ރޭގަނޑު 10:30ގެ ފަހުން ސިޔާސީ ހަރަކާތް ނުހިންގޭނެ ކަމަށް ފުލުހުން އިއުލާންކުރުމުގެ ކުރިން ޕީޕީއެމް އިން ބޭއްވި ނޫސްކޮންފަރެންސުގައި އެ ގަޑީގެ ފަހުން ޕީޕީއެމްގެ ހަރަކާތްތައް ނުހިންގާނެ ކަމަށް ޕީޕީއެމްގެ ނައިބް ލީޑަރު، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވާތީ ގިނަ ބައެއްގެ ފާޑުކިއުން އޭނާ އާ އަމާޒުވެފައި ވަނިކޮށް އެ ފާޑުކިއުންތަކަށް އަދުރޭ ރައްދު ދެއްވައިފިއެވެ.

"ގައުމަށްޓަކައި މަގޭ މޭ އައްޑަނަ އަކަށް" ގެ ނަމުގައި މިރޭ ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ޕީޕީއެމްގެ އެއްވުންތަކާއި ޖަލްސާތައް ކުރިއަށް ގެންދަނީ ވަކި އުސޫލުތަކެއްގެ މަތިން ކަމަށާއި އެގޮތުން އެފަދަ އެއްވެސް ހަރަކާތެއް ހިންގާ ނަމަ އެކަން ފުލުހުންނާ ހިއްސާ ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން އެންގިން މިރޭ ޖަލްސާ ބާއްވަން އުޅޭ ވާހަކަ ފުލުހުންނަށް. އެންގީމަ ވިދާޅުވީ އަޅުގަނޑުމެން އެބަ އިއުލާން ކުރަމޭ މިއަދުން ފެށިގެން 10:30ގެ ފަހުން އެއްވެސް ސިޔާސީ ހަރަކާތެއް ކުރިއަށް ނުގެންދެވޭނެ ކަން. އެހެން ވިދާޅުވީމާ އަޅުގަނޑަށް އެކަން މާކުރިން އެނގިފައިވުމުން އަޅުގަނޑު ދެންނެވި އެއްޗެއް އެއީ،" ފުލުހުންނަށް އަމުރު ކުރަނީ ސަރުކާރާއި ސަރުކާރުގައި ހިމެނޭ މަޖިލިސް މެމްބަރުން ކަމަށް ވިދާޅުވެ، ޚާއްސަކޮށް އަދުރޭއާ އަމާޒުވާހެން އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ ފުލުހުންނަށް އަމުރު ކުރަނީ އޭނާ ކަމަށްބުނެ މީސްމީޑިއާގައި އެކި ފާޑުގެ ފޮޓޯ އާންމު ކުރިއަސް އޭނާ ޖެހިލުންވާ ފަދަ އެއްވެސް ފޮޓޯއެއް ނުހެދޭނެ ކަމަށެވެ. އަދި ގައުމު އިސްލާހުގެ މަގަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތަށްވެސް ހުރަހެއް ނޭޅޭނެ ކަމަށާއި އެ މަސައްކަތް ދާނީ ކުރިއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިދިކޮޅު ފަރާތްތަކުގެ ނިވަލުގައި ފޮރުވިވަޑައިގެން ހުންނެވި ކުރީގެ ނައިބް ރައީސް، ޑރ. ޖަމީލާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ފާޑުވިދާޅުވަމުން އަދުރޭ ވިދާޅުވީ އެއީ ގައުމުގެ ޣައްދާރުން ކަމަށެވެ. އެގޮތުން ގާސިމް ދިވެހި ދައުލަތަށް ދަރާފައިވާ ފައިސާގެ މައްސަލަތައް ކޯޓުތަކުގައި އަދިވެސް ބަލަމުން ގެންދާ ކަމަށާއި އެމައްސަލަތައް އަވަސް ކުރެއްވުމަށްވެސް އޭނާ ގޮވާލެއްވިއެވެ.

ޑރ. ޖަމީލާ އަމާޒުކޮށް ފާޑުވިދާޅުވަމުން އަދަުރޭ ވިދާޅުވީ ޑރ. ޖަމީލަކީ ދިވެހިން ދަންނަ މީހެއް ނޫން ކަމަށާއި، އިންތިޚާބެއްގައި ކުރިމަތިލައްވައިފި ނަމަ ލިބޭނެ ވޯޓެއްވެސް ނޯންނާނެ ކަމަށެވެ. އަދި ފިލާ ތިބެގެން ވާހަކަ ދެއްކުމަކީ ފިނޑި އަމަލެއް ކަމަށާއި އެމަނިކުފާނު ދަންނަ މީހެއް ދިވެހި ފަސްގަނޑުގައި ނުހުންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ތުނިޔަ

    ހަހަހަ އަދުރޭ އަށް ފުލުހުންގެ ނިންމުން ކުރިން މިއަންގަނީ؟ އެވެސް މާކުރިން ފުލުހުން ނިންމަން އުޅޭގޮތް! ސަޅި

  2. މައި

    ގޮތް ހުސްވާކަށް ނުޖެހޭ. ދާޖަހާފަ ގެންގޮސް ގަސްނެތް ފިނޮޅަކަށް އަޅާލާ. މާދަމާ ލިސްޓު ކޯޓަށް ފޮނުވާ މުއްދަތު ޖަހާލާ. 200 މީހުނާހެދި 140 ހާސްމީހުން މިޖެހެނީ މިރަށުގަ ނޫލޭވުގެން. ވިޔަފާރި ހަލާކުވެއްޖެ. ދަރިއަކު ގިވައިގެން ދުއްވާލަން ދެވެނީކީ ނޫން. ކޮންފަދަ ނޮހޮރުއްޕާނެއް

  3. އަޒުބާން

    ހުރިހާކަމެއް މީނާޔަށް އޮންނަނީ އެނގިފައެ ތަނެއްދޮރެއް ނޭގޭ މީހުން ބާރުވެރިކުރުވީމާ ވާގޮތް!

  4. ނިހާ

    ހުރިހާ ކަމަކާ ބެހޭނެ

  5. ައައްޑަނަ

    އެކަމަކު އަދުރޭ ބުނޭ މީހުންގެ ޝަކުވާލިބަެތީ ޕޕމ އިން ނިއްމައިފިޔޭ 1030 ގެ ފަހުން ނުބާެްއްވަން. ދޮގުހަދާ މީހުން.

  6. ސާޔަން

    އަދުރޭ މެން ޖަލަށް ދާނެކަން މާކުރިން އަހަރުމެންނަށް ވެސް ވަނީ އިގިފައޭ

  7. ވިލުފުށި

    ރަނގަޅުކަމެއް ތޮއްޖެހިފައިވާ މި މާލޭގަ ތިގޮތައް ހަދަންޖެހޭ.