މާލޭ ސްކޫލް ތަކުގެ ޖުމްލަ 211 ޖޫނިއާ ކެޑޭޓް ދަރިވަރުން ޤައުމީ ކެޓޭޓް ކޯއާއި އަލަށް ގުޅި، ކެޑޭޓް ކަމުގެ ހުވާކޮށްފިއެވެ.

މިއަދު ހަވީރު ތާޖުއްދީން ސްކޫލްގެ ހޯލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޖޫނިއާ ދަރިވަރުން ކެޑޭޓްކަމުގެ ހުވާކޮށްފައިވާއިރު، މިރޭ މާލޭ ސްކޫލްތަކުގެ ސީނިއާ ކެޑޭޓުންގެ ހުވާކުރުމާއި ހަތިޔާރު ހަވާލުކުރުމުގެ ރަސްމިއްޔާތު ވެސް ކުރިއަށް ގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެޑިއުކޭޝަން އޮފިސަރު އަލްފާޟިލާ ފަޒީނާ ރަޝީދެވެ. އަދި އޭގެއިތުރުން ކެޑޭޓް ކޯގެ އިސް މަޤާމުތަކުގެ ބޭފުޅުންނާއި ސްކޫލްތަކުގެ ޓީޗަރުންނާއި ދަރިވަރުންގެ ބެލެނިވެރިންވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

ޖޫނިއަރ ކެޑޭޓުން ހުވައި ކުރުމާއި އިގުރާރު ވުމަށް ބޭއްވި ރަސްމިއްޔާތު - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ފަޒީނާ ދެއްކެވި ވާހަކަފުޅުގައި އޭނާ ވަނީ މައިންބަފައިންނާއި، ޓީޗަރުންނަށާއި އަދި ވަކިން ޚާއްސަކޮށް ދީނަށް ކަމޭހިތުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެފައެވެ. އަދި މުޖުތަމުއުގައި ހިނގާ ނޭދެވޭ ގޯސް ކަންތައްތަކުގައި ބައިވެރިނުވެ، ހަރުދަނާ ދަރިންތަކަކަށްވުމަށާއި ކޮންމެ ކުއްޖަކީވެސް ޤައުމަށް ބޭނުންތެރި ބަތަލެއް ނުވަތަ ބަތަލާއަކަށް ވުމަށްވެސް ފަޒީނާ ވަނީ ނަސޭހަތްތެރި ވެފައެވެ.

ޖޫނިއަރ ކެޑޭޓުން ހުވައި ކުރުމާއި އިގުރާރު ވުމަށް ބޭއްވި ރަސްމިއްޔާތު - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިއަދުގެ މި ރަސްމިއްޔާތުގައި މާލޭގެ ދެ ސްކޫލެއް ފިޔަވައި އެހެން ހުރިހާ ސްކޫލްތަކުގެ ޖޫނިއާ ކެޑޭޓުންވަނީ ހުވާކޮށްފައެވެ. އަދި މި ރަސްމިއްޔާތުގައި ހުވާ ނުކުރަނީ ހިރިޔާ ސްކޫލާއި އަމީނިއްޔާ ސްކޫލުގެ ދަރިވަރުން ކަމަށާއި އެ ސްކޫލްތަކުގެ ޖޫނިއާ އަދި ސީނިއާ ކެޑޭޓުންގެ ހުވާކުރުންވެސް މީގެކުރިން އެހެން ރަސްމިއްޔާތެއްގައި ކުރިއަށް ގެންގޮސްފައިވާކަމަށް "ވަގުތު"އަށް މައުލޫމާތު ދެއްވަމުން ޤައުމީ ކެޑޭޓް ކޯގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ އެސިސްޓެންޓް ޑައިރެކްޓަރު ލިޔުޓަނެންޓް އިބްރާހިމް އިބްތިޝާމް ވަނީ ވިދާޅުވެފައެވެ.

"މީ ސްކޫލްތަކުގެ ވެސް މިއަހަރު ކެޓޭޑަށް އަލަށް ޖޮއިން ކުރި ކުދިން. މިނިވަން ދުވަހަށް ތައްޔާރުވުމަށް ވަރަށް ކުޑަ ވަގުތުކޮޅެއް ތެރޭގައި މި ކުދިން އަޅުގަނޑުމެން މި ތައްޔާރުކުރީ. ދެން މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ކުދިން ގިނަ" އިބްތިޝާމް އިތުރަށް ވިދާޅުވިއެވެ.

ޖޫނިއާ އަދި ސީނިއާ ކެޑޭޓުންގެ ތެރެއިން ގާތްގަނޑަކަށް 600 -650 އާއި ދެމެދުގެ އަދަދަކަށް ކުދިން މުޅި ޖުމްލަ ކެޑޭޓް ކޯއަށް މި އަހަރު އަލަށް ގުޅޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތިމަންނަ

    ހުވާ ކުރުމަކީ ކިހާވަރެއްގެ އަދި ކޮންކަމެއްކަން ނޭގޭ ބަޔަކު ލައްވާ ހުވާކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟

    • Huh

      ބުރޯ އެ ހުރިހާ އެއްޗެއް ކިޔާދީފަ އަހަރުން އެ ކަމެއް ކުރީ؟ ގެޓު؟

    • ކެޑޭޓް އެއް

      ޖަލްސާ ނުބަލާ މީހުނަށް ނޭނގޭނެ ޖަލްސާގަ ކީ އެއްޗެއް