާފައިވާ "މިތަނުން ކޮން އެއްޗެއް؟" ގައި ދެ އެއްޗެއްގެ ތެރެއިން ކޮންމެވެސް އެކައްޗެއް ނަގައި، އެ އެއްޗެއް ނެގި ސަބަބު ޕްރޮގްރާމުގެ ބައިވެރިޔާ ބަޔާން ކޮށްދޭން ޖެހެއެވެ.

ޕްރޮގްރާމުގެ ތިންވަނަ ސެގްމެންޓެއްގެ ގޮތުގައި އައިސްފައިވާ "ހޫނު ގޮނޑި" ގައި ޕްރޮގްރާމްގެ ބައިވެރިޔާ އާއި އެކި ކަހަލަ ސުވާލު ކުރެވިގެންދާނެއެވެ.

މި ޕްރޮގްރާމް ގެނެސްދެން ނިންމާފައިވަނީ ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ ހެނދުނު 10 ޖަހާއިރުއެވެ.

މީގެ އިތުރުން، މި ރޯދަ މަހު "ވަގުތު" އިން ރޯދައަށް ހާއްސަކޮށް ރެސިޕީތަކާއި، ދީނީ މައުލޫމާތުތައްވެސް ގެނެސްދޭނެއެވެ. އަދި އޭގެ އިތުރުން، ރޯދަ މަހުގެ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ ރޭގަނޑު ނިޝާންގެ "ފަޅި ސިކުންތު" ވާހަކަ ގެނެސްދޭނެއެވެ.